އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި

އއ. އުކުޅަސް: -- ފޮޓޯ/ ފޭސްބުކް

އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނައީމާއި އިތުރު ފަސް މީހަކު އެއަތޮޅު އުކުޅަހުން ހައްޔަރުކޮށްފި އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ އެ ހަ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އުކުޅަހުން ހަ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ފިރާގު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ނޫވިލާގެ އާއި މާޖެހި ގެއާ ދެމެދު މަހާނައެއް ހެދި މައްސަލާގައި ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އެކަމާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތް މީހުން ހިމެނޭ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގައި މަހާނައެއް ހެދި ހެދުމަކީ ބަޔަކު މަޖަލަކަށް ކުރި ކަމެއް ކަމަށާއި އެކަން ކުރީ އެތައް ބައެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އެރޭ އާދައިގެ ހެދުމުގައި ފުލުހަކު އެތަނަށް ގޮސް މަހާނަ ހަދާފައިވާ ވެލިގަނޑު ފަތުރާލާފައިވާ ކަމަށް ވެސް އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

"މަހާނަ ހެދި މީހުން ވެސް އެ ފުލުސް މީހާ އަށް އެއްބާރުލުން ދިން. އެންމެންގެ ހާޒިރުގައި އެ ފުލުސް މީހާ ވަނީ މަހާނަ ހަދާފައިވާ ވެލިގަނޑު ބިންމައްޗަށް ފަތުރާލާފައި. އެ ފުލުސް މީހާ ބުނަން ވެސް ބުނި މިއީ އެންމެ ފުލުހަކު އައިސް ސިޔާސީ ހަރަކާތެއް ހުއްޓުވި ފުރަތަމަ ފަހަރޭ،" ފިރާގު ވިދާޅުވި އެވެ.

comment ކޮމެންޓް