ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާ ކުރިމަތިލުމަށް ޔޫރަޕްގެ ލީޑަރުން ކުއްލި ސަމިޓެއް ބާއްވަނީ

ޔޫރަޕްގެ ލީޑަރުން

ބްރަސަލްސް (ފެބްރުއަރީ 2): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި އަދި ނަސްލީ އިމްތިޔާޒުގެ ސިޔާސަތުތަކާ ޖަމާއީ ގޮތުން ކުރިމަތިލުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދުގެ ލީޑަރުން މޯލްޓާގައި ކުއްލި ސަމިޓެއް ބޭއްވުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކުރަމުން ޔޫރަޕްގެ އިއްތިޙާދުގެ ސެކްރެޓޭރިއަޓުން ބުނީ މިސަމިޓްގެ ބޭނުމަކީ ޓްރަމްޕްގެ ސިޔާސަތުތަކާމެދު ޔޫރަޕްގެ ގައުމުތައް ކަންބޮޑުވާ ކަންކަމާ ޔޫރަޕްގެ އިއްތިޙާދުގެ ހުރިހާ ގައުމުތައް ގުޅިގެން ކުރިމަތިލެވޭނެ ގޮތްތަކެއް އެކަށައެޅުމެވެ. މީގެއިތުރުން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން ކުރިމަތިވާނެ ގެއްލުންތަކާބެހޭގޮތުންނާ އަދި އުތުރު އެފްރިކާގެ ގައުމުތައް (ޚާއްސަކޮށް ލީބިޔާގެ ބިން ބޭނުންކޮށްގެން) ޔޫރަޕަށް ކުރާ ޣައިރު ގާނޫނީ ހިޖްރަ ހުއްޓުވުމުގެ މައްސަލަވެސް މިސަމިޓަށް އެޖެންޑާ ކުރެވިފައިވާ ކަމަށް ޔޫރަޕްގެ އިއްތިޙާދުގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތައް ބިނާވެފައިވަނީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ޔޫރަޕާއި އެމެރިކާއާ ދެމެދު މީގެ ދުއިސައްތައެއްހާ އަހަރު ކުރިން ބިނާކުރަމުން އަންނަ ގުޅުންތައް ވަރަށް ބޮޑަށް ކުޑަކޮށްލުމުގެ މައްޗަށެވެ. ޚާއްސަކޮށް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމި ނިންމުމަށް ޓްރަމްޕް މަރްހަބާ ވިދާޅުވެ ޔޫރަޕްގެ އިއްތިޙާދުގެ އެއްބައިވަންތަކަމަށް އިހްތިރާމް ނުކުރައްވާ ގޮތަށް ޓްރަމްޕްގެ ވާހަކަތައް ހުންނާތީ ޔޫރަޕްގެ ގައުމުތައްވަނީ ވަރަށް ކަންބޮޑުވެފައެވެ.

އަދި ހިޖްރަކުރުން ހުއްޓުވުމަށާއި ނަސްލީ އިމްތިޔާޒަށް ހިތްވަރު ލިބޭގޮތަށް ޓްރަމްޕް ނެރުއްވަމުން ގެންދަވާ ރިޔާސީ ހަރުކަށި އަމުރުތަކުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތައްވަނީ ޓްރަމްޕްގެ ސިޔާސަތުތަކާމެދު ކަންބޮޑުވާކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަކޮށްފައެވެ. މީގެއިތުރުން ދިފާއީ ކަންކަމުގައި ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް ބަރޯސާވާގޮތަށް އުފައްދާފައިވާ ނޭޓޯ ޖަމާއަތަކީވެސް ޒަމާނަށް ނުފެތޭ ބޭކާރު ޖަމާއަތެއް ކަމަށް ޓްރަމްޕް ސިފަކުރައްވާފައިވާތީ އާއި ޕޫޓިންއާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއާ ގާތްގުޅުންތަކެއް އޮންނަކަމަށް ބެލެވޭ ބެލެވުންތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށްވަނީ ވަރަށްބޮޑަށް ބިރު ހީވެފައެވެ.

މޯލްޓާގެ ސަމިޓަކީ ޓްރަމްޕްގެ ސިޔާސަތުތަކާމެދު ޔޫރަޕްގެ ގައުމުތައް ކަންބޮޑުވާ މިންވަރު ޑިޕްލޮމެޓިކް ގޮތުން ހާމަކުރުމަށް ބާއްވާ ފޯރަމެއްފަދަ ކަމެއްކަމަށް ޔޫރަޕްގެ އިއްތިޙާދުގެ އިސް މަސްއޫލުވެރިއަކުވަނީ ސިފަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް