ހެނާ ލައިގެން ހުރި ޓީޝާޓުގެ މަތިން ޖިލްބާބުލުމަށްފަހު ބޮލުގައި ޝޯލް އޮޅާލައިގެން ނުކުތްއިރު ދޮރުމަތީގައި ޒޯހަން ހުރިތަން ފެނުމުން ހިތް ތެޅިގަތެވެ. ޒޯހަން އޭނައާއި ބައްދަލުކުރަން އަންނަންވީ ކީއްކުރަންހެއްޔެވެ؟ އަބުރާލާފައި ދާން އުޅެފައިވެސް ހެނާ ބޭނުންވީ ޒޯހަންއާއި ދިމާލަށް ރަގަޅަށް އެއްޗެހި ކިޔާލާށެވެ. ދެވަނަފަހަރަށް އެމޫނު ދެކެން ބޭނުންނުވާކަންވެސް އަންގާނީއެވެ. ޒޯހަން ދެވަނަފަހަރަށް އޭނަގެ ޒަޚަމްވެފައިވާ ހިތް ހަލާކުކުރުމަށް ފުރުސަތުދިނުމުގެ މާނައެއްވެސް ނެތެވެ. އެފަދަ މޮޔަކަމެއް އޭނަ ތަކުރާރެއްނުކުރާނެއެވެ. ނަމަވެސް ޒޯހަންގެ މޫނު ފެނުމުން އެހިތަށް ލިބުނު ހަމަޖެހުމާއި ހިތް ތެޅުނުވަރުން އެހިތުގައި ލައްވާފައިވާ ލޯބީގެ އިހުސާސްތަކުގެ މަތިވެރިކަން އަމިއްލައަށް ގަބޫލުކުރެވުނެވެ. ފެށުނީއްސުރެން އެހިތުގައި ދެވަނަ މީހެއްގެ ނަމެއްނުވެއެވެ.

"ކީއްކުރަން ތިއައީ؟ " ހެނާ އަޑަށް ބާރުލާފައި ބުނަން އުޅުނަސް އަޑުގެ ބަލިކަށިކަމުން ހިތާއި ދެކޮޅަށް އެހިކަހަލައެވެ.

"އަހަރެން މިއައީ ހެނާ ބަލާ......"ޒޯހަންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔުމާއިއެކު އޭނައަށް ހެނާގެ އަތުގައި ހިފާލެވިއްޖެއެވެ.

"އަތުން ދޫކުރޭ..." ހެނާ ބުނެލިއެވެ.

"މިއަތުގައި ހިފީ ދޫކުރާގޮތަކަށްނޫން. ހެނާ ޖެހޭނީ އަހަރެން ދައްކާ ވާހަކަ އަޑުއަހަން....." ޒޯހަން ހެނާ ނުދާން އުޅެނިކޮށް އަތުގައި ހިފައިގެން މިސްރާބުޖެހީ ކާރާއި ދިމާލަށެވެ. ޒޯހަން އޭނަ ކާރަށް ލައިގެން ގެންދަން އުޅެނީ ކޮންތާކަށްބާވައޭ ހިތަށްއަރާފައި ބިރުވެސް ގަތެވެ. މިކައިވެނި ހުއްދަނޫން އިރު އޭނަގެ ގައިގާ އަތްލުމުގެ ހައްގެއް ޒޯހަންއަކަށް ނެތެވެ. އަންބެކޭ ބުނުމުގެ ހައްގެއްވެސް ނެތެވެ. ނަމަވެސް ޒޯހަން ހިފަހައްޓާފައިވާލެއް ބާރުކަމުން އޭނައަކަށް އެއަތުގެ ތެރެއިން ސަލާމަތް ނުވެވުނެވެ. އެލްސާވެސް އެހީވާނަމޭ ކިޔާފައި ފޮނިކެނޑީ ނޫންބާވައެވެ. އެކުއްޖާގެ އެއްވެސް ހިލަމެއްނުވިއެވެ. ޒޯހަން ހެނާގެންގޮސް ކާރުގެ ކުރީ ސީޓަށް އަރުވާފައި ދުއްވާލުމަށްފަހު ސީދާ މައުޟޫއަށް ގެންދިޔައެވެ. ޖިންނިން ދިރިއުޅޭތަނެއްގައި އޭނަގެ ފުރާނަ ހުރެގެން ހެނާ ނުބަހައްޓާނެކަމަށާއި އޭނަގެ ދަރިފުޅު ވިހަންދެން ހެނާ ހުންނަންޖެހޭނީ އޭނަގެ އާއިލާގެ ކައިރީގައި ކަމުގައި ބުނަމުން ދިޔައީ ގަދަކޮށްލާފައެވެ. އޭނަގެ ނުފޫޒުގަދަވަރުވެސް ބުނެދިނެވެ. މައިކަލްފަދަ ސިހުރުވެރިއެއްގެ އަތްދަށުގައި ހުންނަން ހެނާގެ ހިތް ނޭދޭކަމުގައިވާނަމަ އޭނައަށް ފުރުސަތު ދިނުމަށް އެދުނެވެ.

"ހެނާއަށް ސިމްޕަލް ކަމަކަށްވިޔަސް ޖިންނިންނާއި އިންސިން އެއްތަނެއްގައި އުޅޭކަށް އިލާހީ ގާނޫނުވެސް ތަނެއްނުދޭ، ދޭ ހޭވް ދެއަރ އޯވްން ވާލްޑް. އެހެންވެ ހެނާ އެތަނުން ދުރަށް ގެންދަން ބޭނުންވީ، ރަގަޅަށް ވިސްނާލަބަލަ ހެނާ. އަހަރެން ހެނާދެކެ ކުރިން ލޯބި ނުވިކަމުގައި ވިޔަސް މިހާރު ވަރަށް ލޯބިވޭ. އެކީގައި ހުންނަން އަބަދު ބޭނުންވޭ. ހެނާ ގަބޫލުކުރޭ. މިދިޔަ މަދު ދުވަސްކޮޅު އަހަރެން ހަމަ މޮޔަވާވަރުވި. މަންމައަށް އެކަނި އެނގޭނީ އަހަރެން ރުއިވަރު. އެހެން މީހަކަށް ނޭގޭނެ އަހަރެން ކުރާ ހިތާމަ. އަހަރެން ކޮންމެފަދަ ނިޔަތެއްގައި ހެނާއާއި ކައިވެނިކުރިކަމުގައި ވިޔަސް އަހަންނަށް ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަރެމެން އެކީގައި އުޅުނީމަ ދަރިފުޅަށްވެސް ދެން އެންމެ ރަގަޅުވާނީ....ބޭބީ އެއްޗެކޭ ބުނެބަލަ. ތިހާ ހިމޭނުން ނީދެ..." ޒޯހަން ހެނާގެ މަޑު އަތްތިލައިގާ ހިފުމުން ހެނާ އަތްދަމައިގަތެވެ.

"ކިތަންމެ ވާހަކައެއް ދެއްކިޔަސް އޮޅުވައެއްނުލެވޭނެ ޒޯހަން ކުރި ކަންތައް އެހާ ފަސޭހައިން ހަނދާން ނައްތައެއްނުލެވޭނެ. އަހަރެން މީ ހިތަށް އެރިގޮތެއް ހަދަން ހުރި ޓޯއިއެއްނޫން. އަހަރެންގެވެސް ހިތެއްވޭ....." ހެނާއަށް ކުރި އަސަރުގެ ބޮޑުކަމުން ދެލޮލަށް ކަރުނަޖަމާވިއެވެ. ޒޯހަން ކުއްލިއަކަށް ކާރުގެ ބްރޭކް ހިފައިލިއެވެ. އެއާއިއެކު އެދޭތެރޭގައިވި ދުރުމިން ކައިރިކޮށްލެވުނީ ފެންކަޅިވުމާއިއެކުގައެވެ. ހެނާވެސް އިރުކޮޅެއްވާންދެން ޖަޒުބާތުގައި ޖެހިފައި ޒޯހަންގެ ކޮނޑުގައި ބޯއަޅާލައިގެން ރޯލަން އޮތެވެ. ޒޯހަންގެ ގަމީސްތެމި ފޯވަމުން ދިޔައީ ހެނާގެ ކަރުނަތަކުންނެވެ. ޒޯހަންގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިފައިވާކަން ގަބޫލުކުރެވުނީ ޒޯހަންގެ ކަރުނައިންނެވެ. ބޮޑު ފިރިހެނަކު އޭނަގެ ކުރިމަތީގައި އިނދެގެން އެގޮތަށް ރޮއިފާ ލޯބިވާވަރު ބުނުމުން ހެނާއަށްވެސް އެވާހަކަތައް ގަބޫލުކުރެވިއްޖެއެވެ. އެވަރުންވެސް މާފުދިންކަމަށް ހެނާ އެއްބަހެއްނުވިއެވެ.

"އޯކޭ ޒޯހަން. ދަރިފުޅަށްޓަކާ މިހިރީ ޒޯހަންއާއި ގުޅެން. ނަމަވެސް ވިހޭދުވަހަކުން. ސަބަބަކީ މިކައިވެންޏަކީ ހަލާލު ކައިވެންޏަކަށް ނުވާނެތީ. ތިހާ ލޯބިވަންޏާ އިންތިޒާރުކުރޭ...." ހެނާ އެންމެފަހުގެ ނިންމުން އަޑުއިއްވުމުން ޒޯހަންގެ ހިތަށް ފިނިކަމެއް ލިބުނަސް މައިކަލް ކޮށްފާނެކަމަކާއިމެދު ހިތް ބިރުގަތެވެ. އޭނައަށް އިންޒާރުތައް ދިން ޖިންނީގެ ދުއްތުރާތައް ފޯރުވާނެއެވެ. ނަމަވެސް އޭނަ އެހާ ފަސޭހައިން ހެނާ ދޫކޮށެއްނުލާނެއެވެ. ހެނާއާއި ނުލާ ދުނިޔޭގައި އުޅުމަށްވުރެ މަރުވެ ދިޔުންވެސް މާ ހިތަށް ފަސޭހައެވެ. މައިކަލް ހެނާދެކެ ލޯބިވާކަން އޭނައަށް އެނގެއެވެ. މައިކަލް ގެއްލުމެއް ދިނަސް ދޭނީވެސް އޭނައަށެވެ. ވީއިރު އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ.

"އަހަންނާއިއެކު ގޮސް މަންމަމެން ކައިރީގައި ހުރޭ. މަންމަ އަމިއްލަ ދަރިއެއްފަދައިން ހެނާ ގެންގުޅޭނެކަން ޔަގީން. ނުކެރޭނެ ދެން ގޮތްނޭގޭ ބަޔެއްގެ ތެރެއަށް ފޮނުވާލައިގެން ހުންނާކަށް. އެޓްލީސްޓް އަހަރެމެންގެ ދަރިފުޅަށްޓަކާވެސް އިހަށް އެގެއަށް ނުގޮސް ހުރެފާނަންތަ. ދަރިފުޅު ލިބެންދެން ޕްލީޒް....." ޒޯހަންގެ ލޮލުގައިވަނީ އާދޭހުގެ ކުލަވަރެވެ. ހެނާއަކަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އޭނަ ކިތަންމެ ވަރަކަށް އާސާމެންދެކެ ލޯބިވީކަމުގައި ވިޔަސް މައިކަލްގެ ފަރާތުން ސަލާމަތްވާންވެސް ބޭނުމެވެ. ކޮޓެޖްގައިވެސް އޮތީ މައިކަލްގެ ނުފޫޒެވެ. ޒޯހަންގެ މަންމަމެންގެ ފަރާތުން އޭނަ ބޭނުންވާފަދަ ރައްކާތެރިކަމެއް ލިބިދާނެހެއްޔެވެ؟ އެތަންމިތަނަށް ދަތުރުކުރާއިރު އޭނައަކީ ރެފިއުޖީއެކޭ އެއްވެސް ތަފާތެއްނެތެވެ. އަމިއްލަ ގެއެއްހުރިއިރު އެގެއަށް ވަންނާކަށްވެސް ހިތެއް ނޭދެއެވެ.

