ހިތުގެ ފަރުވާއަކަށް ހިތްތަކުގެ އެހީއަށް!

ނަޖުދާ އޭނާގެ އާއިލާ މެމްބަރުންނާއެކު-- ހިތުގެ ބައްޔަށް ދީލަތި އެހީއަކަށް އެދޭ-- ސަން ފޮޓޯ

ފުރާވަރު އުމުރުގެ، އެ ޒުވާން ޖިންސުއްލަތީފުވެސް ދިރިއުޅުމަށް ބޮޑެތި އުންމީދުތަކެއް ކުރެއެވެ. ނަމަވެސް އުފަންވުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެ އުފާތަކަށް ވަނީ އެތައް ހުރަހެއް އެޅިފައެވެ. ގއ. ކޮލަމާފުށީ، ވައިޓްރޯސް، ނަޖުދާ އަހުމަދަކީ ޓެޓްރަލޮޖީ އޮފް ފެލޮޓް (ޓީއޯއެފް) ޖެހިފައިވާ ކުއްޖެކެވެ. އެބަލީގެ ސަބަބުން އުމުރުން 17 އަހަރުގެ ނަޖުދާ ދިރިއުޅެމުންދަނީ ވަރަށްވެސް ހާލުގައެވެ.

"އަބަދު ބަލިވެ އުޅެނީ، ނުވެއް ކެވޭ، އަބަދުވެސް އުނދަގޫވާތީ ނަޖުދާ އުޅޭނީ, އެހެންވެ ރަނގަޅަށް ކަމެއްވެސް ނުކުރެވޭ، ނުވެސް ކިޔެވޭ،" އެޒުވާން ކުއްޖާގެ ހާލަތު ކިޔައިދެމުން އޭނާގެ ދައްދަ ނާޒިފާ އަހުމަދު ބުންޏެވެ.

ނަޖުދާއަށް ޖެހިފައިވާ ބައްޔަކީ މައިމީހާގެ ބަނޑުގައި އޮންނައިރު ޖެހޭ ބައްޔެއްކަމަށްވާ ޓެޓްރަލޮޖީ އޮފް ފެލޮޓް (ޓީއޯއެފް)ގެ ވައްތަރެއް ކަމުގައިވާ "ޕަލްމަނަރީ އެޓްރޭޝިއާ" އެވެ. ހިތުން ފުއްޕާމެޔަށް ލޭ ފޮނުވާނީ ހިތުގެ ކަނާތް ފަރާތުގައިވާ ހޮޅިއަކުން ކަމަށްވާއިރު އެބަލީގެ ސަބަބުން ކަނާތް ފަރާތުގައިވާ އެހޮޅި ބެދެނީއެވެ. އެހެންވެ ހޮޅި ބްލޮކުވެ ހިތުން ޕަމްޕު ކުރާ ލޭ ފުއްޕާމެޔަށް ނުފޮނުވެނީއެވެ. އެފަދަ ކުދިން ނޭވާ ކުރުވުމާއި، އަވަސް އަވަހަށް ލޮޑުވާނެއެވެ.

ނަޖުދާގެ ބެލެނިވެރިޔާ ނާޒިފާ ބުނިގޮތުގައި، ނަޖުދާގެ ހިތުގައި ބޮޑު ލޯވަޅެއް ހުންނަ ކަމަށް ޑޮކްޓަރުން ބުނެއެވެ. ނަޖުދާގެ ހަށިގަނޑަށް ދައުރުކުރާ ލޭ ސާފުނުވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް އޭނާ ބުންޏެވެ.

މިވީހާތަނަށް ތިން ފަހަރެއްގެ މަތިން އިންޑިއާއަށް ގޮސް ނަޖުދާއަށް ވަނީ ފަރުވާދީފައެވެ. އަމްރީތާ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދެނީ ވީހާވެސް އަވަހަށް އޮަޕަރޭޝަން ކުރަން ކަމަށް އާއިލާއިން ބުނެއެވެ. އެހެން ނޫންނަމަ ފުރާނައަށް ގެއްލުންވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އާއިލާއިން ބުނެއެވެ.

"ޑޮކްޓަރުން ގެރެންޓީއެއް ނުދޭ ގިނަ ދުވަހު ނުހުންނާނެ ކަމަށް، ނާރުތައް އަދި ލޯވަޅު ބައްދަން އޮޕަރޭޝަނެއް ކުރަން ޖެހޭ، އެހެންވެ ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރަން ޑޮކްޓަރުން އަންގަނީ،" ނަޖުދާގެ ދައްތަ ނާޒިފާ ބުންޏެވެ.

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުން ކުރަންޖެހޭ އެ ބޮޑު އޮޕަރޭޝަނަށް އާސަންދަ ލިބުނު ނަމަވެސް އަމިއްލައަށް ކުރަންޖެހޭ ހޭދަަތައް ބޮޑެވެ. ނަޖުދާގެ އުމުރުން ހަގު އިރު ކުރަން ބުނި އެއޮޕަރޭޝަން ނުކޮށް ގިނަ ދުވަސްވާރަކަށް އޭނާގެ ސިއްހީ ހާލަތު ދަށްވެ ނުރައްކާ ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އާއިލާގެ އެދުމަކީ ދީލަތި އެހީއެކެވެ.

"އާއިލާއަށް މިވަރުގެ ބޮޑު އޮޕަރޭޝަނެއް ކުރެވޭ ވަރުގެ ތަނަވަސްކަން ނެތް، އަޅުގަނޑުމެން އެދެނީ ދީލަތި އެހީއަކަށް، އާސަން ލިބިފައި ވީނަމަވެސް އާސަންދައިން ހަރަދު ކުރެވެނީ ހަމައެކަނި ޕޭޝަންޓަށް،" ނާޒިފާ ބުންޏެވެ.

ނަޖުދާއަށް އެހީވުމަށް:

ނާޒިފާ އަހުމަދު 7621008

އެކައުންޓް ނަމްބަރު:

ނާޒިފާ އަހުމަދު: 7730000085571

ޑޮލަރު އެކައުންޓް އަހުމަދު މުހައްމަދު: 7701275749101

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް