ޕަދްމާވަތީގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ: ޝާހިދު

ޝާހިދު ކަޕޫރު --

'ޕަދްމާވަތީ' ގެ ސެޓަށް އެއްވި ބަޔަކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ހަމަލާ ދިނުމުގެ ސަބަބުން ފިލްމުގެ ޝޫޓިން މެދުކަނޑާލާފައި އޮތް ނަމަވެސް، ވަރަށް އަވަހަށް އަލުން ޝޫޓިން ފަށާނެ ކަމަށް ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ ޝާހިދު ކަޕޫރު ބުނެފި އެވެ.

ޖެއިޕޫރުގައި ހުންނަ ޕަދްމާވަތީގެ ސެޓަށް ގޮސް ބަންސާލީއަށް ހަމަލާދީފައި ވަނީ'ޕަދްމާވަތީ' އާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ރާޖްޕުތު ކަރްނީ ސޭނާ ކިޔާ ގްރޫޕަކުންނެވެ.

ރާޖްޕުތު ކަރްނީ ސޭނާގެ މެމްބަރުން ވަނީ ބަންސާލީގެ މޫނުމަތީގައި ޖަހައި، އޭނާގެ އިސްތަށިގަނޑަށް ދަމައި އަނިޔާކޮށްފައެވެ. އޭގެ އިތުރުން ސެޓުގައި ހުރި ބައެއް ސާމާނުތަކަށް ވެސް ގެއްލުންދީފައިވެއެވެ.

އެ ގްރޫޕުން ޕަދްމާވަތީ އުފެއްދުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުން އަންނަނީ އެ ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް ޝާހިދު ބުނީ، ތާރީޚު އޮޅުވާލާފައި ވާކަމަށް ނުވަތަ ނޫން ކަމަށް ވެސް ނިންމޭނީ ފިލްމު ބެލުމަށް ފަހުގައި ކަމަށެވެ.

"އަހަރެން ނެތިން މާ ގިނަ ވާހަކަ ދައްކާކަށް. އަހަރުމެން ބޭނުން ވަނީ ޝޫޓިން ނިންމަން. ވަރަށް އަވަހަށް އަލުން ޝޫޓިން ފެށޭނެ. އަދި ޝޫޓު ކުރުން ކުރިއަށް ވެސް ދާނެ،" އޭނާ ބުންޏެވެ.

ޝާހިދު ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ރަންގޫން' ގެ ޕްރޮމޯޝަން ކަންތައްތަކުގައި އުޅޭތީ މާ ގިނަ ތަފްސީލެއް ނޭނގޭ ކަމަށެވެ.

ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

comment ކޮމެންޓް