ރާއްޖޭގެ ފުރަތަމަ ޖަނަވާރުންގެ ޑޮކްޓަރާ އެކު ކޮކޯ ޕާމްގައި ވެލާއަށް ހާއްސަ ސެންޓަރެއް

ކޮކޯ ޕާމް ދުނި ކޮޅުގައި ގާއިމްކުރި ވެލާއަށް ހާއްސަ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި (ކ-ވ) ރިސޯޓުގެ ރެސިޑެންޓް މެނޭޖަރު ނަސްރުﷲ އަލީ، ޖެނެރަލް މެނޭޖަރު، ވެލާ ސެންޓަރާ ހަވާލުވެ ހުންނަވާނެ ޑރ. ކުލެއާ --- ފޮޓޯ/ ކޮކޯ ޕާމް

ވެލައަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށްވީ ނަމަވެސް، ވެލައާއި ކަހަނބު ފަޅައި، އޭގެ މަސް ކައިހަދާ މީހުން މި ރާއްޖޭގައި ގިނަ އެވެ. ވެލާ ބިސް ނަގައި، ކުދި ވެލާ ބަންދުކޮށްގެން ގެންގުޅުމާއި ވެލައިން ތެޔޮކުނޑި ހާނާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

އިންސާނުންގެ ފަރާތުން އެ ތަކެއްޗަށް ލިބޭ ނުރައްކާތަކުގެ އިތުރުން ކަނޑުގައި އޮޔާދާ މަސްހިފައި ދާތަކުގައި އޮޅިގެން ވެސް އެތައް ވެލައެއް އަހަރެއްގެ ތެރޭގައި މަރުވެ އެވެ. ދާ ތަކުގައި އޮޅި، ހައްޔަރުވުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުންނަ ވެލާތައް، ރާއްޖޭގެ ކަނޑުތަކުން ފެންނަލެއް ވެސް މަދެއް ނޫނެވެ.

ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ، ރާއްޖެއަކީ ކަނޑަށް ދޫކޮށްލާފައި ހުންނަ އެފަދަ ދާ އެންމެ ގިނައިން ފެންނަ އެއް ސަަރަހައްދެވެ. މިއީ ރާއްޖޭގެ މަސްވެރިން ދޫކުރާ ދަލަށް ނުވި ނަމަވެސް، މިއީ ވެލާ ފަދަ ތަކެއްޗަށް ރާއްޖޭގެ ކަނޑުތަކުގައި އޮތް ބޮޑު ނުރައްކަލެކެވެ.

ކޮކޯ ޕާމް ދުނި ކޮޅުގައި ގާއިމްކުރި ސެންޓަރަށް ގެނެވުނު "އީވޯ" ނަމަކަަށް ކިޔާ ކަހަނބު --- ފޮޓޯ/ ކޮކޯ ޕާމް

ހަމައެއާ އެކު ދަލުގައި އޮޅި ހައްޔަރުވެފައި ތިބޭ ވެލާތައް ސަލާމަތްކޮށް، ކަނޑަށް އަނބުރާ ދޫކޮށްލާ އިރު، ވަލުގައި އޮޅި ވެލައަށް ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ފަރުވާ ދެވޭނެ ތަންތަން ރާއްޖޭގައި މަދެވެ. އެފަދަ ކަމަކަށް ކުޑަވެސް ފަރުވާއެއް ލިބެނީ ރިސޯޓެއްގައި ގާއިމް ވެފައި ހުންނަ މެރިން ބައިލޮޖިސްޓެއްގެ ފަރާތުންނެވެ.

ނަމަވެސް، ރާއްޖޭގެ ފުރަތަމަ ޖަނަވާރުންނަށް ފަރުވާދޭ ހާއްސަ ޑޮކްޓަރު ނުވަތަ ވެޓެރިނޭރިއަން އަކާ އެކު ކޮކޯ ޕާމް ދުނި ކޮޅުގައި ވެލައަށް ހާއްސަ ސެންޓަރެއް މިހާރު މިވަނީ ގާއިމްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ޗެރިޓީ ޖަމިއްޔާއެއް ކަމަށްވާ، އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އާއި ކޮކޯ ކަލެކްޝަންއާ ގުޅިގެން ގާއިމްކުރި އެ ސެންޓަރުގައި ލެބޯޓަރީ އަކާއި ބައެއް އޮޕަރޭޝަންތައް ކުރުމަށް ފުރިހަމަ ވަސީލަތާ އެކު ސާޖަރީ ތިއޭޓަރެއް ވެސް ހިމެނެ އެވެ.

