ފަހަތުން އަރައި މިސްރު ބަލިކޮޮށް އެފްރިކާގެ ޗެމްޕިއަންކަން ކެމަރޫން ހޯދައިފި

އެފްރިކާ ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ކެމަރޫން ހޯދުމަށްފަހު އުފާފާޅު ކުރަނީ ---- ފޮޓޯ: އޭޕީ

އާސެނަލް މިޑްފީލްޑަރު މުހައްމަދު އެލްނޭނީގެ ގޯލުން މިސްރު ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯޯލު ކާމިޔާބުކޮށް 2-1ގެ ނަތީޖާ އަކުން މޮޅުވެ އެފްރިކާ ކަޕް އޮފް ނޭޝަން ކެމަރޫނުން ހޯދައިފިއެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔަ އިރު މިސްރުގެ ގޯލު އެލްނޭނީ ކާމިޔާބްކޮށްދިނީ 22 ވަނަ މިނެޓްގައި ރޯމާގެ މިޑްފީލްޑަރު މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ކެމަރޫންގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފްގަ އެވެ. މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ގޯލު 59 ވަނަ މިނެޓްގައި ކަމަރޫނަށް ކާމިޔާބްކޮށްދިނީ ނިކޮލަސް އެންކޫލޫއެވެ. އެ ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ދަނިކޮށް ކެމަރޫނަށް ޗެމްޕިއަންކަން ލިބުނު ގޯލު 88 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ވިންސެންޓް އަބޫބަކުރުއެވެ.

ކެމަރޫން އަތުން ބަލިވި ނަމަވެސް އެފްރިކާ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ އަދިވެސް މިސްރެވެ. މިސްރުން ނުވަ ފަހަރު އެ މުބާރާތް ކާމިޔާބްކޮށްފައިވާއިރު ކެމަރޫން ވަނީ ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި ކެމަރޫނަކީ އެ މުބާރާތް ދެވަނައަށް އެންމެ ގިނަ ފަހަރު ކާމިޔާބްކުރި ގައުމެވެ.

comment ކޮމެންޓް