ނިއުގެ ކެޕްޓަނަކަށް ކީޕަރު އިމްރާން

ނިއުގެ ކެޕްޓަނަކަށް ހަމަޖެއްސި ކީޕަރު އިމްރާން(ވ)އާ ޗެއާމަން ކާނަލް ޒިޔާދު ބޭންޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށްއޮތް ފުޓްބޯޅަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަނަކަށް ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފިއެވެ.

ކެންސަރު ދުވަހާ ގުޅިގެން މިއަދު ހަވީރު ކުޅުނު ޗެރިޓީ މެޗު ފެށުމުގެ ކުރިން ކީޕަރު އިމްރާނަށް ވަނީ ނިއުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްދީފައެވެ. އޭނާއަށް ކެޕްޓަން ބޭންޑް ހަވާލުކޮށްދިނީ ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދެވެ.

މިއަދު ހަވީރު ކުޅުނު ޗެރިޓީ މެޗުގެ ކުރިން ނިއުގެ ކެޕްޓަން އަދި ކީޕަރު އިމްރާން މުހައްމަދު (ކ) އާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު ސަލާމްކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކީޕަރު އިމްރާނަކީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުއާ ގުޅުނު ކީޕަރެކެވެ. އޭނާ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުމުގެ ކުރިން 2012 އިން 2014 ވަނަ އަހަރުގެ ނިޔަލަށް ނިއުގައި ކާމިޔާބީ ދުވަސްތަކެއް ހޭދަކޮށްފައިވެއެވެ.

ނިއުގެ ކެޕްޓަންކަމުގެ މަގާމު މިދިޔަ އަހަރު އަދާކޮށްފައިވަނީ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ)އެވެ. އޭނާ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވެސް ފެނިގެންދާނީ ނިއުއިންނެވެ.

ނިއުއިން ވަނީ އިމްރާންގެ އިތުރުން ކުރިން ވެސް ނިއުއިން ފެނުނު މުހިންމު ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން އަހްމަދު އަބްދުﷲ (ލިލީ)އާއި، އަލީ ފާސިރު (ސެންޓޭ) އަދި އަކްރަމް އަބްދުލްޤަނީ (އަކޫ) ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް