ހިޔާނާތާއި ރިޝްވަތުގެ ކުށް ސާބިތުވި މީހުންނަށް ކައުންސިލަށް ވާދަ ކުރެވޭ ގޮތަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) -- ފޮޓޯ/ މަޖިލިސް

އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާއި ބެހުމާއި ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ނުލެވޭ ގޮތަށް ހަދާފައި ވަނިކޮށް، އެ މީހުންނަށް ކުރިމަތިލެވޭ ގޮތަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ މުހައްމަދެވެ. އޭނާ އެ އިސްލާހު ހުށަހެޅީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ވާން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހުގައި ވާގޮތުން ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ވިޔަސް އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކޮށްފައިވާ ނަމަ އުމުރުގެ އެއްވެސް ހިސާބެއްގައި އިންތިހާބުގައި ވާދައެއް ނުކުރެވޭނެ ކަމަށެވެ. އަދި ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި މީހުންނާއި ރޭޕުގެ ކުށް ސާބިތުވި މީހުންނަށް ވެސް އުމުރުގެ އެއްވެސް ހިސާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ކޮންމެ ކުށެއްކޮށް ބޮޑު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެއް ނަމަވެސް ހުކުމް ތަންފީޒު ކުރާތާ ދެ އަހަރު ފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

އަލީ މުހައްމަދު ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ވީހާ ވެސް ގިނަ ބަޔަކަށް އިންތިހާބުގައި ވާދަކުރެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ އެ ބިލްގެ އިބްތިދާއީ ބަހުސް މިހާރު ފަށައިފި އެވެ.

ސަރުކާރަށް ތާއީދުކުރާ މެމްބަރަކު ހުށަހެޅި އެ ބިލަށް ސަރުކާރުގެ ބައެއް މެމްބަރުން ވެސް ފާޅުގައި ދެކޮޅު ހަދަމުންދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ އެއީ ސަރުކާރުން ތާއީދުކޮށް ހުށަހަޅާފައިވާ ބިލެއް ކަމަށް ގަބޫލުކުރެވެން ނެތް ކަމަށެވެ.

ބައެއް މެމްބަރުން ވިދާޅުވީ ބިލް ހުށަހަޅާފައި ވަނީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގައި މަޝްވަރާނުކޮށް ކަމަށެވެ.

އެ ބިލަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ވާގޮތުން ފުލްޓައިމްކޮށް ތަނެއްގައި ކިޔަވާ ދަރިވަރަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް މާއްދާ ބާތިލު ވެގެންދާނެ ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވިދާޅުވި އެވެ.

comment ކޮމެންޓް