ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފްގެ ޖާގައެއް ހޯދައިފި

7 ފެބްރުއަރީ 2017: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ކުލަބް ވެލެސިއާއާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލު ކުރިމެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން އެ މެޗުކާމިޔާބް ކުރީ ކުލްބް ވެލެންސިއާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ރައުންޑުގެ ދެވަނަ ލެގުގައި ރާއްޖޭގެ ކްލަބު ވެލެންސިއާއާއި ބޫޓާންގެ ތިމްޕޫ އެފްސީ ބައްދަލުކުރި މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ވެލެންސިއާއިން އެ މުބާރާތުގެ ޕްލޭ އޮފް ރައުންޑުގެ ޖާގައެއް ހޯދައިފިއެވެ.

ޕްރިލިމިނަރީ ރައުންޑުގެ ފުރަތަމަ ލެގުގައި މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެ މެޗު ކުޅުނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ތިމްޕޫ ސިޓީގައެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ ނަތީޖާއަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

7 ފެބްރުއަރީ 2017: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ކުލަބް ވެލެސިއާއާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލު ކުރިމެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން އެ މެޗުކާމިޔާބް ކުރީ ކުލްބް ވެލެންސިއާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޫޓާންގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރީން ތަކެއް ހިމެނޭ ތިމްޕޫގެ ގޯލް ވެލެންސިއާއަށް ހުޅުވާލަ ދިނީ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ފޯވާޑް ހަމްދާން އިބްރާހީމެވެ. މެޗުގެ 78 ވަނަ މިނިޓްގައި އޭނާ އެ ލަނޑު ކާމިޔާބުކުރީ، ވެލެންސިއާގެ އޭރިޔާތެރެއިން ތިމްޕޫގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ވެސްޓް ދިން ރީތި ބޯޅައެއް ތިމްޕޫގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

7 ފެބްރުއަރީ 2017: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ކުލަބް ވެލެސިއާއާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލު ކުރިމެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން އެ މެޗުކާމިޔާބް ކުރީ ކުލްބް ވެލެންސިއާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެލެންސިއާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްދާން ތަނަވަސްކޮށްދިން ފުރުސަތަކުން، 85 ވަނަ މިނިޓްގައި ޗިނޯންޔޭ ޗިންޑާ ޕްރިންސެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ، އަހުމަދު ރިލްވާން (ރިލޭ)އެވެ. ރިލޭ އެ ލަނޑު ކާމިޔާބުކުރީ، ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ވަރަށް ރީތިކޮށް، އެޓީމުގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި، ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

7 ފެބްރުއަރީ 2017: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ކުލަބް ވެލެސިއާއާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލު ކުރިމެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން އެ މެޗުކާމިޔާބް ކުރީ ކުލްބް ވެލެންސިއާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނަތީޖާއާއެކު ވެލެންސިއާއަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ދިއުމުގެ ދޮރު ހުޅުވިފައިވާއިރު، ޕްލޭއޮފްގައި އެޓީމު ވާދަކުރާން ޖެހޭ ޓީމެއް އެނގޭނީ، މިރޭ ކަލްކަތާގައި ސްރީލަންކާގެ ކޮލަމްބޯ އެފްސީ އާއި އިންޑިއާގެ މޯހަންބަގާން ކުޅޭ މެޗަށް ފަހުއެވެ. ވެލެންސިއާ ކުޅެން ޖެހޭނީ، މި ދެޓީމުންކުރެ، ދެ ލެގްގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ.

ކޮލަމްބޯ އެފްސީއާ ދެކޮޅަށް، މޯހަން ބާގަން ކުޅުނު، ޕްރިމިލިނަރީ ބުރުގެ ފުރަތަމަ ލެގުން އެޓީމު ވަނީ، 2-1 އިން މޮޅުވެފައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮގައި ވެލެންސިއާ މޮޅުވެއްޖެ ނަމަ ވެލެސިއާ، ނުވަތަ އެޓީމާ ވާދަކުރާޓީމެއް މޮޅުވެއްޖެ ނަމަ އެޓީމެއް ގްރޫޕް ސްޓޭގައި ވާދަކުރާން ޖެހޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނޭ ގްރޫޕުގައެވެ.

ޕްލޭއޯފް ބުރުގައި ވެލެންސިއާ ކުޅޭ ފުރަތަމަ ލެގު މެޗު މިމަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ލެގު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ފުރަތަމަ ލެގު މެޗަކީ ވެލެންސިއާގެ ހޯމް މެޗެވެ.

* މި މެޗާ ގުޅޭ އިތުރު ފޮޓޯތައް

comment ކޮމެންޓް