ވިލިމާލޭގައި ޖަނަވާރުންގެ ކްލިނިކެއް ގާއިމްކުރާނެ ފަރާތެއް ހޯދަނީ

ބަކަރި ކޮށްޓެއްގެ ތެރެއިން: -- ސަން ފައިލް ފޮޓޯ

ވިލިމާލޭގައި ވެޓެރިނަރީ ކްލިނިކެއްް (އެނިމަލް ކްލިނިކެއް) ޤާއިމުކުރާނެ ފަރާތެއް ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން މީގެ ކުރިން، މިދިޔަ ޑިސެމްބަރުގައި މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލިއެވެ. ނަމަވެސް މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ ކަމަށް ހުޅުވާލުމުން އެކަށީގެންވާ ޢަދަދަށް ޕްރޮޕޯޒަލް ލިބިފައިނުވާތީ އަލުން އެކަމަށް ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުގައި، މިނިސްޓްރީއާ ގުޅިގެން ވިލިމާލޭގައި ވެޓެރިނަރީ ކްލިނިކެއް ޤާއިމުކުރުމަށް ބޭނުންވާ ފަރާތްތަކުން، މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު 26 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.

ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީގެ ކުރިން ވިދާޅުވީ ރާއްޖޭގައި ވެޓެއް (އެނިމަލް ޑޮކްޓަރެއް) ނުހުންނާތީ އާ ވެޓެއް ހަޔާ ކޮށްގެން އެ ޚިދުމަތް ހިލޭ ދެމުން ދާ ކަމަށެވެ. އޭނާގެ ޚިދުމަތް ހިލޭ ދެމުންދާއިރު، ގޭގެއަށް ގޮސްގެންވެސް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އޭނާގެ ޚިދުމަތް ދެމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ވަކިން ވެޓެއް ގެނެސްގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރާއްޖޭގަ އަދި އެސާވިސް ދެވެން ނެތީމާ. ރަށް ރަށަށް ފޮނުވުމަށާއި އެކި އެކި ގޭތަގަކަށް ބޭނުންވީމާ ބައެއް ކަހަލަ ޕެޓްސްތަކަށް ވެސް އަޅުގަނޑުމެން ހިލޭ ސާވިސް އެބަ ދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން އެނިމަލް ޑޮކްޓަރުގެ ޚިދުމަތް ދެމުން ދަނީ ބިދޭސީ ޑޮކްޓަރެއް ހަޔާކޮށްގެންނެވެ. ދިވެހިންނަކީ ޕެޓް ގެންގުޅުމަށް ލޯބި ކުރާ ބަޔަކަށްވާ އިރު އެގޮތަށް ގެންގުޅޭ ޖަނަވާރުތަކަށް ބަލި ޖެހުން ފަދަ ކަންކަމާ ހުރެ އެ ޖަނަވާރުތައް މަރުވާ ފަހަރު ގިނަ އެވެ. މި ޚިދުމަތަކީ ދިވެހިން ވަރަށް ބޭނުންވެފައި އޮތް ޚިދުމަތެކެވެ.

comment ކޮމެންޓް