ޕޮކެމޯން އަދި މާރިއޯގެ ސަބަބުން ނިންޓެންޑޯގެ ފައިދާ އިތުރުވެއްޖެ

ފޮޓޯ/ އޭއެފްޕީ

ޖަޕާނުގެ ނިންޓެންޑޯ ކުންފުނިން މިދިޔަ އަހަރު ރިލީޒްކުރި ދެ ސްމާޓްފޯން ގޭމް، ޕޮކެމޯން ގޯ އަދި ސުޕަމާރިއޯ ރަންގެ ކާމިޔާބާ އެކު، ލަފާކުރި ވަރަށް ވުރެ އިތުރު ފައިދާއެއް އެކުންފުންޏަށް ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖަޕާނުގެ ނިންޓެންޑޯ ކުންފުންޏަށް 64.7 ބިލިޔަން ޔެން، ނުވަތަ 569 މިލިޔަން ޑޮލަރު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. މިއީ އެނެލިސްޓުން ލަފާކުރި އަދަދަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

ޕޮކެމޯން ގޯ މިދިޔަ އަހަރުގެ މެދުތެރޭގައި ރިލީޒް ކުރި އިރު، އެ ގޭމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ތަރުހީބު ބޮޑުވިއެވެ. މީގެ އިތުރުން، އައިފޯނަށް ޚާއްސަކޮށްގެން ނިންޓެންޑޯއިން ސުޕަމާރިއޯގެ ފުރަތަމަ އޮރިޖިނަލް ގޭމް މިދިޔަ އަހަރު އިއުލާންކޮށް، ނެރެފައިވާ އިރު، އެއީވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްމާޓްފޯން ގޭމެކެވެ.

މީގެ އިތުރުން، ނިންޓެންޑޯގެ "3ޑީއެސް" ގޭމިންގް ކޮންސޯލްތަކުގެ ވިޔަފާރިވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރަނގަޅުކަން ފާހަގަވެއެވެ. ނަމަވެސް ނިންޓެންޑޯގެ "ވީ ޔޫ" ކޮންސޯލްގެ ވިޔަފާރި ވެއްޓުނުކަން ފާހަގަވިއެވެ.

ނިންޓެންޑޯގެ އާމްދަނީގެ 75 ޕަސަންޓަކީ ޖަޕާނުން ބޭރުން އަންނަ އާމްދަނީއެވެ. ޖަޕާނުގައި ޑޮލަރުގެ އަގު ރަނގަޅުވުމުގެ ސަބަބުން، ބޭރު ދުނިޔެއިން ލިބުނު ބޮޑު އާމްދަނީގެ ފައިދާވެސް ނިންޓެންޑޯއަށް ކުރިއެވެ.

comment ކޮމެންޓް