ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ލިބޭ މީހުން ކަނޑައަޅައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ބިޑު ހުށަހެޅުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ސެޝަންގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ރަޖިސްޓްރީވެ ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިން ލިބޭ ފަރާތްތައް މިއަދު ކަނޑައަޅައިފިއެވެ.

ބިޑު ހުށަހެޅުމަށް މިއަދު ހުޅުވާލުމުން، އެންމެ ބޮޑު އަގު ހުށަހަޅައިގެން 42 މީހަކަށް ބިން ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. މީގެ ތެރެއިން 30 ފަރާތަކުން ހުށަހެޅީ އަގު އެއްކޮށް ދެއްކުމަށެވެ. އެގޮތުން މި 30 ފަރާތުން ހުށަހަޅާފައިވަނީ 2000 އަކަފޫޓާއި 4000 އަކަފޫޓާ ދެމެދުގެ ބިން ބިން (ޖުމްލަ 71،000 އަކަފޫޓޫގެ ބިން) ގަތުމަށެވެ.

އަގު އެއްކޮށް ދައްކާ ގޮތަށް އެންމެ މަތިން ހުށަހެޅި ބިޑުގައި ހުށަހަޅާފައިވަނީ 2000 އަކަފޫޓޫގެ ބިމެއް ގަތުމަށް އަކަފޫޓަކަށް 6786 ރުފިޔާ ދެއްކުމަށެވެ.

މީގެ އިތުރުން ތާޑްޕާޓީ ފިނޭންސްގެ އުސޫލުން ބިން ގަތުމަށް ހުށަހެޅި މީހުންގެ ތެރެއިން ބިޑު ކާމިޔާބު ކުރި 12 ފަރާތުންވެސް ހުށަހަޅާފައިވަނީ 2000 އަކަ ފޫޓާއި 4000 އަކަފޫޓާ ދެމެދުގެ ބިން ގަތުމަށެވެ. ތާޑް ޕާޓީ ފިނޭންސްގެ އުސޫލުން ބިން ހުށަހެޅި މީހުންގެ ތެރެއިން ބިޑު ކާމިޔާބު ކުރި މީހުންނަށް 31،000 އަކަފޫޓުގެ ބިން ވިއްކާނެ އެވެ.

މި އުސޫލުން ބިން ގަތުމަށް އެންމެ މަތީ އަގެއް ހުށަހެޅީ 2000 އަކަ ފޫޓުގެ ބިމަކަށް، އަކަފޫޓަކަށް 6197 ރުފިޔާ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބީލަން ކާމިޔާބު ކުރުމުގައި އިސްކަންދޭނީ އެންމެ މަތިން އަގު ހުށަހަޅާ، އެއްފަހަރާ އަގު އަދާ ކުރާ ފަރާތްތަކަށެވެ. އެއް ފަހަރާ އަގު އަދާ ކުރުމަށް ތިން ހަފްތާ އަދި ތާޑް ޕާޓީ ފައިނޭންސް އުސޫލުން އަގު އަދާ ކުރަން ބޭނުންވާ ނަމަ ތިން މަސް ދުވަސް ދެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

މިމަހުގެ އެއް ވަނަ ދުވަހު ބިޑު ހުށަހެޅުމަށް 350 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވި ނަމަވެސް މިއަދުގެ ބިޑު ސެޝަނުގައި ބިޑު ހުށަހެޅީ ޖުމްލަ 102 ފަރާތަކުންނެވެ. ނަމަވެސް، ބިޑު ފޯމުގައި މައުލޫމާތު ފުރިހަމަ ނުވުމާއި ބިޑު ކުރުމުގެ އުސޫލާ ޚިލާފަށް ބިޑު ހުށަހެޅި ހަ ފަރާތެއްގެ ބިޑު ވަނީ ބާތިލްކޮށްފައެވެ.

މިމަހުގެ އެއް ވަނަ ދުވަހު، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ބޭއްވި ސެޝަނުގައި 350 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ވިއެވެ.

comment ކޮމެންޓް