ކޮކޯ ޕާމް ދުނި ކޮޅުގައި ގާއިމްކުރި ވެލާއަށް ހާއްސަ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކޮކޯ ޕާމް

ސެންޓަރާ ގުޅޭ ގޮތުން 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ކޮކޯ ޕާމް ދުނި ކޮޅުގެ ރެސިޑެންޓް މެނޭޖަރު ނަސްރުﷲ އަލީ ވިދާޅުވީ އެ ރިސޯޓްގެ ކުރީގެ މެރިން ބަޔޮލަޖިސްޓްގެ އިސްނެގުމަކަށް ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ މަސްދާތަކުގައި ޖެހި ހައްޔަރުވެފައި ތިބޭ ވެލާ ސަލާމަތްކުރުމަށް އޯއާރުޕީއާ އެކު 2013 ވަނަ އަހަރުން ފެށިގެން ކޮކޯ ކަލެކްޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ މަސް ދާތަކުގައި ޖެހި ހައްޔަރުވެފައި ތިބޭ ވެލާ ސަލާމަތްކުރުމުގެ އިތުރުން ވެލާ ހިމާޔަތްކުރުމާ ގުޅޭ ގޮތުން ފަތުރުވެރިންނާއި އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފައިވެ އެވެ.

"އޯއާރުޕީއާ ޕާޓްނާޝިޕް ވެގެން ވެލައަށް ހާއްސަ ސެންޓަރެއް ގާއިމްކުރުމަށް ރަސްމީކޮށް ނިންމާ އެކަން އިއުލާންކުރީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު. އަދި ސެންޓަރު ގާއިމް ކުރުމަށް ކޮކޯ ޕާމް އަދި ކޮކޯ ބޮޑު ހިއްޗަށް އަންނަ ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު. އެ ތަރުހީބާ އެކު މިދިޔަ އަހަރުގެ މެދު ތެރޭގައި ސެންޓަރު އެޅުމަށް ބޭނުންވާ ފަންޑު ލިބުނު،" ނަސްރު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 120،000 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރި އެ ސެންޓަރަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ސެންޓަރެކެވެ.

ކޮކޯ ޕާމް ދުނި ކޮޅުގައި ގާއިމްކުރި ސެންޓަރަށް ގެނެވުނު "އީވޯ" ނަމަކަަށް ކިޔާ ކަހަނބު --- ފޮޓޯ/ ކޮކޯ ޕާމް

ޖުމްލަ ހަތް ޓޭންކެއް ހިމެނޭ އެ ސެންޓަރުގައި އޮޓޯމެޓިކް ސިސްޓަމެއް މެދުވެރިކޮށް ޓޭންކުތަކަށް ފެން އެޅުމާއި ފިނި ހޫނުމިން ހިފެހެއްޓޭނެ ނިޒާމެއް ގާއިމްކޮށްފައިވާ އިރު، މުޅި ސިސްޓަމް މެދުވެރިކޮށް ޕްރީ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ގޮތް ހެދިފައި ހުރެ އެވެ.

ނަސްރުﷲ ވިދާޅުވީ، ސެންޓަރު ފަށައިގަތުމަށް އެތަނަށް ބޭނުންވާ ބައެއް ބޭސްތަކަކީ ރާއްޖޭގައި ބޭނުންކުރުން މަނާ ބޭސްތަކެއް ކަމުން އެ ތަކެއްޗަށް ހުއްދަ ނެގުމާއި އެތަނުގައި މަސައްކަތްކުރާނެ ވެޓެރިނޭރިއަން އަށް ބޭނުންވާ ހުއްދަތައް ހޯދުމަށް ފުރަތަމަ ކޮޅު ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

ނަމަވެސް އެ މައްސަލަތައް މިހާރު ހައްލުކޮށް، މިމަހުގެ ތެރޭގައި ފުރިހަމައަށް އެތަނުގެ ހިދުމަތް ދެވެން ފަށާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޓަރުގެ މަސައްކަތް ކުރިއަށްދާނެ ގޮތް

ސެންޓަރު ހިންގެވުމާ ހަވާލު ހުންނެވި ރާއްޖޭގެ ފުރަތަމަ ވެޓެރިނޭރިއަން ޑރ. ކުލެއާ ޕެޓްރޮސް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ މަސް ދާތަކުގައި ޖެހި އަނިޔާވެގެން ފެންނަ ވެލާތަކާއި އެހެން ރިސޯޓްތަކުން ސަލާމަތްކޮށް ފަރުވާ ބޭނުންވާ ވެލާތަކަށް ވެސް އެ ސެންޓަރުން ފަރުވާ ދޭނެ ކަމަށެވެ.

އަދި ވެލައެއް އެ ރިސޯޓަށް ގެނެވެން ނެތް ނަމަ، އެ ސެންޓަރާ އެކު ޕާޓްނާޝިޕް ހަދާފައިވާ ޓްރާންސް މޯލްޑްވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލައިޓެއް މެދުވެރިކޮށް ނުވަތަ ލޯންޗު މެދުވެރިކޮށް ވެސް އެ ރިސޯޓަށް ވެލާ ގެނައުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮކޯ ޕާމް ދުނި ކޮޅުގައި ގާއިމްކުރި ވެލާއަށް ހާއްސަ ސެންޓަރު ހިންގުވުމާ ހަވާލުވެ ހުންނަވާނެ ރާއްޖޭގެ ފުރަތަމަ ވެޓެރިނޭރިއަން ޑރ. ކުލެއާ ޕެޓްރޮސް ސަން އަދި ހޮޓަލިއާއަށް އިންޓަވިއުދެއްވަނީ --- ފޮޓޯ/ ކޮކޯ ޕާމް

"މީގެ ތިން މަސް ކުރިން ސެންޓަރުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދޭ. މިހާތަނަށް ސެންޓަރަށް ތިން ޕޭޝަންޓަކު ގެނެވުނު. އަދި މިތަން ހުޅުވުމާ އެކު އިތުރު ވެލާތަކަށް ވެސް ގެނައުމަށް ވެއިޓިން ލިސްޓުގައި އެބަހުރި،" 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ޕެޓްރޮސް ވިދާޅުވި އެވެ.

ސެންޓަރަށް ގެންނަ ވެލާތަކަށް ފަރުވާ ދިނުމުގެ އިތުރުން އާއްމުންނަށާއި ރިސޯޓް ކައިރީގައި އޮންނަ ތުޅާދޫ އަދި ހިތާދޫ ސްކޫލްގެ ދަރިވަރުން ސެންޓަރަށް ގެނެސް މައުލޫމާތު ދިނުމާއި ރަށްރަށަށް ގޮސް ވެލައާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ވެސް ކުލެއާ މަސައްކަތްކުރާނެ އެވެ.

ތިމާވެށީގެ ގޮތުން ލާމަސީލު ރިސޯޓެއް

ރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ވެލައާއި ކަހަނބު ހިމާޔަތް ކުރުމަކީ ކޮކޯ ކަލެކްޝަން އިން ކުރިއަށްގެންދާ އެ ހަރަކާތެވެ. އޭގެ އިތުރުން ވެސް ތިމާވެއްޓާއި ރަހުމަތްތެރި ތަނަކަށް ހެދުމަކީ އެ ރިސޯޓުގެ އަމާޒެވެ. އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އެ ރިސޯޓުން ދަނީ ކުރަމުންނެވެ.

އެގޮތުން މުޅި ރިސޯޓްގައި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައިވާ އިރު، އަމިއްލައަށް ފެން އުފައްދައިގެން ބޭނުންކުރަނީ ބިއްލޫރި ފުޅީގަ އެވެ. އަދި ރިސޯޓުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަށް ސުތުލި ގޯނި ބޭނުންކުރާ އިރު، ޑަސްބިން އިން ކުނި ނެގުމަށް ފަހު، އުފުލުމަށް ބޭނުންކުރަނީ ސަތަރިން ފަހާފައިވާ ހާއްސަ ދަބަހެކެވެ.

ކޮކޯ ޕާމް ދުނި ކޮޅުގައި ގާއިމްކުރި ވެލާއަށް ހާއްސަ ސެންޓަރާ ގުޅޭ ގޮތުން ރިސޯޓުގެ ރެސިޑެންޓް މެނޭޖަރު ނަސްރުﷲ އަލީ އިންޓަވިއު ދެއްވަނީ --- ފޮޓޯ/ ހޮޓަލިއާ

އޭގެ އިތުރުން ރަށުން ނަގާ ހިކި ކުނި، ގާއިމްކޮށްފައި ހުންނަ އިންސެނިރޭޓަރު ބޭނުންކޮށްގެން އަންދާ އިރު ތެތް ކުނި ބޭނުންކުރަނީ ގަސްކާނާއަށެވެ. އަދި ޕްލާސްޓިކް ދަޅު ފަދަ އެއްޗެހި ރިސޯޓުން ބޭރުކުރުމުގެ ކުރިން ކޮމްޕުރެސް ކުރާއިރު، ބިއްލޫރި ފުޅިއެއްޗެހި ފުޑުކުރުމަށް ފަހު ސިމެންތިއާ އެއްކޮށްގެން ރޭނުމުގައި ބޭނުންކުރެ އެވެ.

މީގެ އިތުރުން ކޮކޯ ކަލެކްޝަންގެ އުއްމީދަކީ އެ ކުންފުނިން ކޮކޯ ޕާމްގައި ގާއިމްކުރި ވެލާ ސެންޓަރެއް ކޮކޯ ބޮޑު ހިތީގައި ވެސް ގާއިމްކޮށް، ރާއްޖޭގެ ކަނޑުފަޅުތަކުގައި ދިރިއުޅޭ ވެލާތައް ސަލާމަތްކޮށް ރައްކާތެރިކުރުމެވެ.

comment ކޮމެންޓް