ހަނިމާދޫ އެއާޕޯޓުގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވަނީ

ހަނިމާދޫ އެއާޕޯޓު -- ސަން ފައިލް ފޮޓޯ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް ދިނުމަށްޓަކައި މިއަހަރުގެ ތެރޭގައި ކަސްޓަމްސްގެ އިމާރާތެއް އަޅަން ނިންމައިފިއެވެ.

ސަން ޓީވީގެ ފަންސާސް މިނެޓު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ކަސްޓަމްސްގެ ހުރިހާ ޚިދުމަތެއް ނުދެވި ހުރި ނަމަވެސް، އެކްސްރޭ ކުރުމާއި އެނޫންވެސް މުހިއްމު ޚިދުމަތްތައް މިހާރުވެސް ދެމުން އަންނަ ކަމަށެވެ. ނަމަވެސް ޚާއްސަކޮށް މިއަހަރު ތެރޭގައި، ހދ. ހަނިމާދޫގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސްގެ މަސައްކަތްކަށް ޚާއްސަ އިމާރާތެއް އެޅުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރު ތެރޭގަ ޚާއްސަކޮށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކަސްޓަމްސްގެ އާ އިމާރާތެއް މިއަހަރު ތެރޭ ނިމި އެއާޕޯޓުގެ ހުރިހާ ރިސޯސެސްތަކެއް ގާއިމް ކުރެވި ފެންވަރު ރަނގަޅު ޚިދުމަތެއް އަޅުގަނޑުމެންނަށް ދެވިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ކަސްޓަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިދިޔަ ތިން އަހަރު ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް 43 ފަހަރެއްގެ މަތިން އެތެރެ ކުރަން އުޅުނު 53 ކިލޯގެ މަސްތުވާތަކެތި ހުއްޓުވައި 41 މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ޕޯޓުތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީސްތަކުގެ ސަބަބުން އެތެރެކުރުން މަނާ ތަކެތި ހުއްޓުވުމަށް ފަސޭހަ ވެފައިވާ ކަމަށެވެ. އެގޮތުން އީ ގޭޓްގެ ޚިދުމަތާއި ރެޑް އެންޑް ގްރީން ޗެނަލްގެ ޚިދުމަތް އޭނާ ފާހަގަކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ދަށުން، ބޭރުން އަންނަ މީހުންގެ އަތުން 79،000 އެއްހާ ރާ ފުޅިއާއި ދަޅު އަތުލެވިފައިވާ ކަމަށެވެ.

"އޭގެ އިތުރަށް، ގާނޫނާއި ގަވާއިދާ ޚިލާފަށް އޮރިޔާން ކާޑު ނޫނީ ދީނާ ޚިލާދު ތަކެތި މި ދެތިން އަހަރު ތެރޭގައި އެއާޕޯޓުން ފުދޭ ވަރަކަށް ގިނަ އަދަދަކަށް އެއާޕޯޓުން އަތުލައިގަނެވުނު،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

comment ކޮމެންޓް