ބްރިޖު އަޅާނެ، އެކަމަކު ތަރައްގީއަކީ ހަމައެކަނި އެއީއެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރާއްޖޭގެ އެތައް ރަށެއްގައި އުމްރާނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށް--- ސަން ފައިލް ފޮޓޯ

މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖު އަޅާނެ ކަމަށާއި ނަމަވެސް ތަރައްގީއަކީ ހަމައެކަނި އެއީ ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިގޮތަށް ވާން ދޫކޮށްލެވޭކަށް ނެތް. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީން އުޅެން އޮތް ރާއްޖެ އެއީ. ރާއްޖެ ދޫކޮށްލާފައި ގޮސް ވަކި ހުންނާނެ އެހެން ރާއްޖެއެއް، އަޅުގަނޑުމެން އެކެއްގެ ވެސް ނެތް، ރައީސް ނަޝީދު

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލާފައިވާ ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ ސްރީލަންކާއަށް ވަޑައިގެންނެވެ. އެމަނިކުފާނު އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައި، އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ އިރު، ސްރީލަންކާއަށް މިދިޔަ ހަފްތާގައި ވަޑައިގަތީ އެމްޑީޕީގެ މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ނަޝީދު ސްރީލަންކާގައި ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން، އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ ކެބިނެޓުގެ ބައެއް ބޭފުޅުންނާ ވެސް ނަޝީދާ ބައްދަލުކުރެއްވި އެވެ.

ސްރީލަންކާގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުންނާ މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އެތައް ރަށެއްގައި އުމްރާނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަން ހިނގާކަން ގަބޫލުކުރައްވާ ކަމަށެވެ.

"ޔަގީން ކަށަވަރު، ބްރިޖު އަޅާނެ. އެތައް ކޮންކްރީޓެއް، ކިތަންމެ ތަނަކުން މާ ބޮޑަށް ވެސް ފެނިގެން ދާނެ،"

ނަމަވެސް ތަރައްގީއަކީ ހަމައެކަނި އެއީ ނޫން ކަމަށާއި، ތަރައްގީއަކީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލަކާއި، ލިބޭ ތަނަވަސް ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކޮންކްރީޓު ދަގަނޑުން، އަޅާ ބްރިޖަކުން، އެއްގަމު ތޮއްޓާއި ބޮޑުހިލަ ބަނދަރެއް ހެދިޔަސް އަދި ރަށުގައި އަޅާ މަގަކަށް ވިޔަސް އޭގެން އަޅުގަނޑުމެންގެ އާމްދަނީއަށް، ޖީބަށް ވަންނަ އެއްޗަކަށް ބަދަލެއް އަންނަ ތަނެއް ތިބޭފުޅުންނަށް ނުފެންނާނެ. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން އިސްވެ ހުރެ، ހެޔޮ ވެރިކަމުގެ ނިޒާމެއް ކުރިއަރުވަންް ބޭނުންވާ މަންޒަރު ނުފެންނަ ކަމަށާއި، އެކަން އެގޮތަށް ވާން ދޫކޮށްލެވެން މިއަދު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިގޮތަށް ވާން ދޫކޮށްލެވޭކަށް ނެތް. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީން އުޅެން އޮތް ރާއްޖެ އެއީ. ރާއްޖެ ދޫކޮށްލާފައި ގޮސް ވަކި ހުންނާނެ އެހެން ރާއްޖެއެއް، އަޅުގަނޑުމެން އެކެއްގެ ވެސް ނެތް،"

ނަޝީދު ވިދާޅުވީ ދުނިޔޭގެ ސަފުން ރާއްޖެ ބާކީ ނުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށާއި، ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.

"ކޮމަންވެލްތުން ވަކިވެ، ދޭދޭ ގައުމުތަކާ ޒުވާބުކޮށް، އެހެން ގައުމުތަކުން ބަދުބަސް ރާއްޖެއަށް އަމާޒުކުރާތަން ފެންނަނީ. އަޅުގަނޑުމެންގެ ރާއްޖެއަކީ ލާމެހިފައި އޮތް ދުނިޔެއެއްގައި އޮތް ގައުމެއް. ދިވެހީންގެ ކުރިއެރުން ގުޅިފައި ވަނީ އެހެން ގައުމުތަކުގެ ވެސް ނިޒާމުތަކާ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ރަށު ގޮނޑުދޮށާ ހިސާބަށް އުޅެގެން ދިވެހީންނަށް ފައިދާއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކަކީ ވިޔަފާރިއަށް ފަހި، ދިރިއުޅުމަށް ތަނަވަސް ތަންތަނަށް ހަދަން ޖެހޭ ކަމަށާއި، މިކަންކަން ކުރެވޭނީ ހެޔޮ ވެރިކަމެއް ކުރެވިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެބަ ޖެހޭ އަތޮޅު ދުނިން، ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދަން،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް