ބަލަދުވެރިންގެ ޖިންސީ ގޯނާ، މަންމަ ކުރީ ސިއްރު! (ވީޑިއޯ)

މާލެއަށް ނިސްބަތްވާ އެއަންހެން ކުއްޖާ އަށް ހަ މަހުގައި މަންމައާއި ބައްޕަގެ ކައިވެނި ރޫޅުނެވެ. ތުއްތު ކުއްޖެއްގެ ގޮތުގައި މަންމައާ އެކު ނިކަމެތިވި އެވެ. ދާއިމީ ބޯހިޔާވަހިކަން ނެތި އެއްގެއިން އަނެއް ގެޔަށް ދުވަން ޖެހުނެވެ. އާއިލާގެ އެހީތެރިކަމަށް ބޭނުންވި އެވެ. ނަމަވެސް އެންމެ އެހީއަށް ބޭނުންވި ދުވަހު އެ ތުއްތު ކުއްޖާއަށް ތަހައްމަލް ކުރަން ޖެހުނީ އިންސާނިއްޔަތާ ހިލާފް ތަޖުރިބާއެކެވެ. ލޯބި ލިބެންވީ މީހުންގެ ފަރާތުން ލިބުނީ ހުތުރު އަނިޔާތަކެކެވެ.

"ޖިންސީ ގޯނާ ފުރަތަމަ ކުރިމަތިވީ ކާފަގެ ފަރާތުން، އޭރު ގާތްގަނޑަކަށް ފަސް އަހަރުވާނީ. އޭރު ނޭންގެ މިވަނީ ކިހިނެއް ކަމެއް، އަނިޔާއެއް ކަމެއް މިލިބެނީއެއް، ދެން ގާތްގަނޑަކަށް 10 އަހަރުގައި ދޮންބައްޕަގެ ފަރާތުން ލިބުނީ، ހަމަ ހެއަކު ނޫން ހުރީކީއެއް، އޭނަ ހަމަހޭގައި ނުހުންނަ ކަހަލަ އެއްޗެއް ދީގެން އެކަން ކުރީ، ދެން ވަރަށް ބޮޑަށް ބިރުދައްކައި އެކަހަލަ ހާލަތަކަށް ދިޔައީ، ދެން އެކަމުން ސަލާމަތް ވުމަށް ބައްޕަ ކައިރިއަށް ދިޔައީ، ބައްޕަގެ ފަރާތުން އަދި ބައްޕަގެ ފަރާތުން ހީވެސްނުކޮށް ހުއްޓާ އެކަހަލަ އަނިޔާއެއް ލިބިގެންދިޔައީ،" މިހާރު އުމުރުން 27 އަހަރުގެ އަންހެން ކުއްޖާ ބުންޏެވެ.

އެ ހުތުރު އަމަލުތަކުގައި އޭނާ ރަނގަޅަށް ވެސް ބެދުނެވެ. ސަލާމަތްވާން އެތައް މަސައްކަތެއްކުރި އެވެ. ނަމަވެސް އާއިލާގެ ފަރާތުން ވެސް ލިބުނީ އުންމީދުކުރި އެހީތެރިކަމެއް ނޫނެވެ. މަންމަމެން ބުނަމުން ދިޔައީ އެވާހަކަ ދައްކައިފި ނަމަ ބޯހިޔާވަހިކަން ލިބޭނެ ގޮތެއްނެތް ކަމަށެވެ. އެހެންވެ އެކަމާ ރުހިގެން އެ ވާހަކަ ނުދައްކައި ހުރުމަށް މަންމަ އެންގި އެވެ.

"އާއިލާ މީހުންގެ ކައިރީގައި ވެސް ބުނިން މަންމަ ކައިރި ވެސް ބުނިން، ވަރަށް ގިނަ މީހުންގެ އެހީއަށް އެދުނިން. އެކަމަކު ކޮންމެ މީހަކު ވެސް ބުނަނީ އެވާހަކަ ނުދައްކާށޭ، ކެތްކޮށްލައިގެން ހުންނާށޭ، ނޫނީ ގޮތެއް ނެތޭ،" އެއަންހެން ކުއްޖާ ބުންޏެވެ.

އުފާވެރި ދިރިއުޅުމަކަށް އުންމީދު ކުރި އެކުއްޖާއަށް ކުރިމަތިވި އެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް ގިނަވި އެވެ. އަމިއްލަ އަތުން އެތައް ގޯހެއްހެދުނެވެ. މީހަކާ އިނދެގެން ވެސް ނޫޅެވެ އެވެ. ފިރިމީހާގެ އެދުންތަކަށް އާއެކޭ ނުބުނެވެ އެވެ. މިހާރު ދެ މީހުންނާ ކައިވެނިކޮށް ދަރިޔަކު ލިބިފައިވާ އިރު އުފާވެރިކަން އިހުސާސެއްނުވެ އެވެ.

"ކުރިން ބުނިހެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭ، މީހަކާ އިނދެގެން އެމީހާއަށް ވެސް އިތުބާރެއް ނުކުރެވޭ، ދަރިޔަކު އެބަހުރި، އަންހެން ކުއްޖެއްހުރީ، އެކަމަކު އެކުއްޖާ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން އެ ކުއްޖާ އޭނާގެ ބައްޕަގެ އަތްމައްޗަށް ދޫކޮށްލަން ވެސް އިތުބާރެއް ނުކުރެވޭ،" މަންމައެއްގެ އިހުސާސް ކިޔައިދެމުން ބުންޏެވެ.