ޒޯހަންގެ މަންމަމެންވެސް ހެނާއަށް ހޫނު މަރުހަބާއެއްކިޔެވެ. ޒޯހަންވަނީ އޭނަގެ މަންމައަށް އެއްވެސް ފޮރުވުމެއްނެތި ހަގީގަތް ކިޔާދީފައެވެ. ހެނާ ބަލިވެއިނީ އޭނަގެ ދަރިއަކަށްކަން އެނގުމަށްފަހު މަންމަވެސް ހެނާއަށްޓަކާ ފުރާނައިން ގުރުބާންވާވަރުވިއެވެ. އަމިއްލަ މައިމީހާގެ ފަރާތުން ނުލިބޭ އަޅާލުމާއި އޯގާތެރިކަން ފިޔަވާ ހެނާގެ ލޯ ފުރިގެން އައެވެ. އެރޭ ބީޗްމައުންޓް ހޮޓަލުގެ އަރާމު ކޮޓަރިއެއްގައި ނިދާލަން ލިބުނެވެ. ހެނާއޮތީ ފިކުރުބޮޑުވެފައެވެ. މައިކަލް ކޮށްފާނެކަމަކާއިމެދު ވިސްނާއިރު އާއިލާއާއި ދުރުގައި މިހެން އުޅުމަކީ ހުއްދަނޫން ކަމަކަށްވާތީ އެކަމާއިވެސް ވިސްނިއެވެ. އޭނަ ޒޯހަންއާއިއެކު މިއައީ ގާތްގަނޑަކަށް ފިލައިގެންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އަމީރާވެސް ހާދަ ރުޅިގަދަވާނެއެވެ. އަމިއްލަ ސިކުނޑިން އެއްޗެއް ވިސްނެނީއެއްވެސް ނޫނެވެ.

"ނޫން. މިއީއެއްނޫން އުޅެންވީ ގޮތަކީ. މިއީ ހުއްދަކަމަކަށްނުވާނެ. މަންމައާއި ބައްޕަކައިރިއަށް އަމިއްލަ ގެއަށްދާންވީ. މިހާރު ދޮންބައްޕަވެސް ނޫޅެއެއްނު. މަންމަ ކައިރީގައި ހުރީމަ މައިކަލްއަކަށްވެސް ނުކެރޭނެ ގޮސް ޖެއްސުންކުރާކަށް. މަންމައަށް ހަގީގަތްކިޔައިދޭނީ. އޭރުން މަންމަ އޭނައާއި ދިމާލަށް ހަޅޭއްލަވާނެ. ކޮންމެގޮތެއް ވިޔަސް ކައިވެންޏަކާއި ނުލައި މިގޮތަށް ހިލޭބަޔެއްގެ ކައިރީގައި ހުރުމުން ދެން މާ ދެރަގޮތެއްވެދާނެ. އެންމެ ރަގަޅުވާނީ އަމިއްލަގޭގައި ހުރުން...." ހެނާ ހިތަށް ވިސްނާދިނުމަށްފަހު ނިދަންވެގެން މަސައްކަތްކުރިއެވެ. ހެދުނު ހޭލިގޮތަށް ޒޯހަންއަށް ކުރު މެސެޖެއް ލިޔުމަށްފަހު އޭނަގެ ނިންމުން އިއްވިއެވެ. ދީނީ ނަޒަރަކުން ހުއްދަނޫން ކަމަކަށް މަޖުބޫރުނުކުރަން ރީތިގޮތުގައި އެދުނެވެ. ޒޯހަންއަށް ހިތުގެ އަޑިން މާފުކުރާނެ ދުވަހެއް އައުމަށް ޚުދު އޭނަވެސް ބޭނުންވާ ކަމަށާއި އެކަމަކު އެހާ ފަސޭހައިން ހިތުގައި އެޅިފައިވާ ކޫރުން ފިލައިގެން ނުދާނެކަމުގައިވެސް ލިޔުނެވެ.

ކިތަންމެ ވަރަށް ލޯބިވިޔަސް އަމިއްލަ ނަފުސުގެވެސް އަގެއް އޮންނަންވާނެއެވެ. ހެނާ ހެދީ އޭނައަށް އެވަގުތު ވިސްނުނު އެންމެރަގަޅު ގޮތަށެވެ. އެރިއިރާއިއެކު އޭނަ މަންމަމެން ދިރިއުޅޭގެއަށް ދާން ނުކުތެވެ. އާޒް ފެނުމާއިއެކު ހެނާ އެކުއްޖާ ގެނެސް މޭގައި ޖައްސައިލިއެވެ. ރޮޒާލިއާއިނީ ފާޑަކަށެވެ. ހެނާ ކަންތައްވީގޮތް ކިޔައިދިނުމުން ކުށްވެރިވީ ހެނާއެވެ. ހެނާ މައިކަލްމެންނާއި ދޭތެރޭގައި ކަންތައް ކުރިގޮތުން ލިބުނު ސަޒާކަމުގައިވެސް ބުނެލިއެވެ.

"ހެނާ މިގޭގައި ހުއްޓަސް އަހަރެންގެ މައްސަލައެއްނެތް. ހެނާގެ ބައްޕަވެސް ބޭނުމެއްނުވޭ ހެނާ ރީތިކޮށް ދުނިޔޭގައި އުޅޭކަށް. އެހެންވެ މައިކަލްގެ ފަރާތުން ސަލާމަތްކުރާށޭ ކިޔާފައި އުޅުނީ. އޭގެ ކުރިން ހެނާ ތިހިރީ އަމިއްލައަށް ގެއަށް އައިހެއްނު. އާތިފު ހުރިހާ އުފަލެއްވާނީ. ހޫމް ހެނާ އައީމަ ދެން އަހަންނަށްވެސް ތަންކޮޅެއް ފަސޭހަވާނެ. ނަޝީދު ނެތުމުން ދެގުނަ ބުރަކޮށްވިއްޔަ މަސައްކަތްކުރަން މިޖެހެނީ. އެމީވެސް ދެން ބަނޑުބޮޑުވެފައި އެހާ ވޭނުގައި އުޅޭއިރު ރެސްޓްނަގަން ޑޮކްޓަރުވެސް އޮތީ އަންގާފައި. އަހަރެންވެސް މިއުޅެނީ ބޮލުގައި ރިއްސާތީ. ހެނާ ފުށްގަނޑު މޮޑެލަންވީނު. އާތިފުއަށްވެސް ރޮށިނޫން އެއްޗެއް ކެވޭކަމަކަށްނުވޭ....." ރޮޒާލިއާ ޓީވީ ޖައްސާލުމަށްފަހު ޗެނަލްތައް ބަދަލުކުރަންފެށިއެވެ. އަމީރާ ބަލިމީހެއްގެ ގޮތުގައި ދެކުނުއިރު ހެނާވެސް އިނީ އެފަދަ ހާލެއްގައިކަން ރޮޒާލިއާ ހަނދާންނައްތާލައިފިއެވެ. އެކަމާއި އަސަރުކޮށްފައި ހުރެ ހެނާގޮސް ބަދިގެއަށް ވަދެ ކުޑަދޮރުތައް ހުޅުވައިލިއިރު ފުނަގަސްދަށުގައި އާޒްއާއި އެލްސާކުޅެން ތިބިތަން ފެނިފާ ހިނިތުންވެލިއެވެ.

އިރުކޮޅެއްނުވަނީސް އެލްސާ ފެނުނީ އެތާތެރޭގައި ހުއްޓައެވެ. ހެނާ އެއްވެސް ކަމެއްކޮށްގެން ނުވާނެކަމަށް ބުނެ ގެންގޮސް ގޮނޑިއެއްގައި ބައިންދާފައި ފައިދަށަށްވެސް ތިރި ގޮނޑިއެއް ބަހައްޓާލަދިނެވެ. އެއަށްފަހު ދިހަވަރަކަށް މިނިޓްތެރޭގައި އެލްސާ ރޭގަނޑަށް ރޮށިފިހެ ކުޅިމަސްހަދާ ސެލެޑެއްވެސް ހަދާލަދިނެވެ. މޭވާއާއި އެއްޗެހިގެއިން ގެނެސްދޭނެކަމަށް ބުނެފާ އެލްސާ ލޯމަތިން ގެއްލުނެވެ. ހެނާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ.

ޒޯހަންގެ އިތުރުން މައިކަލްވެސް ހެނާ ވިހަންދެން އޭނައަށް ފުރުސަތުދީފައި އެދުވަހަކަށް އިންތިޒާރުކުރުމުގައި ދެމިތިއްބެވެ. އެންމެންގެ ދިރިއުޅުން އާދައިގެ މަތިން އޮމާންކަމުގައި ކުރިއަށްދިޔައެވެ. ހެނާ ލައްވާ އެތައް ބުރަ މަސައްކަތެއް އޭނަގެ މަންމަ ކުރުވާއިރު އެއިން އެއްވެސް މަސައްކަތެއް ހެނާއާއި ނުޖައްސުވާ ހެނާ ޣުލާމެއްފަދައިން ހެނާގެ ގާތުގައި ހުރެއެވެ. އެކަމާއި ހެނާއަށް އުދަގޫވިނަމަވެސް އެލްސާގެ ހަލުވިކަމާއި ކުޅަދާނަކަމުން އޭނައަށް އެފަދަ އެއްވެސް ކަމެއް ބޮޑުނުވާނެކަން ހެނާއަށް އެނގުނެވެ. ރޮޒާލިއާ އަށް ހެނާ އެހުރިހާކަމެއް ފަރިތަކަމާއިއެކު ކުރާތަން ފެންނާތީ ހަވީރު ވިއްކަން ހެދިކާ ހައްދަންވެސް ހަވާލުކުރިއެވެ. ގޭގައި ޖެހޭ ހާ މަސައްކަތް އެންމެފަހުން އެޅުނީ ހެނާގެ ބޮލުގައެވެ. އާތިފުވެސް ހުންނަނީ ހެނާ ގެއަށް އައުމުންހިތް ހަމަޖެހިފައެވެ. އަމީރާ ސަލާމަތްކުރާނީ ވިހެއީމަކަމުގައި އާތިފުވަނީ ބުނެފައެވެ. ބަނޑުގައި ވި ދަރިފުޅުވެސް ދުނިޔެއަށް ނޭވާލާތަނުން ނިންމާލަން އޭނަ ހުރީ ފާރަލައިގެންނެވެ.

އަމީރާ ހޭލެވުނީ ބަނޑުގައި ރިއްސާތީ ކުޅަދާނަނުވެގެންނެވެ. ދެލޮލުން ފެންއަންނަން ފެށިގޮތަށް ތުންފަތުގައި ބާރަށް ދަތްއަޅައިގަނެވިއްޖެއެވެ. ކޮންމެ ރެއަކުހެން އެގޮތަށް ވޭނުގައި އުޅުނަސް މިރޭ މިއަޅާ ވޭންވަރު އެހެންރެއާއި މާ ބޮޑަށްވެސް ތަފާތެވެ. އަމީރާ އޭނަގެ ގާތުގައި ނިދާފައި އޮތް ލޫސިއާންގެ މޫނުގައި މަޑުމަޑުން ފިރުމައިލަމުން ގޮވާލަން ހިތަށް އަރާފައިވެސް ލޫސިއާންގެ ނިންޖަށް ހުރަސް ނާޅަންވެގެން އޮތީއެވެ. ވޭންވަރު ގަދަވަމުންގޮސް އެންމެފަހުން އަނބުރައިގަތްއިރު ލޫސިއާން އޭނައަށް ގޮވާލިހެން ހީވިއެވެ. ނަމަވެސް އެމޫނު ފުސްވަމުންގޮސް ލޮލުގެ ކުރިމަތިން ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ ދާދި ކުށަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ދެބަދޭތެރޭގައި އޮންނަ ކަހަލަ ގޮތަކަށް ދޭތެރެއަކުން ހޭވެރިކަންވާއިރު އޭނައަށް މީހުން ވާހަކަދައްކާ އަޑުއިވެއެވެ. ނަމަވެސް އަނގަޔަކުން ނުބުނެވެއެވެ. އެގޮތަށް ދެތިން ދުވަހު އެހާލުގައި އޮތުމަށްފަހު ހޭވެރިކަން ވީއިރު އެއްވެސް ތަނެއްގައި ނުރިއްސާކަން ފާހަގަކުރެވުނެވެ. އެނދުގެ މަގަތުގައި އޭނަގެ އަތުގައި ހިފަހައްޓާލައިގެން އިން ލޫސިއާން ފެނިފާ އަމީރާ އެއަތަށް ބާރުކޮށްލަމުން އޭނައަށް ވީ ކިހިނެއްހެއްޔޭ އަހާލައިފިއެވެ.

"އަހަރެން މަރުވީތަ؟ ނޫނީ އަދިވެސް ދުނިޔޭގައިތަ؟ " އަމީރާ އަހާލައިފިއެވެ. އޭރުވެސް އޭނަ އޮތީ ހުމާ ފިހިފިހިއެވެ.

"އެމީ އަހަރެމެންގެ ގޭގައި މިއެނދުގައި މިއޮތީ. އަހަރެންވެސް ހާދަ ބިރުގަތޭ އެމީއަށް ވީވަރު ފެނިފާ. ހާދަ ވަރަކަށް ބަލިވިއޭ، އެކަމަކު ވަރަށް ހިތްވަރުކޮށްފައި މަރާއި ހަގުރާމަކުރަމުންގޮސް އުއްމީދު ކަނޑާލާ ހިސާބަށްދިޔަފަހުން ލޯ ތި ހުޅުވައިލީ. އަދިވެސް އެމީ ވަރުދެރަކަން ބަލާލަ. މި ޖޫސްތަށި ބޯލާ....." ލޫސިއާން ހުދުކުލައިގާ ހުރި ސަރުބަތު ތަށްޓެއް އަމީރާއަށް ބޯންދިނުމުން ކޮންމެވެސް ވަރަކަށް ވަރުޖެހުނެވެ.

"ލެން. ކޮބާ އަހަރެމެންގެ ދަރިފުޅު....."އަމީރާގެ ބަނޑު ހިދިފައިވާތަން ފެނުމުން ހާސްވެފައި ފުންމައިގެން ތެދުވުނުއިރު ހުރިހާ ބަލިކަމަކާއި ލޮޑުކަމެއް ފިލާ ދަރިފުޅުނޫން ކަމެއް އެ ޚިޔާލުގައިނުވެއެވެ.

"ހަމަޖެހިބަލަ. ދަރިފުޅުވީ ކާފަމެން ކައިރީގައި. ތިންދުވަސްވާންދެން އެމީ ކައިރިން ކިރުބުއި. އެކަމަކު ކުއްޖާ ބަލިވާން ފެށުމުން ދުރަށް ގެންދަން މަޖުބޫރުވީ. މިރަށު ހޮސްޕިޓަލްތަކުން އެކަހަލަ ކުއްޖަކަށް ޚިދުމަތެއް ނުދެވޭނެ. ބޭބީ ރަގަޅުވިހާ އަވަހަކަށް ގެނެސްދޭނެ...."ލޫސިއާން ވިސްނާދޭގޮތަކަށް ވާހަކަދެއްކި ނަމަވެސް އަމީރާގެ ހިތުގައި ދަރިފުޅާއިމެދު ބިރުވެރިކަމެއް ހިނގައިފިއެވެ. އެކުއްޖާ ދެކޭހިތުން ކެތްތެރިކަން ކޮޅުންލާ ވަރުވުމާއިއެކު ލޫސިއާން ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމައިގެންފާ އަމީރާ ދަމައިގަތެވެ.

"ނޫން ލެން. ކޮންމެގޮތެއްވިޔަސް ބޭނުން ބޭބީ ކައިރިއަށް ދާން. ލެން ތިއުޅެނީ ފޮރުވަން. ބޭބީ މަރުވީތަ؟ ބުނެބަލަ ޕްލީޒް. އަހަރެމެންގެ ދަރިފުޅު ދުނިޔެއާއި ވަކިވެން ދިޔައީތަ؟ އަހަރެން މިއީ މަންމައޭ ލެން. މަރުވިޔަސް ދަރިފުޅު ދުރަށް ގެންދާކަށް ނުޖެހޭނެ. ނުވެސް ދައްކާ އެގެންދިޔައީ....." އަމީރާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ލޫސިއާން އަމީރާ ގެނެސް މޭގައި ޖައްސާލަމުން އިސްތަށިގަނޑުގައި ފިރުމަމުން މަސަލަސްކުރަން އުޅުނުއިރު ލޫސިއާން ކޮންމެވެސް ކަމެއް ސިއްރުކުރާހެން އަމީރާއަށް ހީވިއެވެ.

ހެނާގެ ބަނޑަށް ހަތްމަސްވިޔަސް ހިކިކަމުން އެހާވަރަކަށް ބަނޑުބޮޑުކަމަކަށް ނުދައްކައެވެ. ހިކިކަމުންނާއި އަލަށް ބަލިވެއިނުމުން ބަނޑުގެމަސްތައް ވަރުގަދަވުމުގެ ސަބަބުންކަމުގައި ޑޮކްޓަރުވަނީ ބުނެފައެވެ. އެއީ އެހާ ކަންބޮޑުވާވަރުގެ ކަމެއްނޫނެވެ. ދަރިފުޅުގެ ބުރަދަންދަނީ އިތުރުވަމުންނެވެ. ހެނާގެ މަންމަ އެރޭ ގެނެސްފާހުރި ޕިއްޒާކެއުމަށްފަހު މާ ގިނައިން ފާޚާނާއަށް ދެވެންފެށުމުން ހެނާއަށް މަޖުބޫރުވީ ހޮސްޕިޓަލަށްދާށެވެ. އެކަނިމާ އެކަނި ދާން ޖެހުނީތީ ދެރަވެސްވިއެވެ. އެލްސާވެސް ވަނީ އަމީރާގެ ދަރިފުޅު މާ ބަލިވެގެން އެމީހުންގެ ދުނިޔޭގައެވެ. އެހެންނޫންނަމަ އެކުއްޖާ އޭނައަށް އެހީތެރިވާނެކަން ޔަގީނެވެ. ހެނާ އޭނަގެ މެމޯ ހިފައިގެން ޑޮކްޓަރުއިން ބަޔަށް ދާންވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. މައްޗަށް އަރަމުންދިޔަވަރަކަށް މޫނަށް އަނދިރިވެދާނެހެން ހީވެފައި ފަތްތަރުމަތީގައި ފައިނަގަމުން ދިޔައީ ފަރުވާތެރިކަމާއިއެކުގައެވެ. އަމިއްލަ ނަފުސަށްވުރެ އިސްކަންދީ ސަލާމަތްކުރަން ބޭނުންވާ ފަރާތެއް އެބަވެއެވެ. ހެނާ އެންމެ މަތީ ހަރުފަތުގައި ފައިއެޅުނުތަނާހެން ހެޔަށް ގޮތެއްވިއެވެ. އެވަގުތުވެސް ދަރިފުޅަށް ކަމެއްވެދާނެތީ ބިރުގެންފާ ސަލާމަތަށް އަތްދިއްކޮށްލެވުނީ ރެއިލިންގައި ހިފާށެވެ. ނަމަވެސް ރެއިލިންގައި އަތް ޖެހިފާވެސް އޭނައަށް ބުރަދަން ބެލެންސެއް ނުކުރެވުނެވެ. ފަތްތަރުމަތީގައި ފުރޮޅެމުން ފުރޮޅެމުން އައިގޮތަށް އެންމެ ތިރީގައި ޖެހުމާއިއެކު އެހިސާބުގައި އެމަންޒަރު ދެކެން ތިބި މީހުނަށްވެސް ލިބުނީ ޝޮކެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު