ދެކުނުގެ އިންޑަސްޓްރިއަލް ޒޯނަށް ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އަންނާނެ: ލަންކާ

ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ --

ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓްގައި ގާއިމުކޮށްފައިވާ ހަމްބަންތޮޓަ އިންޑަސްޓްރިއަލް ޒޯނަށް ފަސް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވެއްޖެ އެވެ.

ހަމްބަންތޮޓަގެ ބަނދަރަކީ ޗައިނާގެ ބޮޑު ލޯނު އެހީއެއްގެ ދަށުން އެޅި ބަނދަރެކެވެ. އެ ބަނދަރު ހިންގަން ވެސް ދީފައި ވަނީ، ޗައިނާގެ ޗައިނާ މާޗަންޓް ޕޯޓް ހޯލްޑިންގްސް ކޮމްޕެނީ (ސީއެމްޕޯޓް)ގެ 80 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް، ސްރީލަންކާ ސަރުކާރާ އެކު ހެދި ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި ކުންފުނިން ހަމްބަންތޮޓަ ބަނދަރު 99 އަހަރަށް އޮޕަރޭޓުކުރާނެއެވެ.

ބަނދަރު ޗައިނާއިން ދިގު މުއްދަތަކަށް ކޮންޓްރޯލް ކުރާ އިރު، ބަނދަރު ކައިރީގައި ބޮޑު ސަރަހައްދެއް ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ޒޯނުގައި ވިޔަފާރި ގާއިމުކުރުމަށް ލަންކާއިން ވަނީ ޗައިނާއަށް ދައުވަތު ދީފަ އެވެ.

އިނގިރޭސިވިލާތުގެ "ދަ ބެންކަރ" މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި، ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވީ އެ ޒޯނަކީ ހަމައެކަނި ޗައިނާއަށް ޚާއްސަ ތަނެއް ނޫން ކަމަށާއި، އެތަނުގައި އިންވެސްޓް ކުރުމަށް ޖަޕާން، ދެކުނު ކޮރެއާ، އިންޑިއާ، މެލޭޝިއާ އަދި ވިލާތުގެ ގަތުމުތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ސްރީލަންކާ މި ހަދަނީ އިންވެސްޓްމެންޓް ޕްލެޓްފޯމަކަށް ލޯކަލް މާކެޓަށް ެކަންޏެއް ނޫން. އިންޑިއާ، ޕާކިސްތާން އަދި ލަންކާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުން ހަދާ އެހެން ޕާޓްނަރުންނަށް ވެސް،" ރަވީ ވިދާޅުވިއެވެ.

ރަވީ ވިދާޅުވީ އެތަނަށް ފަސް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި، ކުރިޔަށް އޮތް އަހަރުތަކުގައި ލައްކައަކަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް