ދިހަ މަސް ފަހުން އިމްރާނުގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް މާދަމާ

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ --- ސަންފައިލް ފޮޓޯ

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮންނަތާ 10 މަސް ފަހުން މާދަމަ އަށް ޝަރީއަތް ތާވަލުކޮށްފި އެވެ.

މިދިއަ އަހަރު އޭޕްރީމް ހަތް ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.

އެމައްސަލައިގެ ޝަރީއަތް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ 10:15 އަށެވެ. އަޑުއެހުންތައް ނިންމާލާފައިވީ ނަމަވެސް މާދަމާ ހުކުމް އިއްވާނެ ކަމަކަށް ނުބެލެ އެވެ.

އެއީ އެ މައްސަލައިގެ ބެންޗުގައި ހިމެނި ވަޑައިގެން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާން ހައިކޯޓު ދެކުނުގޮތްޕަށް ބަދަލުކުރުމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗަށް ބަދަލު އަންނާނެތީ އެވެ.

އާންމު އުސޫލެއްގެ ގޮތުން ވެސް އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފި ނަމަ އިތުރު އަޑުއެހުމެއް ބާއްވަ އެވެ.

މޭޑޭ 2015ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރު ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އެ މައްސަލަ އިމްރާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު 12 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް