ފިލްމުތައް ފްލޮޕް ވިޔަސް ޝްރައްދާއަށް ހާސްކަމެއް ނެތް، ބައްޕަ ވަރަށް މުއްސަނދި!

ޝްރައްދާ އާއި އޭނާގެ ބައްޕަ ޝަކްތީ --

އަރަމުން އަންނަ ބަތަލާ ޝްރައްދާ ކަޕޫރަށް ފަހަކަށް އައިސް މާ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކުރެވިފަ އެއް ނުވެ އެވެ. 2010 ވަނަ އަހަރު ވަރަށް ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފުވުމަށް ފަހު، ބޮޑު ރޯލަކުން ޝްރައްދާ ފުރަތަމަ ފެނުނީ 'ލަވް ކާ ދި އެންޑް' އިންނެވެ. އެ ފިލްމަކީ މާ ކާމިޔާބު ފިލްމަކަށް ނުވި އެވެ.

ޝްރައްދާގެ ފުރަތަމަ ހިޓު ފިލްމަކަށް ވެގެން ދިޔައީ 'އާޝިގީ 2' އެވެ. އެއަށްފަހު 'އެކް ވިލަން'، 'ހައިދަރު' އަދި 'ބާގީ' ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވެ އެވެ.

ކާމިޔާބު ފިލްމުތަކަކަށް ފަހު އުމުރުން 29 އަހަރުގެ ޝްރައްދާ އަށް ދެން ކުރިމަތިވީ މާ ކާމިޔާބު ދުވަސްތަކެއް ނޫނެވެ. އޭނާ އެންމެ ފަހުން ކުޅުނު ދެ ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގައި ފްލޮޕް ވެފައެވެ. 'ރޮކް އޮން 2' އަދި 'އޯކޭ ޖާނޫ' އަށް ވެސް މާ އެދެވޭ ތަރުހީބެއް ލިބިގެން ނުދިޔައެވެ.

އެހެންކަމުން ޝްރައްދާގެ ނިންމުންތަކާ މެދު މިހާރު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެ ސުވާލުތަކަށް އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު މިވަނީ ޖަވާބު ވެސް ދީފައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝަކްތީ ބުނީ ޝްރައްދާގެ ފިލްމުތައް ނާކާމިޔާބު ވިޔަސް އޭނާ ހާސްވާން ނުޖެހޭ ކަމަށާއި، ޝްރައްދާގެ ކެރިއަރު ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"އަވަސް އަރުވާލައިގެން ފިލްމަކަށް ސޮއި ކުރުމުގެ ބޭނުމެއް ނެތް. ޝްރައްދާ އަކީ ރިސްކް ނަގާ މީހެއް ނޫން. އަހަންނާ ޚިލާފަށް، ޝްރައްދާ އަށް ލިބިފައި ވަނީ ވަރަށް މުއްސަނދި ބައްޕައެއް، އެހެންވީމަ ޝްރައްދާއަށް ހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ،" ސަމާސާ ރާގެއްގައި ޝަކްތީ ބުންޏެވެ.

ނާކާމިޔާބު ފިލްމުތަކަށް ފަހު ޝްރައްދާ އޭނާގެ ޓީމު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ޝަކްތީ ބުނީ، އެކަހަލަ އެއްވެސް ކަމެއް ނޫޅޭ ކަމަށެވެ.

އަދި އެފަދަ ވާހަކައެއް ދެކެވެމުން އަންނަ ސަބަބު ވެސް ނޭނގޭ ކަމަށާއި ޝްރައްދާގެ މެނޭޖަރާއި، އެޖެންސީ އިން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަކްތީ ބުންޏެވެ.

"ޝްރައްދާ އަކީ އެޖެންސީގެ އެންމެ ގިނަ ދުވަސްވީ އެއް ފަންނާނު. ޝްރައްދާ އެޖެންސީއާ ގުޅުނީ އާޝިގީ 2 ގެ ވެސް ކުރިން އަދި މިހާރު 13 ވަރަކަށް ބްރޭންޑް ގައި ވެސް އަންނަނީ މަސައްކަތް ކުރަމުން. އެއީ އާލިއާ ބަޓް އަށް ވުރެ ވެސް ގިނަ،" ޝަކްތީ ބުންޏެވެ.

އާލިއާ އާއި ޝްރައްދާ އަކީ އިންޑަސްޓްރީގައި ތިބި އެންމެ ވާދަވެރި ދެ ބަތަލާ އިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ޝްރައްދާ އަށް ވުރެ އާލިއާ މާބޮޑަށް ކުރީގައި އުޅޭ ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ. އާލިއާ ވަނީ މިދިޔަ އަހަރު ވެސް ހިޓް ތިން ފިލްމެއް ކުޅެ ފިލްމު ފެއާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ވެސް ހޯދައިފައެވެ.

ޝްރައްދާ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ 'ހާފް ގާލްފްރެންޑް' އަދި 'ހަސީނާ' އެވެ.

comment ކޮމެންޓް