މިއީ ޒުވާން އަންހެން ކުއްޖެއްގެ ނިކަމެތި ހާލެވެ. މިއަދު މަންމަ އަކަށްވީއިރު ވެސް ދިރިއުޅުން ހަމަޔަކަށް ނޭޅެ އެވެ. މިއީ އާބާދީ މަދު މިރާއްޖޭގައި އިންތިހާއަށް އޮތްކަމެކެވެ. ކޮންމެ ތިން އަންހެނަކުން އެކަކަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާއަކާ ކުރިމަތިލާންޖެހިފައިވެ އެވެ. ދެ ޖިންސުގެ އެތައް ބަޔަކު އެވޭން އެބަތަހައްމަލް ކުރެ އެވެ.

ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައި!

އެފަދަ ނުލަފާ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަމަލުކުރުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނެއް ވަނީ އެކުލަވާލައިފަ އެވެ. އެ ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ހިންގާފަރާތްތައް 25 އަހަރާ ހަމައަށް ޖަލަށްލެވެ އެވެ. އަދި އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރެ އެވެ.

ދުވަހުން ދުވަހަށް އެފަދަ މައްސަލަތައް އިތުރުވާ އިރު ހިތާމައަކީ އަދިވެސް ގިނައިން އެކަން ސިއްރުކުރާތީ އެވެ. ސިއްރު ކުރާ މައިގަނޑު ސަބަބަކީ އާއިލާއަކަށް ލިބިދާނެ ހުތުރު ނަމަކަށްޓަކަ އެވެ. އެކަމަށް ޓަކައި ގުރުބާން އެކުރަނީ ތުއްތު ކުދިންނެވެ.

އެފަދަ އަނިޔާއެއް ކުދިންނަށް ލިބޭއިރު އެކަން ސިއްރު ކުރާ ފަރާތްތަކަށް އެގާނޫނުގެ 8. ވަނަ މާއްދާގެ ހ،ގެ ދަށުން 7 އަހަރާއި 10 ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އާދެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، ކުޑަކުދީންނަށް އެކިއެކި ގޯނާކޮށްގެން ހުށަހަޅާ މައްސަލަތައް ކުރިއަށް ވުރެ މިހާރު އިތުރެވެ. އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް ތިން މައްސަލަ ހުށަހެޅެ އެވެ. އޭގެ ތެރޭގައި ޖިސްމާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތައް ގިނަ އެވެ.

"އާއިލާތެރޭގައި ހިނގާ ހަމަނުޖެހުމާ ގުޅިގެން މަންމަ އާއި ބައްޕަ ދުރުވާ ހިސާބުން މަންމަ ކުއްޖާ ބަލަހައްޓަމުންދާކަމުގައިވާ ނަމަ މަންމަގެ ފަރާތުން ކުއްޖާއަށް އެކި ކަހަލަ އަނިޔާ ލިބުމާއި އަދި ބައްޕަގެ ފަރާތުން ކުއްޖާ ބަލަހައްޓާ ނަމަ ކުއްޖާއަށް އެކި ކަހަލަ އަނިޔާވުން، މިކަހަލަ މައްސަލަ ގިނައިން ހުށަހެޅެނީ،" ހެޑް އޮފް ޗައިލްޑް އެބިއުސް އިންވެސްޓިގޭޓިވް ޔުނިޓް، ޕޮލިސް ސްޓާފް ސާޗެންޓް އަހުމަދު ފާރިޝް ވިދާޅުވި އެވެ.

ނަމަވެސް މައްސަލަތައް ތަހުގީގް ކުރުމަށް ބޮޑެތި ހުރަސްތަކެއްވެ އެވެ. އެއީ އެފަދަ މައްސަލަތައް ހުށައެޅޭލެއް އިންތިހާއަށް ލަސްވުމެވެ.

"ހިތާމައަކީ ގިނަ މައްސަލަތައް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭލެއް އަދި ވެސް ލަސް. އެއްބައި މައްސަލަތައް ލަހުން ހުށަހެޅިއްޖެ ކަމަށްވާ ނަމަ އަޅުގަނޑުމެންނަށް އެމައްސަލަތަކުގެ ހެކިތައް ހޯދަން ތަންކޮޅެއް ދަތިވޭ،" ފާރިޝް ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ކުރިމަތިވާ ނަމަ ފެމެލީ ޕުރޮޓެކްޝަން އެޖެންސީ އާއި ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އިން ގުޅޭނެ އެވެ. އަދި ފެމިލީ ލޭގަލް ކުލިނިކްގެ ހޮޓްލައިން 7456570 އަށް ގުޅުމުން ހިލޭ ގާނޫނީ ލަފާދެ އެވެ. އޭރުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެވެ.

"ކޮންމެ މީހަކަށް ވެސް އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ނުކުމެ އެވާހަކަ ދައްކަންޖެހޭ، އެކަމަށް ހައްލު ހޯދަދޭނެ ގޮތްގޮތް މިހާރު އެބައޮތް، އޭރު، އެކަމަކު މިހާރު އެބަތިބި އެހީތެރިވާނެ ފަރާތްތައް، އެހެންވީމަ އެވާހަކަތައް ދައްކަން އެބަޖެހޭ. އެހެން ނޫނީ އެމީހާގެ ދިރިއުޅުން ވެސް ގެއްލިގެންދާނީ،" އަނިޔާ ތަހައްމަލް ކޮށްފައިވާ ކުއްޖާ ބުންޏެވެ.

comment ކޮމެންޓް