"މަލިކާ"ގެ ޓިކެޓް ވިއްކަން ފަށައިފި

މަލިކާ ފިލްމުގެ ޕޯސްޓަރެއް --

ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރީންޕުލޭ އަކަށް ހަދައި، އަންނަ މަހުގެ ދެވަނަ ދުވަހު ޕްރިމިއާކުރާ ފިލްމު، "މަލިކާ"ގެ ޓިކެޓް އޮލިމްޕަހުން މިއަދު ވިއްކަން ފަށައިފި އެވެ.

އީއެސް އެންޓަޓައިންމަންޓުގެ ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށް ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ އެ ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން މިއަދު ފެށި އިރު، އެޑްވާންސް ބުކިން ހެދުމުގެ ފުރުސަތު މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.

ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) ބުނީ، މިއަދު 2:00 ފެށިގެން އޮލިމްޕަހުން ފިލްމު މަލިކާގެ ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށެވެ.

މިވަގުތު ހަމައެކަނި ޓިކެޓް ވިއްކަމުން ދާނީ އޮލިމްޕަހުން ކަމަށާއި ނަމަވެސް ކުރިއަށް ދުވަސްތަކުގައި އިތުރު ތަންތަނުން ޓިކެޓް ވިއްކުމަށް ހަަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

މަލިކާގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކާނީ 200 ރުފިޔާއަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.

ނޫރު ބުނީ، އޮލިމްޕަހުން ޓިކެޓް ވިއްކަން ފެށި ނަމަވެސް، އެޑްވާންސް ބުކިން ހެދުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށެވެ. ފިލްމަށް އެޑްވާންސް ބުކިން ހެދުމަށް ހޮޓްލައިން ނަންބަރު 7447555 އިން ހެއްދޭނެ އެވެ.

އަދި ފިލްމު މާކެޓް ކުރުމުގައި ތަފާތު ގިނަ ކަންތައްތަކެއް ހިމަނައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ޓިކެޓް ގަންނަ ފަރާތްތަކަށް ހާއްސަ ސަޕްރައިޒްތަކެއް ވެސް ކުރިއަށް އެބަހުރި ކަމަށް ނޫރު މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް އޮލިމްޕަސް ވަނީ މަލިކާގެ ޓީމުން ނަގައިފަ އެވެ.

ފިލްމު މަލިކާގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު، އެ ފިލްމު ވެގެންދާނީ ހުރިހާ ކަމެއް ފުރިހަމަ ވެގެން ބޮޑު ސްކްރީނުގައި ޕްރިމިއާކުރާ ފިލްމަކަށެވެ.

މަލިކާ އެޅުވުމަށް އަންނަ މަހުގެ 1-20 އަށް އޮލިމްޕަސް ނަގާފައިވާއިރު، ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން، ބޭރުގެ އެހެން ގައުމުތަކުގައި ވެސް ނޫސްވެރިންނަށާއި ފާޑުކިޔުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޕްރީ ޝޯއެއް އަޅުވާނެ އެވެ. އަދި މިއީ ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި މިހާރު ފާހަގަވެފައިވާ ބޮޑު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް އަލީ މުސްތަފާ (ސެމީ) އާއި މޫމިން ފުއާދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޑައިރެކްޓްކޮށްފައިވާ ފިލްމު މަލިކާގެ މައި ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް ކަމަށްވާ، ނުޒުހަތު ޝުއެއިބު (ނުޒޫ) އެވެ.

އޭގެ އިތުރުން، ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ) އާއި މިއަހަރުގެ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ހޯދި ޒުވާން ބަތަލާ ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ) ގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމް ފެނިގެންދާނެއެވެ.

comment ކޮމެންޓް