ކައުންސިލް އިންތިޚާބަށް އޮބްޒާވަރުން ހޯދަން އަލުން އިއުލާންކޮށްފި

އިލެކްޝަންސް ކޮމިޝަން އޮފީސް -- ސަން ފައިލް ފޮޓޯ

މިއަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އޮބްޒާވަރުން ހޯދަން އަލުން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން، ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށެވެ. އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން ވެސް ހުށަހެޅިދާނެ އެވެ.

އެ ކޮމިޝަނުން ބުނީ، އިންތިޚާބު އޮބްޒާވު ކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ވާނީ އޮންލައިންކޮށް އެ ކޮމިޝަނުގެ ވެބްސައިޓު މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރުގައި އޮބްޒާވަރުންނަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އޮބްޒާވަރުންނަށް ވުމަށް ހުއްދަދެވިފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށާއި، ނަމަވެސް އެކި ސަބަބުތަކާ ހުރެ ބާތިލް ކުރެވުނު ފޯމުތައް ހުށަހެޅި ފަރާތްތަކުން އަލުން އޮބްޒާވަރުންނަށް ވުމަށް ހުށަހެޅިދާނެ ކަމަށްވެސް އިލެކްޝަންސް އިން ބުންޏެވެ.

comment ކޮމެންޓް