މިދިޔަ އަހަރުގެ އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެއްޖެ

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: މިދިޔަ އަހަރު އިމްޕޯޓު އަދި އެކްސްޕޯޓް ވަނީ 2015 ވަނަ އަހަރާއި އަޅާބަލާއިރު އިތުރުވެފައި --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރު ރާއްޖެ އިން އެކްސްޕޯޓް ކުރި މުދަލާއި އިމްޕޯޓު ކުރި މުދަލުގެ މިންވަރު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، 2015 ވަނަ އަހަރަށް ވުރެ، 2016 ވަނަ އަހަރު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލާއި ރާއްޖެ އިން އެކްސްޕޯޓް ކުރި މުދަލުގެ އަގު އިތުރުވެ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2.6 ބިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ވަނީ ލިބިފަ އެވެ. އެއީ 2015 ވަނަ އަހަރާ އަޅާ ބަލާ އިރު އަށް ޕަސަންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެ އިން އެކްސްޕޯޓް ކުރި އަދަދު ވަނީ ހަތް ޕަސަންޓު އިތުރުވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖެ އިން ބޭރުގެ ގައުމުތަކަށް 3.7 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު، އެ އަދަދު މިދިޔަ އަހަރު ވަނީ 3.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ނިމިދިޔަ 2016 ވަނަ އަހަރު ރާއްޖެ އިން އެކްސްޕޯޓް އެކްޕޯޓު ކުރި މުދަލުގެ 33 ޕަސަންޓު އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އަދި ސްރީލަންކާ އަށް 11 ޕަސަންޓު އެކްސްޕޯޓް ކޮށްފައިވާ އިރު، އެމެރިކާ އަށް އެކްސްޕޯޓު ކޮށްފައި ވަނީ ނުވަ ޕަސަންޓެވެ.

މިދިޔަ އަހަރު ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ވެސް ވަނީ 2015 ވަނަ އަހަރަށް ވުރެ އިތުރު ވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 31 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު މިދިޔަ އަހަރު އެ އަދަދު 12 ޕަސަންޓް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 34 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

އިމްޕޯޓާއި އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރު އިތުރުވެފައިވާ އިރު، އިމްޕޯޓް ކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ ބާވަތްތަކަށެވެ. އެގޮތުން ރާއްޖެ އަށް އިމްޕޯޓް ކުރި މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ އަގު 6.7 ބިލިއަނަށް އަރަ އެވެ. އެއީ އިމްޕޯޓް ކުރި މުދަގެ 21 ޕަސަންޓެވެ. ކަސްޓަމްސް އިން ހާމަކުރާ ގޮތުގައި މެޝިނަރީއަށް ހޭދަކޮށްފައިވާ އަދަދު ބޮޑުވެފައި ވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތަށް އިމްޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.

މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ އިތުރުން ދެވަނައަށް ބޮޑު ހޭދައެއް ކޮށްފައި ވަނީ ކާބޯތަކެތި އިމްޕޯޓު ކުރުމަށެވެ. އެގޮތުން 6.4 ބިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓުކޮށްފައިވާ އިރު، އެއީ އިމްޕޯޓު ކުރި މުދަލުގެ 19 ޕަސަންޓެވެ. އޭގެ އިތުރުން އެންމެ ބޮޑު ހޭދައެއް ތިންވަނައަށް ކޮށްފައިވަނީ ތެލުގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. އެގޮތުން 3.5 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް މިދިޔަ އަހަރު ވަނީ އިމްޕޯޓުކޮށްފަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނައިން މުދާ ރާއްޖެ އަށް އެތެރެކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން އެ ގައުމުން 5.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރު ރާއްޖެއަށް ކުރި އިމްޕޯޓުގެ 16 ޕަސަންޓެވެ.

ޔޫއޭއީއަށް ފަހު ދެން އެންމެ ގިނަ މުދާ އިމްޕޯޓުކޮށްފައި ވަނީ ސިންގަޕޯ އާއި އިންޑިއާއިންނެވެ. އެގޮތުން ސިންގަޕޯ އިން 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި އިންޑިއާ އިން 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

comment ކޮމެންޓް