ވީއޭއެމް އެކްސްކޯ މެންބަރެއްގެ "ގޮތްނޭނގޭ" އިސްތިއުފާގެ ސިޓީ!

ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިންތިހާބުވި މެންބަރުން --- ސަން ފައިލް ފޮޓޯ/ މުއާވިޔަތު އަންވަރު

ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބޭއްވުމުގައި ވަރަށް ބުރަކޮށް އުޅުނު އަހަރެކެވެ. އެގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ތެރޭގައި ވެސް ގިނަ މައްސަލަތަކެއް ޖެހި، ދެ ފަހަރެއްގެ މަތިން އިންތިހާބު ބާއްވަން ޖެހުނެވެ. އެސޯސިއޭޝަން ތެރޭގައި ޖެހުނު މައްސަލަތައް ހައްލުކޮށް، ވީއޭއެމްގެ ރައީސްކަމަށް މުހައްމަދު ލަތީފް އިންތިހާބުވިތާ ހަތަރު މަސްވެގެންދިޔައީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް، މިހާރު މިވަނީ ކުއްލިއަކަށް، މައްސަލަތަކެއް ފެންމަތިވެފައެވެ. އެއީ "އެކްސްކޯ މެންބަރެއްގެ ގޮތްނޭނގޭ އިސްތިއުފާގެ ސިޓީއެއްގެ މައްސަލަ"އެވެ.

ބުރާސްފަތި ދުވަހު ހަވީރު ޒުވާނުންގެ މަރުކަރުގެ ސެމިނާ ރޫމްގައި ބޭއްވި، ނޫސްވެރީންގެ ބައްދަލުވުމެއްގައި، ލަތީފް ވަނީ، އޭނާ އެކުލަވައިލެއްވި އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު އިސްތިއުފާގެ ސިޓީއެއް ހުށަހެޅުއްވިކަން ފާހަގަކުރައްވައިފައެވެ. އެއީ އެކްސްކޯ މެންބަރު އަލީ އިޔާޒްގެ އިސްތިއުފާގެ ސިޓީއެކެވެ. އެހެން ނަމަވެސް، އިޔާޒު އެ ސިޓީ ސިފަކުރަނީ "ގޮތްނޭނގޭ" ސިޓީއެއްގެ ގޮތުގައެވެ.

ލަތީފް ވިދާޅުވިގޮތުގައި، އިސްތިއުފާ ދިނުމަށްއެދި އިޔާޒް ވަނީ، ވީއޭއެމްގެ ރަސްމީ ވައިބާ ގްރޫޕް މެދުވެރިކޮށް ސިޓީއެއް ފޮނުވައިފައެވެ.

"މިހާރުގެ މެންބަރުންގެ ތެރެއިން އަލީ އިޔާޒް އިސްތިއުފާދީފައިވަނީ. އަލީ އިޔާޒްގެ އިސްތިއުފާގެ ސިޓީއެއް އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީއަށް ވަނީ ލިބިފައި. އެހެންވީމާ އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނާގޮތުން، އިސްތިއުފާގެ ސިޓީއެއް ފޮނުވައިފިއްޔާ އެބަ މަގާމު ގެއްލޭ. އަޅުގަނޑަށްވެސް އެ ސިޓީ ލިބިފަވަނީ،" ލަތީފް ވިދާޅުވިއެވެ.

ވީއޭއެމް އަސާސީ ގަވާއިދު ކުރިން ލަތީފް ނުގެންގުޅުއްވާ!

