އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފިނަމަ ވަރުގަދަ ހަމަލާއެއް ދޭނަން: އެމެރިކާ

އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވަނީ --

އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށް، އެމެރިކާ ނުވަތަ އެމެރިކާއާ ގާތް އެއްވެސް ގައުމަކަށް ހަމަލާ ދީފި ނަމަ، އެއަށް ވުރެ މާ ވަރުގަދަ ހަމަލާތަކެއް އުތުރު ކޮރެއާއަށް ދޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މިހެން ބުނީ އެގައުމުގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ދެކުނު ކޮރެއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެއީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ވެރިކަމަށް އައި ފަހުން، އެ ސަރުކާރުގެ ޑިފެންސް ސެކްރެޓަރީ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މިހެން ވިދާޅުވި އިރު، އުތުރު ކޮރެއާއިން އަބަދާއި އަބަދު ދަނީ ދެކުނު ކޮރެއާއާއި އެމެރިކާއަށް އިންޒާރުދީ، ބިރު ދައްކަމުންނެވެ.

މި ދަނޑިވަޅަކީ އުތުރު ކޮރެއާއިން އާ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަން ތައްޔާރުވާ ކަމަށް ހީވެފައި އޮތް ދަނޑިވަޅެކެވެ. މިކަން އުތުރު ކޮރެއާއިން ކުރުން ވެގެން ދާނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ޖެހޭ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

އުތުރު ކޮރެއާއިން މިދިޔަ އަހަރު ވަނީ 20 އަށް ވުރެ ގިނަ މިސައިލް ޓެސްޓު ކޮށްފައެވެ. އޭގެ ތެރޭގައި ދެ ނިއުކްލިއާ މިސައިލް ހިމެނެއެވެ.

comment ކޮމެންޓް