އިމްރާންގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޓެރަރިޒަމް ހުކުމްގެ މިއަދު ބާއްވަން ތާވަލްކުރި އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު 10:30 ގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ކީއްވެ ކަމެއް ހައިކޯޓުން އަދި ނުބުނެއެވެ.

މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކުރީ އަޑުއެހުން ނިންމާލާފައި އޮންނަތާ ދިހަ މަސް ފަހުންނެވެ.

ދެން ބާއްވާ އަޑުއެހުމުގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ނުބެލެވެއެވެ. އެއީ އެ މައްސަލައިގެ ބެންޗުގައި ހިމެނި ވަޑައިގެން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާން ހައިކޯޓު ދެކުނުގޮތްޕަށް ބަދަލުކުރުމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗަށް ބަދަލު އަންނާނެތީ އެވެ.

އާންމު އުސޫލެއްގެ ގޮތުން ވެސް އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފި ނަމަ އިތުރު އަޑުއެހުމެއް ބާއްވަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރު ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އެ މައްސަލަ އިމްރާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު 12 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް