އޫބާ ބޯއިކޮޓްކުރަން ފެށުމުން އެކުންފުނީގެ ސީއީއޯ، ޓްރަމްޕްއާ ދުރަށް ވަޑައިގެންފި

އޫބަރގެ ސީއީއޯ ޓްރެވިސް ކެލެނިކް ----

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިގްތިސާދީ މުސްތަޝާރުންގެ ޓީމުގައި ހިމެނޭ، މަޝްހޫރު ރައިޑް ޝެއާރިންގް ސާވިސް އޫބާގެ ސީއީއޯ ޓްރެވިސް ކެލެނިކް އެ ޓީމުން ވަކިވެވަޑައިގެންފި އެވެ.

ރައީސް ޓްރަމްޕްގެ ރިޔާސީ އަމުރުތަކާއި ގަރާރުތަކާ މެދު ދުނިޔޭގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ އިރު، ކެލެނިކްގެ ކުންފުނި އޫބާގެ ކަސްޓަމަރުންނާއި މުވައްޒަފުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ފާޑު ކިޔުން އޭނާއަށް އަމާޒުކޮށްފަ އެވެ.

ވަކިން ޚާއްސަކޮށް، މެކްސިކޯ ބޯޑާރުގައި ފާރެއް ރޭނުމާއި، ހަތް ގައުމެއްގެ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި ގަރާރު، އެފަރާތްތަކުން ވަނީ ނުކުތާއެއްގެ ގޮތުގައި ނަގައިފަ އެވެ.

އޫބާގެ ސީއީއޯ ޓްރަމްޕްގެ އިކޮނޮމިކް އެޑްވައިޒަރީ ގްރޫޕުގައި އިންނަވާތީ، ގިނަ ބަޔަކު ގަބޫލުކުރީ އޫބާއަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރާ ކުންފުންޏެއް ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އޫބާ ޓެކްސީގެ ޚިދުމަތް ގިނަ ބަޔަކު ހޯދަމުންދާ އިރު، މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޢެމީހުންގެ ފޯނުތަކުން އޫބާގެ އެޕް ޑިލީޓުކޮށް، އެމީހުންގެ އެކައުންޓްތައް ވެސް ޑިލީޓު ކޮށްފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޫބަރއާ ދެކޮޅަށް ކެމްޕޭނެއް ހިންގި އިރު، އެ ދެލައްކައަށް ވުރެ ގިނަ މީހުން އެމީހުންގެ އޫބާ އެކައުންޓްތައް ޑިލީޓުކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން އޫބާގެ ވިޔަފާރިއަށް ނޭދެވޭ ބޮޑު އަސަރެއް ކޮށްފާނެ ކަމަށް ބަލައި، ކެލެނިކް ވަނީ އޭނާގެ މުވައްޒަފުންނަށް ކަންކަން ސާފުކޮށްދިނުމަށް ސިޓީއެއް ފޮނުވައިފަ އެވެ. އޭނާ ފޮނުއްވި މެމޯގައި ބުނެފައި ވަނީ، ރައީސް ޓްރަމްޕް އެކުލަވާލެއްވި ގްރޫޕެއްގައި އޭނާ ހިމެނުމަކީ، ރައީސް ޓްރަމްޕްގެ ހުރިހާ ނިންމެވުމަކަށް އޭނާ ތާއީދުކުރެއްވުން ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަން ވަނީ ވަރަށް ބޮޑަށް އޮޅުވާލެވިފައި ކަމަށާއި، ގިނަ ބަޔަކަށް އެކަން ފެންނަނީ ނުބައިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވެސް ވާނީ ރައީސް ޓްރަމްޕްއާ ބައްދަލުކޮށް، އެމަނިކުފާނު އިމިގްރޭޝަނާ ބެހޭ ގޮތުން ނެރުއްވި އަމުރާއި، އޭގެ ނޭދެވޭ އަސަރުތަކުގެ ވާހަކަތައް ހިއްސާ ކޮށްފައި،" ކެލެނިކް ބުރާސްފަތި ދުވަހު ނެރުއްވި މެމޯގައި ވިދާޅުވި އެވެ.

"ސަރުކާރުގެ އެޖެންޑާއަށް އަޅުގަނޑު ނުވަތަ އަޅުގަނޑުގެ ކުންފުނި އެންޑޯޒް ކުރާކަމަށް ހީކުރާ މި ހީވުން އުފެދުމުގެ ސަބަބުން، އާންމުން އަޅުގަނޑުމެންނާ ދޭތެރޭ ދެކޭ ގޮތާއި، އަޅުގަނޑުމެންގެ ހަގީގަތާ ވަނީ ވަރަށް ބޮޑަށް އޮޅިފައި،" ކެލެނިކް ވިދާޅުވި އެވެ.

އޫބާއަކީ އެމެރިކާގެ އިމިގްރޭޝަން ސިޔާސަތާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ޓެކްނޮލޮޖީސް ކުންފުންޏެވެ. އޫބާގެ ގިނަ ޑްރައިވަރުންނަކީ އެމެރިކާގައި އުޅޭ، ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އޫބާ އިން ވަނީ އެ ސިޔާސަތާ ގުޅިގެން މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އެހީވުމަށް ތިން މިލިޔަން ޑޮލަރުގެ ލީގަލް ފަންޑެއް ވެސް ގާއިމުކޮށްފަ އެވެ.

comment ކޮމެންޓް