ނަޝީދު ރައްދު: ރައްޔިތުންގެ ތާއީދު އޮތުމަކީ އަޅުގަނޑުގެ ކުށެއް ނޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފައިލް ފޮޓޯ

އެމްޑީޕީގެ މެމްބަރުންގެ ތާއީދު އޮތުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީއިން ދަނީ އެންމެ މީހެއް ވަށާ ޠަވާފު ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ވިދާޅުވި ވިދާޅުވުމަކަށް ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު ޕާޓިން މި ފެންނަނީ ހަމަ އެންމެ މީހަކު ވަށައިގެން ތަވާފު ކުރާތަން. ހަމަ އެންމެ ގިބުލައެއް ހުރެގެން އެންމެ މީހަކު ވަށައިގެން ތަވާފު ކުރަނީ. އެކަމަކު މީގަ ކޮޅެއް މެދެއް އުއްމީދެއް އެއްގޮތަކަށްވެސް ނެތް،" ރައީސް އިއްޔެ ވިދާޅުވިއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން އެމަނިކުފާނަށް ތާއީދު ކުރުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ކުށެއް ނޫން ދެއްތޯ، ބަޔަކު މީހުން އަޅުގަނޑަށް ތާއީދު ކުރާތީ،"

ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ތާއީދު ނުކުރާތީ، އަދި ރައީސް ޔާމީން ނިސްބަތްވާ ޕާޓީއިން ވެސް އެކަން ނުވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"އައްޑޫ ޔަގީން"ގެ ނަމުގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމްޑީޕީއިން ފެންނަނީ އެންމެ މީހެއްގެ ވަށައި ޠަވާފުކުރާ މަންޒަރު ކަމަށާއި، ކޮންމެ ޕާޓީއަކުން ވެސް އެހެން ލީޑަރުން އުފެއްދޭނެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި އެކަކު ވަށައިގެން ޕާޓީ ހިންގުމަށްވުރެ، އެކަން ކުރަން ވާނީ، ޕާޓީގެ އުސޫލުތަކާއި، ޕާޓީގެ ގުނަވަންތަކާއި ޕާޓީން ގަބޫލު ކުރާ ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ޕީޕީއެމް ފިޔަވާ އެހެން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތައް ނުފެންނަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް