ތިނަދޫ ފްލެޓުތަކަށް ކުރިމަތިލި މީހުންގެ ގެދޮރުވެރިކަމުގެ މައުލޫމާތު ސައްޙަތޯ ބަލަނީ

ގދ. ތިނަދޫ ---

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ގޯތި ގެދޮރުގެ ތަނަވަސްކަމާގުޅޭ މަޢުލޫމާތު ސައްހަތޯ ބެލުމަށް ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ތިނަދޫގައި އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން އޭ ކެޓަގަރީ އަދި ބީ ކެޓަގަރީގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ގޯތިގެދޮރުގެ ތަނަވަސްކަން ބަލައި ޗެކްކުރުމަށް ތައްޔާރުކުރެވިފައިވާ ފޯމު ތިނަދޫ ކައުންސިލްގެ އިދާރާ އިން ފުރުއްވުމަށް ފަހު މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް އަންގަން ޖެހޭނެ ކަމަށެވެ.

އަދި އެ ފޯމު، މިނިސްޓްރޫގެ ވެބްސައިޓުން މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށާއި ކައުންސިލް މެދުވެރިކޮށް ފުރުމަށް ފަހު އެ މިނިސްޓްރީއަށް ހުށަނާޅުއްވާ ފަރާތްތަކުގެ ފޯމުތައް، އިވެލުއޭޓްކުރުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އެ އިއުލާނުގައި މިނިސްޓްރީން ބުނެފައިވެ އެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި އެ ރަށުގައި އަޅާފައިވާ ފްލެޓްތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 600 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ އިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 250 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ. ބާކީ 15 ފްލެޓު ހަމަޖައްސާފައި ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫގައި އަޅާފައި ވަނީ 120 ފްލެޓުގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓު ޚާއްސަކޮށްފައި ވަނީ ތިނަދޫ ރަށްވެހިންނަށެވެ. ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓު ޚާއްސަކޮށްފައި ވަނީ ތިނަދޫއަށް ހިޖުރަ ކުރާ މީހުންނަށެވެ.

comment ކޮމެންޓް