ވީއޭއެމްގެ އެކްސްކޯގެ ވައިބާ ގްރޫޕަށް ސިޓީ އައުމާއެކު ލަތީފް އޭރު ލިޔުއްވާފައިވަނީ، "އިސްތިއުފާ ސިޓީއެއް ގަބޫލެއް ނުކުރެވޭނެ. އެއްވެސް މެންބަރެއް ދުރުވެގެން ނުވާނެ. ހަތަރު އަހަރު ނިންމަން ޖެހޭނީ އެންމެން އެކުގައި،" ކަމަށެވެ. އޭރު އެ ވާހަކަ ދެއްކުނީ އަސާސީ ގަވާއިދު ނެތުމުން ކަންތައްކުރަން ޖެހޭ ގޮތް ސާފުވެފައިނެތުމުން ކަމަށް ލަތީފް ވިދާޅުވެއެވެ.

ވީއޭއެމްގެ އެކްސްކޯ ވައިބާ ގްރޫޕްގައި، އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ލިޔުއްވި ޕޯސްޓެއްގެ ސްކްރީން ޝޮޓެއް --

ލަތީފް ވިދާޅުވީ، އިސްތިއުފާގެ ސިޓީ ފެނުނުއިރު އޭނާ އަތުގައި ވީއޭއެމްގެ އަސާސީ ގަވާއިދެއް ނެތް ކަމަށާއި އެއީ ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދު ވަރަށް ފޮރުވައިގެން ގެންގުޅުއްވާ އެއްޗެއް ކަމަށެވެ. އަދި ފަހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ގޮސްގެން އަސާސީ ގަވާއިދު ހޯދި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަސާސީ ގަވާއިދު ބަލާލިއިރު މި އޮންނަނީ އިސްތިއުފާ ގަބޫލުކުރާކަށް ނުޖެހެއޭ. ސިޓީ އެގްޒެކެޓިވް ކޮމިޓީއަށް ލިބުމާއެކު އެއޮތީ މަގާމު ގެއްލިފައި. އަސާސީ ގަވާއިދަކު ނޯވޭ ރައީސްއަށް ނުވަތަ އެގްޒެކެޓިވް ކޮމިޓީއަށް ލިބުމުން އަޅުގަނޑުމެން އެއެއް ގަބޫލުކުރަން ޖެހޭ ކަމަކަށް. އިސްތިއުފާގެ މާއްދަގައި އިންނަނީ އިސްތިއުފާގެ ސިޓީ އެސޯސިއޭޝަނަށް ލިބުމާއެކު ނިމުނީއޭ. ވައިބާ ގްރޫޕަކީ މިހާރު ރަސްމީކޮށް ބޭނުންކުރާ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސް އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީގެ ވައިބާ ގްރޫޕަކީ އެކްސްކޯ މެންބަރުން ހިމެނޭ ގްރޫޕެއް" ކަމަށާއި "އެގްޒެކެޓިވް ކޮމިޓީގެ ދިހަ މެންބަރުންނަށް ވާނީ އެ ސިޓީ ލިބިފައި" ކަމަށެވެ. އަދި އެހެންވީމާ އިޔާޒަށް މިހާރު މަގާމު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްތިއުފާގެ ސިޓީ މިހާރު ފެންނާކަށް ނެތް!

އިޔާޒް 'ސަން'އަށް ވިދާޅުވީ، އޭނާގެ ނަމުގައި އިސްތިއުފާގެ ސިޓީއެއް ވައިބާ ގްރޫޕްތަކުގައި ދައުރުވަމުންދާތީ އެކަމާމެދު ސުވާލުކުރުމަށް ވީއޭއެމްގެ އެކްސްކޯ މެންބަރުންގެ ގްރޫޕަކަށް އެ ސިޓީ ފޯވާޑް ކުރިކަމަށެވެ. އެ ސިޓީއަކީ އިޔާޒް ލިޔެފައިވާ ސިޓީއަކަށްނުވުމުން އެކަމާމެދު ވައިބާ ގްރޫޕުގައި ސުވާލު އުފައްދާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެކަމަށް ސުވާލު އުފެއްދުމަށް އެ ސިޓީ ވައިބާ ގްރޫޕަށް ލާފައިވާނީ. އެއަށްފަހު އަޅުގަނޑު އެ ޕޯސްޓް ޑިލީޓްކޮށްލީ. ޕޯސްޓް ޑިލީޓްކޮށްލީ އެއީ އަޅުގަނޑު ލިޔެފައިވާ ސިޓީއަކަށްނުވުމުން. ލަތީފްގެ ޖަވާބަކަށްވީ އިސްތިއުފާ ގަބޫލުނުކުރާ ކަމާއި އެއްވެސް މެންބަރަކު ދުރުވެގެން ނުވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޓީއެއް ނޫން އެއީ. އަޅުގަނޑުގެ ނަމުގައި ލިޔެ ސޮއިކޮށްފައި އޮތީ. އެކަމަކު އަޅުގަނޑު އެފަދަ ސިޓީއެއް ނުވެސް ލިޔަން، ސޮއެއްވެސް ނުކުރަން. އެހެންވެ ކަންހިނގިގޮތް ބަލަން އަޅުގަނޑު އެ ސިޓީ ވައިބާގްރޫޕަށް ލީ."

އިޔާޒް ވިދާޅުވީ، އެކަމަކީ ލަތީފްގެ ވަކި އެޖެންޑާއެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި ވީއޭއެމްގައި އިސްތިއުފާ ދިން ކަމަށް ބުނާ ސިޓީއެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެކްސްކޯގެ ވައިބާ ގްރޫޕުން އިޔާޒް ވަކިކޮށްފައިވަނީ އިއްޔެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިޔާޒުގެ އިސްތިއުފާ ސިޓީއާ ގުޅޭގޮތުން ވީއޭއެމްގެ ނައިބުރައީސް އިއްޒަތު ވަހީދު 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ، "ވީއޭއެމްއަށް ރަސްމީކޮށް އިޔާޒްގެ އިސްތިއުފާގެ ސިޓީއެއް ލިބިފައެއް ނެތް" ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ނިމިގެންދިޔަ ދެވަނަ ޑިވިޝަން ގައުމީ ލީގުގެ ތިންވަނައަށް ހޮވުނު ޓީމަށް މެޑެލް ހަވާލުކޮށްދީފައިވަނީ އިޔާޒްއެވެ. އޭނާ މެޑެލް ހަވާލުކުރީ ވީއޭއެމްގެ އެކްސްކޯ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ވައިބާ ގްރޫޕްގެ 'ހާދިސާ' ހިނގާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާ އިސްތިއުފާގެ މާއްދާގައި ބަޔާކޮށްފައިވަނީ ހިންގާ ކޮމިޓީގެ މެންބަރަކު އަމިއްލައަށް ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި އެސޯސިއޭޝަނަށް ލިޔުމަކުން އިސްތިއުފާ ހުށަހެޅުމަށްފަހު ވަކިވެވިދާނެ ކަމަށެވެ.

ވީއޭއެމްގެ ރަސްމީ ކަންކަމުގައި ވައިބާ ގްރޫޕް ބޭނުންކުރާ ކަމަށް ލަތީފް ވިދާޅުވެފައިވާއިރު، ވައިބާއަކީ އެމީހަކު އަމިއްލައަށް ފޮނުވާ އެއްޗެއް ޑިލީޓް ކޮށްލެވޭ އެޕްލިކޭޝަނެކެވެ. އެހެންކަމަށްވާނަމަ، އިޔާޒް ކުރިން ފާހަގަކުރެއްވި ގޮތަށް، އޭނާ ހަގީގަތް ސާފުކުރުމަށް ވައިބާ ގްރޫޕަށް ފޯވާޑްކުރި ސިޓީ، އޭނާ އޭރު ޑިލީޓް ކޮށްފައި ވާނަމަ، ވީއޭއެމްގައި އިޔާޒްގެ އިސްތިއުފާ ސިޓީ ފައިލްކުރެވިފައެއް ނުވާނެއެވެ.

comment ކޮމެންޓް