'ދަންގަލް'ގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި

މިދިޔަ ޑިސެމްބަރުގައި ރިލީޒް ކުރި އާމިރު ޚާންގެ 'ދަންގަލް'ގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކޮށްފި އެވެ.

މިހާތަނަށް އެ ފިލްމަށް 385 ކުރޯޑުގެ އާމްދަނީއެއް ލިބިފައިވާ އިރު، ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑައެއް ނުވެ އެވެ. 'ދަންގަލް' ވަނީ އާމިރުގެ 'ޕީކޭ' ފަހަތަށް ޖައްސާލުމަށް ފަހު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު ހަދައިފަ އެވެ.

ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް އާމިރު އަދި ދަންގަލްގެ ޓީމުން ވަނީ ބޮޑު ޕާޓީއެއް ބާއްވައިފަ އެވެ. އެ ޕާޓީގައި ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.

ޕާޓީގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހިމެނުނު އިރު، ކަރަން ވަނީ އާމިރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެގޮތުން އާމިރު އަކީ ހިންދީ ސިނަމާއަށް ބޮޑު ބަދަލެއް ގެނައި ފަންނާނެއް ކަމަށް ކަރަން ވަނީ ބުނެފަ އެވެ.

ކަރަންގެ އިތުރުން ދެން ޕާޓީން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ފިލްމުފެއާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އާލިއާ ބަޓް، ކްރިޓިކްސް މޮޅު އެކްޓަރުގެ އެވޯޑު ހޯދި ޝާހިދު ކަޕޫރު، ކާމިޔާބު ޑައިރެކްޓަރު އަޔާން މުކަރްޖީ، އަރަމުން އަންނަ އެކްޓްރެސް ކްރިތީ ސަނޯން، ކުޅަދާނަ ބަތަލާ ވިދްޔާ ބާލަން، ޑައިރެކްޓަރު ނިތޭޝް ތިވާރީ، ލާރާ ދައްތާ، ސަނީ ލިއޯން، ދިއާ މިރްޒާ، އަނިލް ކަޕޫރު، ރަންދީޕް ހޫޑާ، އިމްރާން ޚާން، އަދި ދަންގަލް ގައި ފެނިގެން ދިޔަ ފަންނާނުން ހިމެނެ އެވެ.

އޭގެ އިތުރުން ރޭކާ އާއި ކުޅަދާނަ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާއި ކުރީގެ ފަންނާނުން ކަމުގައިވާ ވަހީދާ ރެހްމާން އަދި އާޝާ ޕަރެކް ފަދަ ފަންނާނުން ހިމެނެ އެވެ.

comment ކޮމެންޓް