އެއާ ފްރާންސް މި އަހަރުގެ ފަހުކޮޅުގައި ރާއްޖެ އަންނަނީ

އެއާ ފްރާންސްގެ ފްލައިޓެއް ----

ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސްއިން ރާއްޖެއަށް މިއަހަރުގެ ފަހުކޮޅު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

އެއާ ފްރާންސުން ބުނީ، މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، އެ އެއާލައިނުން މާލެއާއި ޕެރިސްއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ.

އެއާ ފްރާންސްގެ ފްލައިޓުތައް ރާއްޖެ އަންނާނީ ހަފްތާގެ ބުރާސްދަތު އަދި ހޮނިހިރު ދުވަހު އެވެ. ރާއްޖެ އިން އެނބުރި ފްރާންސްއަށް ދާނީ ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ.

އެއާ ފްރާންސުން މާލެއަށް ދަތުރު ކުރާނީ އެެ އެއާލައިނުގެ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކުގަ އެވެ. އެ ބޯޓުތަކުގައި ޖުމްލަ 312 ސީޓު ހުރެ އެވެ. އެއީ ބިޒްނަސް ކްލާހުގައި 28 ސީޓު، ޕްރީމިއަމް އިކޮނޮމީގައި 24 ސީޓު އަދި އިކޮނޮމީ ކްލާހުގައި 260 ސީޓެވެ.

އެއާ ފްރާންސްގެ ސީއީއޯ ފްރެންކް ޓާނާ ވިދާޅުވީ އެއާ ފްރާންސް މާލެއަށް ދަތުރުތައް ފެށުމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލޭޝާ މަންޒިލުތަކުގައި އެ އެއާލައިނުގެ ޚިދުމަތް ވަރުގަދަވުން ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މީގެ ކުރިން ބުނި ގޮތުގައި މި އަހަރުގެ ތެރޭގައި ބޭރުގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް އަލަށް ފަށާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އެއާލައިނެއް ވެސް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި، އެއާ ފްރާންސްގެ އިތުރުން ދެން ރާއްޖެއަށް ދަތުރުތައް ފަށާނީ ޗައިނާގެ ގައުމީ އެއާލައިން، އެއާ ޗައިނާ އެވެ. އަދި އިންޑިއާގެ އެއާލައިނެއް ވެސް މިއަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ.

comment ކޮމެންޓް