ޓްރައިކްލޯސަން: އެމެރިކާގައި ސައިބޯންޏަށް އެޅުން މަނާ، ނަަމަވެސް ކޮލްގެޓް ޓޯޓަލްގައި ބޭނުން ކުރުން ހުއްދަ

ކޮލްގެޓް ޓޯޓަލް -- ފޮޓޯ: ގެޓީ

މިދިޔަ އަހަރު ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ބެކްޓީރިއާ ނައްތާލާ ކެމިކަލްއެއް ކަމަށްވާ ޓްރައިކްލޯސަން ސައިބޯނީގައި ބޭނުން ކުރުން މަނާކޮށްފަ އެވެ. ނަމަވެސް ދަތްއުނގުޅާ ބޭސް އުފައްދާ ކުންފުނި، ކޯލްގެޓުން އުފައްދާ ކޯލްގެޓް ޓޯޓަލްގައި ޓްރައިކްލޯސަން ބޭނުން ކުރުން މަނާ ކުރަން އެފްޑީއޭއިން ވަނީ ދެކޮޅު ހަދާފަ އެވެ.

ސައިބޯނީގައި ޓްރައިކްލޯސަން ބޭނުން ކުރުން އެފްޑީއޭއިން މަނާ ކުރީ އެކެމިކަލްގެ ސަބަބުން ހަށިގަނޑަށް ބައެއް ނޭދެވޭ އަސަރުތައް ކޮށްފާނެ ކަމަށް ބުނާ ރިޕޯޓުތަކެއް އާއްމުވި ފަހުންނެވެ. އެގޮތުން 2007 ވަނަ އަހަރު ކެނެޑާގެ ޔުނިވާސިޓީ އޮފް ވިކްްޓޯރިއާއިން ޓެޑްޕޯލް ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ޓްރައިކްލޯސަންގެ ސަބަބުން ޓެޑްޕޯލްގައި ހޯމޯން އުފައްދާ މިންވަރަށް އަސަރު ކުރެ އެވެ. އަދި އޭގެ ސަބަބުން އޭގެ ހެދި ބޮޑުވުން ލަސްވެ އެވެ.

ތަފާތު ކެމިކަލްތަކާ ބެހޭ ދިރާސަތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ އެމެރިކަން ކެމިކަލް ސޮސައިޓީން 2014 ވަނަ އަހަރު އާންމު ކުރި ދިރާސާއެއްގައިވާ ގޮތުން ޓްރައިކްލޯސަންގެ ސަބަބުން އިންސާނުންގެ ކެންސަރު ސެލްތަކާއި މީދަލުގެ ކެންސަރު ސެލްތައް އިތުރުވުމަށް މަގުފަހިވެ އެވެ.

ނަމަވެސް ކޮލްގެޓްގެ ރީސާޗް އެންޑް ޑިވެލޮޕްމެންޓް ޓީމުގެ ވެރިޔާ ޕެޓްރީސިއާ ވާދުއިން ވިދާޅުވި ގޮތުގައި ޓްރައިކްލޯސަން ސައިބޯނީގައި ބޭނުން ކުރުން އެފްޑީއޭއިން މަނާކުރީ އެއީ ނުރައްކާތެރި ކެމިކަލަކަށްވާތީއެއް ނޫނެވެ. ނަމަވެސް ޓްރައިކްލޯސަން އަޅާފައިވާ ސައިބޯންޏަކީ އެހެން ސައިބޯންޏަށް ވުރެ ރަނގަޅު އެއްޗެއްކަން ސާބިތުކޮށްދެވޭ ވަަރަށް ސައިބޯނި އުފައްދާ ކުންފުނިތަކުން އެފްޑީއޭއަށް ހެކި ނުދެއްކުމުންނެވެ.

އެއާ ހިލާފަށް ކޯލްގެޓް އިން ވަނީ ކޯލްގެޓް ޓޯޓަލް ބޭނުން ކުރުމަކީ ހަށިގަނޑަށް ލިބިދާނެ ނުރައްކަލަކަށް ވުރެ އޭގެ ސަބަބުން ދަތަށާއި ހިރުގަނޑަށް ލިބޭ ފައިދާތައް ގިނަ އެއްޗެއްކަން އެތައް ދިރާސާތަކުން ސާބިތުކޮށްދީފައި ކަމަށް އެކުންފުނިން ބުނެ އެވެ. އަދި އެކުންފުނިން ވަނީ ޓްރައިކްލޯސަން ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބުނާ ރިޕޯޓުތަކާއި ހޯމޯން މައްސަލަތައް ޖެހޭ ކަމަށް ބުނާ ރިޕޯޓުތަށް ދޮގުކޮށްފަ އެވެ. އަދި ޓްރައިކްލޯސަންގެ ސަބަބުން އިންސާނުންނަށް ހޯމޯން މައްސަލަތަށް ދިމާ ނުވާކަން އިންސާނުން ބައިވެރިކޮށްގެން ހެދި ދެ ދިރާސާއަކުން ހާމަވާ ކަމަށް ކޯލްގެޓުން ބުނެ އެވެ.

ކޯލްގެޓް ޓޯޓަލްގައި ހިމެނޭ ޓްރައިކްލޯސަނަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްކަން އަދި ޔަގީން ނުވި ނަމަވެސް، އެއީ ކޮންމެ ދުވަހަކު ބޭނުން ކުރާ އެއްޗެއްކަމުން ކޯލްގެޓް ޓޯޓަލްގައި ޓްރައިކްލޯސަން ބޭނުން ކުރަން ހުއްދަ ދިނުމަކީ ބޮޑު ރިސްކެއް ނެގުން ކަމަށް، ހޯމޯން އުފައްދާ ނިޒާމަށް ކެމިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުން ދިރާސާ ކުރުމުގައި ސްޕެޝަލައިޒް ވެފައިވާ އެމެރިކާގެ ޕްރޮފެސަރު ތޯމަސް ޒޮއެލާ ވިދާޅުވެ އެވެ.

comment ކޮމެންޓް