ހަތަރެސްފައި ބަނދެފައި ވާދަކުރިޔަސް ސަރުކާރު ބަލިވާނެ: ނަޝީދު

ކުރީގެ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން، އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހިރާއްޖެއަށް ލިބިފައި އޮތް އެންމެ ބޮޑު ފުރުސަތު ކަމަށާއި، އެ އިންތިޚާބުގައި އެމްޑީޕީގެ "ހަތަރެސްފައި ބަނދެފައި" ވާދަކުރިޔަސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ބަލި ކުރައްވައި، ސަރުކާރުގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލާފައި ހުންނަވަނިކޮށް އިނގިރޭސި ވިލާތަށް ވަޑައިގެން އެގައުމުގެ ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ އިރު، މިއަދު ވަނީ އެ ގައުމުގައި ދިރިއުޅޭ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެން ބޭނުން ނުވާ ކަމަށާއި، އެކަން އެގޮތަށް ދޫކޮށްލައިގެން ހުރެވޭކަށް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އެންމެ ކައިރީގައި އޮތް، އެންމެ މުހިންމު ހަރަކާތަކީ ކައުންސިލް އިންތިޚާބު ކަމަށާއި، ސަރުކާރަށް އެ އިންތިޚާބު ބާއްވަން ނުކެރޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހަތަރެސްފައި ބަނދެފައި އެމްޑީޕީއާ ވާދަކުރި ނަމަވެސް، ބަލިވެވަޑައިގަންނަވާނެކަން ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ނުކެރޭނެއޭ. ބާއްވައިފިއްޔާ، ބަލިވާނެ މިންވަރު މާ ބޮޑަށް ސާފުވާނެ. ތާއީދެއް ނެތް ކަމާއި، ވަޒީފާއި ކުޑަ ގޮޅިއާ ހުރިހާ ކަމެއްގެ ބިރު ދައްކައިގެން ރައްޔިތުން ތަންތަނަށް ނެރި، އެހެން ގެންގުޅުނު ކަމަކު ވޯޓު ފޮށި ކައިރީގައި ހުއްޓެނީ ތިމަންނާ އެކަނިކަން ރައީސް ޔާމީނަށް ވަރަށް ސާފުކޮށް އެނގޭނެ. އެ ފޮއްޓަށް ތިބޭފުޅުން ލާނެ ވޯޓު ރައީސް ޔާމީނަށް އަންދާޒާ ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަމަ އުޅުނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް ޕީޕީއެމަށް އިންތިޚާބަށް ތައްޔާރު ނުވެވުމުގެ ސަބަބުން އެ ޕާޓީއިން ކޯޓަށް ދިއުމުން، ކޯޓުން ވަނީ އިންތިޚާބު ދެ މަސް ދުވަހަށް ފަސްކުރުމަށް ހުކުމް ކޮށްފައެވެ. އެއަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބު، އޭޕްރިލް އަށްވަނަ ދުވަހު ބޭއްވުމަށެވެ.

ނަމަވެސް އެ ދުވަހު އިންތިޚާބު ބާއްވާނެ ސްކޫލުތައް ނުލިބޭތީ، އިލެކްޝަނުން މި ހަފްތާގައި ވަނީ، އޭޕްރިލް 15 ވަނަ ދުވަހަށް އިންތިޚާބު ފަސްކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ބާއްވަން ސަރުކާރަށް ނުކެރެނީ، އިންތިޚާބުން ބަލިވާނެކަން ސަރުކާރަށް އެނގޭތީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ބޭއްވުމާއި، އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ ދިވެހިރާއްޖެއަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ފުރުސަތު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގައި ވަގު ހަދައި، އޮޅުވާވެސް ލެވިދާނެ ކަމަށާއި، ނަމަވެސް އެކަމުގެ ބޭއިންސާފު ރައްދުވާނީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކަމަށެވެ.

"700 އެތައް ކެންޑިޑޭޓުން ކުރިމަތިލާ އިރު، ބޭއިންސާފު ރައްދުވާނެ އޭގެން ކޮންމެ ކެންޑިޑޭޓަކާއި، ކޮންމެ ރަށެއްގައި ވެސް ތިބި އެތައް އާއިލާއަކަށް،"

ކޮންމެ ވޯޓުފޮއްޓެއް ވެސް ގުނަނީ ވޯޓުލާ ރަށުގައި ކަން ފާހަގަ ކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އެ ވޯޓުތައް ބެލެހެއްޓޭނެ ކަމަށެވެ.

"ތިބޭފުޅުންނަށް އެ ވޯޓު ބެލެހެއްޓެވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ އިންތިޚާބު ކާމިޔާބު ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް