އަހަންނަކީ ބޮކްސް އޮފީހުގެ ރަސްގެފާނެއް ނޫން: އާމިރު ޚާން

އާމިރު ޚާން ---

ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާނަކީ މިވަގުތު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެކްޓަރު ނަމަވެސް، އެއީ ބޮކްސް އޮފީހުގެ ރަސްގެފާނު ކަމަށް ގަބޫލު ނުކުރާ ކަމަށް އާމިރު ބުނެފި އެވެ.

އާމިރު މިހާރު ވެސް އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ދަންގަލް'ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. އަދި 385 ކުރޯޑު ރުޕީޒްގެ އާމްދަނީއަކާ އެކު ދަންގަލް ވެގެން ގޮސްފައި ވަނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމަށެވެ. އަދި ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ އާމިރުގެ ފިލްމްތަކަށްވާ އިރު، ގިނަ ބަޔަކު އަންނަނީ އޭނާ އަކީ ބޮކްސް އޮފީހުގެ ރަސްގެފާނު ކަމުގައި ބުނަމުންނެވެ.

ނަމަވެސް އާމިރު ބުނީ، އޭނާ އަކީ ހަމައެކަނި އޭނާގެ އަނބިމީހާ ކިރަން ރާއޯގެ 'ކިންގް' ނުވަތަ ރަސްގެފާނު ކަމަށެވެ.

"އަހަންނަކީ ބޮކްސް އޮފީހުގެ ރަސްގެފާނެއް ނޫން. އަހަންނަކީ ހަމައެކަނި ކިރަންގެ ރަސްގެފާނު،" އާމިރު ބުންޏެވެ.

'ދަންގަލް'ގެ ކާމިޔާބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ބުނީ، ފިލްމަކަށް ސޮއިކުރަނީ އެ ފިލްމަށް ލިބޭނެ އާމްދަނީ އާމެދު ވިސްނާފައި ނޫން ކަމަށާއި، ޝައުގުވެރި، ހިތާ ކުޅެލާ ކަހަލަ ސްކްރިޕްޓެއް ނަމަ އާނ ބަސް ބުނާނެ ކަމަށެވެ.

"ތާރޭ ޒަމީން ޕަރް، 3 އިޑިއަޓްސް، ރަންގް ދޭ ބަސަންތީ، އަދި ސަރްފަރޯޝް ކަހަލަ ފިލްމުތައް ކުޅުނު އިރު ހިތަކަށް ވެސް ނާރާ އެހާބޮޑު ކާމިޔާބެއް ހޯދާނެ ކަމަކަށް. މިސާލަކަށް ދަންގަލް ވެސް. އެއީ އާންމުކޮށް ކާމިޔާބުވާ ކަހަލަ ލޯބީގެ ހާދިސާތަކެއް ނުވަތަ ލޯބީގެ ލަވަތަކެއް ހިމެނޭ ފިލްމެއް ނޫން. އެހެންވީމަ އުންމީދެއް ވެސް ނުކުރަން މިހާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަކަށް،" އާމިރު ބުންޏެވެ.

އާމިރު ބުނީ އެވޯޑަކީ އޭނާ އަށް މުހިންމު އެއްޗެއް ނޫން ކަމަށާއި، ހުރިހާ ވެސް ކާމިޔަބަކީ ބެލުންތެރީންގެ ފަރާތުން ލިބޭ ތަރުހީބާއި ލޯބި ކަމަށެވެ.

'ދަންގަލް'ގައި އޭނާ ކުޅެފައިވާ މަހާވިރު ސިންގްގެ ރޯލަށް ވަނީ ފިލްމު ފެއާ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ.

comment ކޮމެންޓް