އިންޑިއާގެ އޭޓީއެމްތަކުން ފައިސާ ނެގޭ ލިމިޓު އަންނަ މަހު އުވާލަނީ

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ ---

އިންޑިއާގައި ބޭނުންކުރާ ބައެއް ފައިސާ ނޫޓުތައް މިދިޔަ އަހަރު އުވާލުމާ އެކު، ފައިސާގެ ކަންކަން ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގެ އޭޓީއެމްތަކުން ފައިސާ ނެގޭ މިންވަރަށް ލާފައިވާ ލިމިޓު، އަންނަ މަހުގެ ތެރޭގައި އުވާލާނެ ކަމަށް އެގައުމުން ބުނެފިއެވެ.

އިންޑިއާގެ ފައިސާގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ ދެ ނޫޓު ކަމުގައިވާ 500 ރުޕީސް އަދި 1،000 ރުޕީސްގެ ނޫޓު އުވާލާނެކަން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު، ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މޯދީ ވިދާޅުވީ އެ ނިންމެވުން ނިންމެވީ ގައުމުގައި އޮތް ކޮރަޕްޝަން ހުއްޓުވައި، ކަޅު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

މި ނިންމުމާ ގުޅިގެން، ރައްޔިތުންގެ އަތުގައި ހުރި ފައިސާގެ ގިނަ އަދަދެއް ބޭނުން ނުކުރެވޭ، ބާތިލު އެއްޗަކަށް ވީ އިރު، ގިނަ ބަޔަކު އޭޓީއެމްތަކުން ފައިސާ ނެގުމަށް ދިޔައެވެ. ނަމަވެސް އިންޑިއާގެ ސެންޓްރަލް ބޭންކުން އޮތީ އޭޓީއެމްތަކުންވެސް ފައިސާ ނެގުމަށް ލިމިޓެއް ކަނޑައަޅާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިޒާވް ބޭންކް އޮފް އިންޑިއާއިން ކަނޑައެޅި ލިމިޓަކީ 24،000 ރުޕީސްއެވެ.

ނަމަވެސް އެ ބޭންކުން މި ހަފްތާގައި ބުނީ ކުރިޔަށް އޮތް މާޗު މަހުހެ 13 ވަނަ ދުވަހުން ފެށިގެން އެ ލިމިޓު އުވާލާނެ ކަމަށެވެ.

މިކަން ފެބްރުއަރީ 20 ވަނަ ދުވަހުން ފަށައި، މާޗު މަހުގެ 13 ވަނަ ދުވަހަށް މުޅިން އުވަލެވޭނެ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ބުނެއެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި، އިންޑިއާގައި ދައުރުވާ ފައިސާގެ 86 ޕަސަންޓު ހިއްސާކުރީ އަދި އިގްތިސާދުގައި އެންމެ ގިނައިން ދައުރުކުރާ ވަގު ނޫޓަކީ، މިދިޔަ ނޮވެމްބަރު މަހު އުވާލި ދެ ނޫޓެވެ. އެ ދެ ނޫޓުގެ ބަދަލުގައި އިންޑިއާއިން ވަނީ 500 ރުޕީސް އަދި 2،000 ރުޕީސްގެ އާ ދެ ނޫޓުު ވެސް ނެރެފައެވެ.

comment ކޮމެންޓް