ބެޓަރީގައި މައްސަލަ އުޅޭ ކަމަށް ބުނެ ޔޫއޭއީ އިން 88،000 އައިފޯނު އަނބުރާ ނަގަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އެޕަލް ކުންފުނިން ވިއްކި އައިފޯން 6 އެސް ސީރީސްގެ ފޯނުތަކުގެ ބެޓަރީގައި މައްސަލަ އުޅޭކަމަށް ބުނެ 88،000 އައިފޯނު އަނބުރާ އެޕަލްއަށް ނެގުމަށް ނިންމައިފި އެވެ.

ޔޫއޭއީގެ އިކޮނޮމީ މިނިސްޓްރީގެ ކަންޒިއުމާ ޕްރޮޓެކްޝަން ޑިޕާޓްމެންޓުގެ ހެޑު، ހާޝިމް އަލް ނުއައިމީ ވިދާޅުވީ، މިދިޔަ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހާ ދެމެދުގެ މުއްދަތުގައި ޗައިނާގައި އުފައްދާދައިވާ އައިފޯނުތަކެއް ޔޫއޭއީގައި ދައުރުވަމުންދާ ކަމަށާއި، އެފޯނުތަކުގެ ބެޓަރިތަކުގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެތަކެތި އަނބުރާ އެޕަލް ކުންފުންޏާ ހަވާލު ކުރުމަށް އެކުންފުނިން އެމިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބެޓަރީގައި މައްސަލަ ޖެހިފައިވާ ޖުމްލަ 88،700 އައި ފޯނު އެ ގައުމުގައި ދައުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލަ ދިމާވެފައިވާ ފޯނުތައް ދަނެގަތުމަށް އެޕަލްގެ ވެބްސައިޓުގައި ސީރިއަލް ނަމްބަރު ޖަހައިގެން ބެލޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.

މިފަދަ މައްސަލައެއް އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ އިރު، އެޕަލް ބްރޭންޑުގެ އައިފޯނުތަކުގެ ބެޓަރި ގޮވާ މައްސަލަ މަދުން ނަމަވެސް ދުނިޔޭގައި ދިމާވެފައިވެ އެވެ.

comment ކޮމެންޓް