'ސަރްކާރް 3' ރިލީޒް ކުރުން ފަސްކޮށްފި

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް ރާމް ގޯޕާލް ވަރްމާގެ 'ސަރްކާރް' އޭޕްރީލް މަހު ރިލީޒް ކުރަން ނިންމައިފި އެވެ.

'ސަރްކާރް 3' އަކީ ރާމް ގޯޕާލް ވަރްމާ ޑައިރެކްޓު ކުރާ 'ސަރްކާރް' ސީރީޒްގެ ތިން ވަނަ ފިލްމެވެ.

އެ ފިލްމި ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ ވަރުން ދަވަން އަދި އާލިއާ ބަޓްގެ 'ބަދްރިނާތު ކީ ދުލްހަނިޔާ' ރިލީޒް ކުރާތާ ހަފްތާ އެއް ފަހުންނެވެ.

ނަމަވެސް ރާމް ގޯޕާލް ވަރްމާ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އެއީ އޭނާގެ އުފަންދުވަހެވެ.

'ސަރްކާރް 3' ގެ ލީޑު ރޯލުން ފެނިގެން ދާނީ އާމީތާބު ބައްޗަން އެވެ. އެ ފިލްމުގައި އަމީތާބުގެ އިތުރުން ދެން މުހިންމު ރޯލު ތަކުން ދެން ފެނިގެން ދާނީ މަނޯޖް ބާޗްޕާއީ، ޖެކީ ޝްރޯފް، ރޮނިތު ރޯއި، އަމިތު ސަދް އަދި ޔަމީ ގޯތަމް އެވެ.

ޔަމީ ގޯތަމް އަދާކުރާނީ އަންނޫ ކަރްކަރޭގެ ރޯލެވެ. އެ ފިލްމުގައި ފެނިގެން ދާނީ ސަރުކާރުގެ ފަރާތުން އަންނޫގެ ބައްޕަ، ގޯވިންދު ދެޝްޕާންޑޭ (މަނޯޖް ބާޗްޕާއީ)ގެ މަރުގެ ބަދަލު ހިފުމަށް އޭނާ ކުރާ މަސައްކަތްތަކެވެ.

comment ކޮމެންޓް