ޓީޗަރުންގެ މޫނު ފެންނަން ޖެހޭ: އުތެމަ

މޫނު ބުރުގާ އަޅާފައިވާ އަންހެނެއް-- ފޮޓޯ -- އަލްޖަޒީރާ

ކިޔަވައިދޭ ޓީޗަރަކީ ކާކުކަން އެނގުމަށާއި ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ޓީޗަރުގެ މޫނު ކުދިންނަށް ފެންނަން ޖެހޭ ކަމަށް އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ އުތެމަ ޖަމިއްޔާ އިން ބުނެފި އެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުންނާ ގުޅޭ ގޮތުން، މިދިޔަ ޑިސެމްބަރު މަހު އުފެއްދި އުތެމަ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓީޗަރުންގެ ހަށިގަނޑާއި މޫނުގެ ހަރަކާތްތަކުން ތުއްތު ކުދިން ގިނަ ކަންތައްތަކެއް ދަސްކުރާކަން އިލުމުގެ އަލީގައި އެނގޭ އިރު އެއީ މުހިންމުކަމެއް ކަމަށެވެ.

"ބައެއް އިސްލާމީ ގައުމުތަކުގައި ވެސް މިފަދަ ސަބަބުތަކަށް ޓަކައި މޫނު ބުރުގާ އަޅާ ޓީޗަރުން ވެސް ތުއްތު ކުދިންނަށް ކިޔަވައިދޭން މޫނުފާޅުކުރަން ޖެހޭ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުންގެ ވަޒީފާ ގެއްލި ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ހައްގުތަކާ ގުޅިގެން ހަރުދަނާކޮށް އަމަލުކުރުމަށް އެޖަމިއްޔާ އިން އެދެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެމުން އަންނަ މޫނު ބުރުގާ އެޅި ޓީޗަރަކު، މޫނު ބުރުގާ ނުނެގުމުން ވަޒީފާއިން ވަކިކޮށްފައިވާ އިރު އއ.މަތިވެރީ ސުކޫލު ޓީޗަރަކަށް ވެސް ވަނީ މޫނު އަޅައިގެން ސުކޫލަށް ނުނިކުތުމަށް އަންގައިފަ އެވެ.

ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް ބަޔާން ކުރާ ޗެޕްޓާ ބުނާ ގޮތުން މޫނު ނިވާކޮށްގެން ވަޒީފާ އަދާކުރުމުގެ ފުރުސަތެއް ނުލިބެ އެވެ. އެޗެޕްޓާގެ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާ އެކު ދޭން ޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން އެނގޭ ފަދަ ގޮތެއްގަ އެވެ.

comment ކޮމެންޓް