އައްޑޫ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވާނަން: ރައީސް

އައްޑޫ ސިޓީ ހިތަދޫގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު، މާލެއިން ބޭރުގައި އެޅި އެންމެ ބޮޑު ދަރުބާރުގެ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އައްޑޫ ސިޓީގައި ގާއިމުކުރާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

ރައީސް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ހިއްސާ ކުރައްވައިފައެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްގީކުރާ 100 އެނދުގެ ހޮސްޕިޓަލު އަންނަ އަހަރު ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލުކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އެ ހޮސްޕިޓަލް ހުޅުވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއެވެ. އެ މަސައްކަތް ހަވާލުކުރީ 161.8 މިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރުގައި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް ތަރައްގީކުރުމަށް، ބަޔަކާ ހަވާލުކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރިޔާސީ ބަޔާނާ ގުޅިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވަނީ، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމުގެ ބިންގާ އަޅުއްވައިދިނީ ކުރީގެ ރައީސް މައުމޫން ކަމަށާއި، އެހެންކަމުން އެމަނިކުފާނަށް ވެސް ދުންޔާ ޝުކުރު އަދާކުރެއްވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން މިއަދު ތިބީ ހިތްހަމަޖެހި، އުފަލުން ކަމަށެވެ.

"ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ. ކުރިއަށް އޮތް ތާނގައިވެސް މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ވާގިފުޅާއެކު، ދިވެހި އުންމަތަށް ފާގަތި ދުވަސްތަކެއް މި ސަރުކާރުން ފަހިކޮށްދޭން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު އަރުވަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް