އިދިކޮޅު ޕާޓީން ފެންނަނީ އެކަކު ވަށައިގެން "ތަވާފު" ކުރާތަން: ރައީސް

އައްޑޫއިން ޕީޕީއެމްއާއި ގުޅުނު މެމްބަރުންގެ ފޯމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީން ފެންނަނީ އެކަކު ވަށައިގެން ތަވާފު ކުރާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އައްޑޫއިން ގިނަ ބަޔަކު ޕީޕީއެމާ ގުޅުން ފާހަގަ ކުރުމަށް "އައްޑޫ ޔަގީން"ގެ ނަމުގައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާޓީއެއް ހިންގަން ވާނީ އެކަކު ވަށައިގެން ނޫން ކަމަށާއި، ނަަމަވެސް އިދިކޮޅު ޕާޓީން ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު ޕާޓިން މި ފެންނަނީ ހަމަ އެންމެ މީހަކު ވަށައިގެން ތަވާފު ކުރާތަން. ހަމަ އެންމެ ގިބުލައެއް ހުރެގެން އެންމެ މީހަކު ވަށައިގެން ތަވާފު ކުރަނީ. އެކަމަކު މީގަ ކޮޅެއް މެދެއް އުއްމީދެއް އެއްގޮތަކަށްވެސް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ޕާޓީއަކުން ވެސް އެހެން ލީޑަރުން އުފެއްދޭނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަކު ވަށައިގެން ޕާޓީ ހިންގުމަށްވުރެ، އެކަން ކުރަން ވާނީ، ޕާޓީގެ އުސޫލުތަކާއި، ޕާޓީގެ ގުނަވަންތަކާއި ޕާޓީން ގަބޫލު ކުރާ ގޮތަށް ކަމަށެވެ.

"ޕާޓީ އަކީ ޕާޓީގެ އާއްމު މެމްބަރުންގެ ޕާޓީއެއް. ޕާޓީގެ އާއްމު މެމްބަރުން އުސޫލުތަކެއް ކަނޑައަޅާފައި، ބަޔަކު އިންތިހާބުކޮށްފަ މިއޮތީ އުސޫލުން ކަންތައް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުގެ ހަރަކާތްތައް ފެނިގެން ނުދާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ދައުރު ނިމިގެންދާއިރު، އެ ޕާޓީގެ ތެރެއިން ވެރިކަން ކުރާނެ، އަދި ޒިންމާދާރު މަގާމުތަކަށް ބަޔަކު ތަރުބިއްޔަތު ކުރެވެން ވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ހަރަކާތްތަކުން ފެނިގެންދަނީ ޒިންމާ އުފުލާނެ ހީވާގި އެތައް ބަޔަކު ތިބިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އައްޑޫ ސިޓީން ޕީޕީއެމާ ގުޅުނު 700 އަށްވުރެ ގިނަ މެމްބަރުންގެ ފޯމް ވަނީ އެ ޕާޓީއާ ހަވާލު ކުރައްވާފަ އެވެ. ފޯމް ތަކާ ޕާޓީގެ ފަރާތުން ހަވާލުވެލެއްވީ، އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން އެވެ.

comment ކޮމެންޓް