"ޓްރީ މޭން" ސިންޑްރޯމްގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި

ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި ސަހާނާއަކީ ޓްރީ މޭން ސިންޑްރޯމް ހުންނަ ފުރަތަމަ އަންހެން ކުއްޖާ -- ފޮޓޯ/ އީޕީއޭ

ދުނިޔެއިން މަދުން ފެންނަ ބައްޔެއް ކަމަށްވާ 'ޓްރީ މޭން ސިންޑްރޯމް' ޖެހުނު އުމުރުން 10 އަހަރުގެ ބަނގުލަދޭޝް ކުއްޖާ، އެ ބަލިން ރަނގަޅުކުރުމަށް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

ޓްރީ މޭން ސިންޑްރޯމް ޖެހުނު ފުރަތަމަ އަންހެން ކުއްޖާ ކަމަށް ބެލެވޭ ސަހާނާ ކަތުންގެ ކާމިޔާބު އޮޕަރޭޝަން ކޮށްފައިވަނީ ޑާކާގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ. އަދި ފަގީރު އާއިލާއަކަށް ނިސްބަތްވާ ކަތުންގެ އޮޕަރޭޝަން ކޮށްފައިވަނީ ހިލޭއެވެ.

އޮޕަރޭޝަން ކުރި ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ކަތުންގެ ކަންފަތާއި ނޭފަތުގެ އިތުރުން ދަތްދޮޅިން ފަޅާފައިހުރި ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެހިތައް އޮޕަރޭޝަން ކޮށް ނަގާފައިވާއިރު، މަދުވެގެން ހަފްތާއެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެއެވެ.

ހަމައެކަނި ފިރިހެނުންގެ ގައިން މީގެ ކުރިން ފެނިފައިވާ ޖެނެޓިކް ބައްޔެއް ކަމަށްވާ ޓްރީ މޭން ސިންޑްރޯމް ނުވަތަ އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ޖެހުމުން، ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް ހަށިގަނޑުގައި ފަޅައެވެ.

މީގެ ކުރިން ވެސް ޓްރީ މޭން ސިންޑްރޯމް ޖެހުމުގެ ސަބަބުން ބަންގުލަދޭޝްގެ އެހެން މީހަކަށް ވެސް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އަބުލް ބަޖަންދަރު ނަމަކަށް ކިޔާ އެ މީހާގެ އަތާއި ފައިގައި ފަސް ކިލޯގެ އެއްޗެހި ފަޅާފައި ވުމުން 10 އަހަރު ވަންދެން އޭނާއަށް އެއްވެސް މަސައްކަަތެއް ނުކުރެވެ އެވެ.

ނަމަވެސް މިއަހަރުގެ ކުރީކޮޅު، 16 އޮޕަރޭޝަނަށް ފަހު ބަޖަންދަރު ވަނީ އެބަލިން ރަނގަޅުވެފައެވެ.

ކަތުންގެ އޮޕަރޭޝަން ކާމިޔާބު ވުމުން އުފާވެފައި ހުރި އޭނާގެ ބައްޕަ މުހައްމަދު ޝާހްޖަހާން ބުނީ، ކަތުން ގެއަށް ގެންދަން ކެތް މަދުވެފައިވާ ކަމަށާއި އަލުން ސްކޫލަށް ފޮނުވޭނެތީ އުފާ ކުރާ ކަމަށެވެ.

comment ކޮމެންޓް