މަހަކު 40،000 ރުފިޔާ ނުލިބޭ ވިޔަފާރިތައް މީރާގައި ރެޖިސްޓްރީ ކުރާކަށް ނުޖެހޭނެ

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 40،000 ރުފިޔާ ނުލިބޭ ވިޔަފާރިތަކާއި ޑީމްޑް ޕާޓްނަރޝިޕްތައް ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ވިޔަފާރިތަކަށް ލުޔެއް ދީފިއެވެ.

މީގެ ކުރިން އޮންނަ ގޮތުން، 20،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭނަމަ ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހެއެވެ. ނަމަވެސް އިއްޔެ މީރާއިން ނެރުނު ޓެކްސް ރޫލިންގްގައި ބުނެފައިވަނީ، ރަޖިސްޓްރީކުރަން ޖެހޭނީ މަހަކު 40،000 ރުފިޔާއިން މަތިން ލިބޭ ވިޔަފާރިތަކެވެ.

އެހެންކަމުން، މިއީ 40،000 ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕް ވިޔަފާރިތަކަށް ލިބޭ ލުޔެކެވެ.

މި ލުއި ލިބޭ ނަމަވެސް، އެފަދަ ވިޔަފާރިތަކަށް އަމިއްލަ އިޚްތިޔާރުގައި މީރާގައި ރަޖިސްޓަރކުރެވޭނެއެވެ. އަދި ގާނޫނާއި ގަވައިދާ އެއްގޮތަށް ހިސާބުތައް ބަލަހައްޓަން ެޖެހޭނެ ކަމަށް ޓޭކްސް ރޫލިންގްގައި ވެއެވެ.

މީރާއިން މިދިޔަ ހަފްތާގައިވެސް ވަނީ ވިޔަފާރިތަކަށް ބޮޑު ލުޔެއް ދީފައެވެ. އެއީ، ވިޔަފާރިތަކުން ލިބޭ އާމްދަނީ އެއް މިލިއަން ރުފިޔާއަށްވުރެ މަތި ނުވާ ނަމަ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ގެނައި އިސްލާހެކެވެ.

މީގެ ކުރިން އެ ގަވާއިދުގައިވާ ގޮތުން ނަމަ އާމްދަނީ 750،000 އަށް ވުރެ މަތި ނުވާ ނަމަ ބީޕީޓީ ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަލަށް ގެނައި އިސްލާހުގައި ބުނަނީ ފަރުދުންނަށާއި ޑީމްޑް ޕާޓްނާޝިޕްތަކުގެ ތެރެއިން އާމްދަނީ، އެއް މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އަދި ޓެކްސް ބިނާކުރެވޭ ފައިދާ 500000 ރުފިޔާއަށް އިތުރުނުވާނަމަ ބީޕީޓީ ބަޔާން ދައްކަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ވިޔަފާރި ހިސާބުކުރާ މުއްދަތުގައި އެކުންފުނީގެ ޓެކްސް ނެގޭ ފައިދާ ފަސް ލައްކައަށްވުރެ މަތިވާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް