ޕާޓީއެއްތަ، ނޫނީ އަމިއްލަ ކުންފުންޏެއްތަ؟

އެމްޑީޕީގެ މުޒާހަރާއެއްގައި އަންހެނުންތަކެއް --- ފޮޓޯ: އޭޕީ

ތިމާއަށް ފުރުސަތު ނުލިބޭ ނަމަ މިޕާޓީ އިންތިހާބަށް ނުނިކުންނާނެ ކަމަށް އެއްބަޔަކު ބުނަނީ އެވެ. އެހެން ޕާޓީތަކުން ވެސް އެފެންވަރަށް ނޫން ނަމަވެސް އެފާޑެއްގެ އަޑުތަކެއް އަރަ އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެ ހޭދައެއް ކުރާ އިރު ސުވާލަކީ ގައުމު ހަލަބޮލިކޮށް ގެނައި ޑިމޮކުރަސީއަކީ މިއީތޯ އެވެ؟

ކުޑަކާފާއި ބޮޑު ކާފުގެ ވާހަކައާއި އެކެއްގެ އަތްމައްޗަށް ހުރިހާ ބާރެއް އޮތްއޮތުން ނިމުމަކަށް ގެނައީ، ޒަމާނީ ޑިމޮކްރަސީ ގާއިމްކުރުމަށެވެ. މުޅި ގައުމު ހަލަބޮލިކޮށް 2008 ވަނަ އަހަރު ފެހި ގާނޫނު އަސާސީއެއް އުފައްދަން މަޖުބޫރު ކުރިވި ސަބަބަކީ އެއީ އެވެ. އެ ގާނޫނު އަސާސީ ބުނާ ގޮތުން ބާރުތައް ފެށެނީ ވެސް އަދި ނިމޭނީ ވެސް ރައްޔިތުންގެ ކިބައިންނެވެ. އޭގެ މާނައަކީ ކަންކަން ނިންމާނީ ރައްޔިތުންގެ މެޖޯރިޓީންނެވެ.

ޑިމޮކްރަސީގެ ނަމޫނާއެއް ކަމަށް އަބަދު ވެސް ވިދާޅުވަމުންގެންދާ ރައީސް މުހައްމަދު ނަޝީދު 2018ގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ކުރިމަތިނުލެއްވޭ ނަމަ އެމްޑީޕީން އިތުރު ކެނޑިޑޭޓެއް ނުނެރޭނެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނީ އެމަނިކުފާނު ކަމަށާއި އެ މަނިކުފާނުގެ ނަން އިލެކްޝަނުން ގަބޫލު ނުކޮށްފި ނަމަ އެ ޕާޓީން ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

2010 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިންގައި ރައީސް ނަޝީދު އަރިހުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ-- ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ އިން ނިންމާނީ އެހެން ކެނޑިޑޭޓަކަށް ތާއީދު ދިނުމަށް. އެމްޑީޕީ އިން ކޮންމެ ގޮތަކަށް ވެސް ބޭނުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ 27،805 އާންމު މެމްބަރުންގެ ނިންމުމަކާއި ނުލައި ރައީސް ނަޝީދު އެގޮތަށް ވިދާޅުވިި އިރު އެއީ އެ ޕާޓީ އަށް ރިޔާސީ ކެނޑިޑޭޓެއްގެ މަގާމު ގެއްލޭނެ ކަމެކެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސް ކަމަށް ކުރިމަތިލެވޭ ސަބަބުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާ މީހެއް ނަމަ އެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ތިން އަހަރުވެފައިވާން ޖެހެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 2015 ވަނަ އަހަރު، 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެހެންކަމުން ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް ނަޝީދަށް 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ރައީސް ނަޝީދާއި ވާދަކުރައްވަން އުޅޭ ކޮންމެ ބޭފުޅަކު އެޕާޓީން ވަކިވެ ދާން ޖެހޭ ވާހަކައަކީ ވެސް އެޕާޓީން ތެރެއިން ދެކެވޭ ވާހަކައެކެވެ.

"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ(ހެން). ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވެ އެވެ.

ދެން އޮތީ އިލެކްޝަނުން ފަހުން ގެނައި ބަދަލުތަކާ އެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް އެވެ. އެ ޕާޓީގައި 37،633 މެމްބަރުން ހިމެނޭ އިރު، ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް ޔާމީނަށް ދިނުމާ ބެހޭ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ މެދުކައި ވަނީ ކޯޅުމެއް ފެށިފަ އެވެ. ރިޔާސީ ނިޒާމެއް ހިންގާ އެންމެ ބޮޑު ޑިމޮކްރެސީ އެމެރިކާގައި ދެ ވަނަ ދައުރުގައި ސިޓިން ޕްރެޒިޑެންޓަށް ޓިކެޓް ދިނުމަކީ އާންމު އުސޫލެވެ. އެކަމަކު އެކަން ނިންމަނީ ޑެލިގޭޓް ވޯޓުންނެވެ.

ރައީސް ޔާމީން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ވެސް ބޮޑެވެ. ކަން އެހެން އޮތުމުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ސިޔާސީ ޕާޓީތަކަށް ބޮޑު ހޭދައެއް ކުރެ އެވެ. މިދިޔަ އަހަރު އެކަނި ވެސް 23 މިލިއަން ރުފިޔާ ދިނެވެ. އެހާބޮޑު ހޭދައެއް ކުރަނީ ރައްޔިތުންގެ ބަސް ހިމެނޭ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށެވެ. ނަމަވެސް ފެންނަ މަންޒަރަކީ އަމިއްލަ ކުންފުންޏެއްގައި، ތިމާއަށް ފެންނަ ގޮތަކަށް ދައުލަތުގެ ހަރަދު ބޭނުންކޮށްގެން ޕާޓީ ހިންގުމެވެ. ސިޔާސީ ޕާޓީއަކަށް ލިބޭ އެންމެ ބޮޑު އެއް ފުރުސަތު ކަމަށްވާ، ގައުމުގައި ވެރިކަން ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގެ ހައްގު ވެސް މިހާރު އޮތްގޮތުން ގެއްލެ އެވެ.

ރައްޔިތުންގެ ބާރެއް ނެތް!

މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން، ނަން ނުޖެހުން ޝަރުތުކޮށް މައުލޫމާތު ދެއްވި، ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޕާޓީއަކުން ޕްރައިމަރީއެއް ނުބާއްވާ ނަމަ ނުވަތަ ވަކީ މީހަކަށް ނޫނީ އިންތިހާބްތަކަށް ކުރިމަތި ނުލެވޭ ނަމަ އޭގެ މާނައަކީ އެ ޕާޓީގެ މެމްބަރުންނަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަށް ފެންނަ ބޭފުޅަކު ހޮވުމުގެ އިހުތިޔާރު ނެތުމެވެ.

"ރައީސް ނަޝީދު ނޫނީ ޕީޕީއެމް އިން އެގޮތަށް އެވިދާޅުވާ ގޮތުން ނަމަ ސިޔާސީ ޕާޓީއެއްގެ އެންމެ އަސާސީ މަގުސަދު ފަންކްޝަން އެޕާޓީތަކުން ފުރިހަމަ ނުކުރުމަށް އެނިންމެވީ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ޑިމޮކްރަޓިކް ގައުމުތަކަށް ބަލާ އިރު ޕާޓީތަކުގެ ޕްރައިމަރީތަކަކީ ވެސް ވާދަވެރި އިންތިހާބު ތަކެކެވެ. އެއީ ގިނަ ބަޔަކު ވެރިކަމަށް އައުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް މިހާރު ރާއްޖޭގައި މި އަމަލުކުރާގޮތުން އިތުރު ފަރާތްތަކަށް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލެ އެވެ.

"ޕްރައިމަރީއަށް ބެލިޔަސް އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުލިބޭނެ ނިޒާމެއް ރޭވުމުގެ ނަތީޖާއަކަށް ވާނީ އެޕާޓީއެއްގައި ތިބި ވެރިކަމަށް އުންމީދު ކުރާ މީހުންނަށް އެފުރުސަތު ނުލިބުން އެކަންޏެއް ނޫން. ދިވެހި ގައުމުގައި ވަކިފަރާތަކަށް ނުޖެހި ދިވެހި ރާއްޖެއަށް ހަމަޖެހުން ގެނެސް ދޭނެ ވެރިއަކަށް ވޯޓް ލުމުގެ ހައްގު ވެސް އެހަމައިން ނިގުޅައި އެބަގަނެވޭ،" ސިޔާސީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ފަރާތުން ވިދާޅުވި އެވެ.

ޑިމޮކްރަސީގެ ވާހަކަ ހަރުއަޑުން ދެއްކި ނަމަވެސް ކަން މިހިނގަނީ ހަމަ ރަސްކަމެއްގެ މަގުންނެވެ. ވަކި މީހެއްގެ ފަހަތުން ދުވުން ނޫންކަމެއް ނެތެވެ. ވަކި މީހެއްގެ މުދަލަކަަށް ޕާޓީ ހެދުން ނޫން މަންޒަރެއް ނުފެނެ އެވެ. އެމީހަކާ ވާދަކޮށްފާނެހެން ހީވާ ނަމަ ހަމަ ބޭރެވެ. މިއީ ހަމަ އަމިއްލަ ކުންފުންޏެކެވެ.

comment ކޮމެންޓް