ވަޒަން އެރި ހާދިސާގެ ތަހުގީގް ނުނިމޭ: ސިފައިން

ކ. ހިންމަފުށީ ގެއެއްގެ ކުޑަ ދޮރަށް ވަޒަނެއް އަރާފައި ހުއްޓާ މިދިޔަ ބުދަ ދުވަހު ފެނުނު އިރު އަދި އެކަން ތަހުގީގްކޮށް ނުނިމޭ ކަމަށް ސިފައިން ބުނެފި އެވެ.

މިއީ މިފަހަކުން އެ ރަށު ގެއެއްގެ ދޮރަށް އެރި ދެވަނަ ވަޒަނެވެ. މިދިޔަ ހަފްތާ ހޮނިހިރު ދުވަހު އެ ރަށު ލިލީނައިޓްގެއަށް އެވަޒަން އެރިކަމަށް ބެލެވޭ އިރު އެވަޒަން އަރާފައި ހުއްޓައި ފެނިފައި ވަނީ ބުދަ ދުވަހު އެވެ.

އެކަމާ ގުޅިގެން ސިފައިންގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އެ ދެ ހާދިސާ ތަހުގީގް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

މީގެ ދެ އަހަރާއި ހަތް މަސް ކުރިން ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި ހުއްޓައި ފެނުނު އިރު އެ ހާދިސާ ހިނގި ގޮތް ވެސް ކަމާ ބެހޭ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. އޭގެ ދެ އަހަރު ފަހުން އަނެއްކާ ވެސް ހަމަ އެފަދަ ހާދިސާއެއް ހިނގާފައިވާ އިރު، ކުރީ ހާދިސާއަކީ ސިފައިންގެ އިހުމާލުންވީ ކަމެއްކަމަށް ހިންމަފުށީ ކައުންސިލަށް އަންގާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

"އެމީހުން [ސިފައިން]ގެ އިހުމާލުން ވެފައިވާ ކަމެއްކަމަށް ކުރީފަހަރު ބުނެފައި އޮތީ، އެއީ ކުރީފަހަރު، އަދި މިފަހަރު އެއްޗެއް ދަންނަވަން ނޭނގެ،" ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް ވިދާޅުވި އެވެ.

ގިރިފުއްޓަކީ ތަމްރީނުތަކަށް ހަތިޔާރު ބޭނުންކުރާ ރަށަކަށްވާ އިރު އެ ރަށުގައި ހަތިޔާރު ބޭނުންކުރާ އަޑު ވަރަށް ސާފުކޮށް ހިންމަފުއްޓަށް އިވެ އެވެ.

comment ކޮމެންޓް