އިންޑިއާގައި ޕިއްޒާ ހަޓުގެ އިތުރު 350 ރެސްޓޯރެންޓު ހުޅުވަނީ

އަންނަ 2022 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގައި ޚިދުމަތްދޭ ޕިއްޒާ ހަޓުގެ ރެސްޓޯރެންޓްތަކުގެ އަދަދު 700 އަށް އެރުވުމަށް އެކުންފުނިން މަސައްކަތް ފަށައިފި އެވެ.

ޕިއްޒާ ހަޓުގެ 360 ރެސްޓޯރެންޓު މިހާރު ވެސް އިންޑިއާގެ 100 ސިޓީއެއްގައި އެބަ ހުއްޓެވެ. ޕިއްޒާ ހަޓުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ އިންޑިއާއަކީ އެކުންފުނީގެ އެންމެ މުހިއްމު މާކެޓު ކަމަށާއި އެހެން ކަމުން އެކުންފުނިން ބޭނުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަސްތެރޭ އެގައުމުގައި ހިންގާ ޕިއްޒާ ހަޓްގެ ރެސްޓޯރެންޓުތަކުގެ އަދަދު 700 އަށް އެރުވުމަށް ކަމަށެވެ.

ޕިއްޒާ ހަޓް އަކީ އިންޑިއާގައި ފްރާންޗައިސް އުސޫލުން ހިންގާ ކުންފުންޏެކެވެ. އެކުންފުނީގެ އިންޑިއާގެ ފްރައިޗައިސީ އަކީ "ޔަމް ރެސްޓޯރެންޓްސް" އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އުންނަތު ވަރްމާ ވިދާޅުވީ 2014 ވަނަ އަހަރު ތެރޭ އެ ވިޔަފާރި ފުޅާ ކުރުމަށް 80 ރެސްޓޯރެންޓު ހުޅުވި ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ފައިދާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އެހެން ކަމުން ކުންފުނީގެ ވިސްނުން އޮތީ އިތުރު އައުޓްލެޓްތަކެއް އުފެއްދުމަށް ކަމަށާއި ދާދި ފަހުން ކުރި ދިރާސާއަކުން ވެސް އިންޑިއާގައި އެންމެ މަގުބޫލު ޕިއްޒާ ބްރޭންޑަކީ ޕިއްޒާ ހަޓް ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި ޕިއްޒާ ހަޓަށް ލިބޭ ފައިދާގެ 35 ޕަސެންޓު ހިއްސާ ކުރަނީ ހޯމް ޑެލިވަރީގެ ޚިދުމަތުންނެވެ.

ޕިއްޒާ ހަޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑެކެވެ.

comment ކޮމެންޓް