ކޮލިޓީ ދަށްވެގެން، ލަންކާއިން 40،000 ޓަނުގެ ތެޔޮ އަނބުރާ ފޮނުވާލައިފި

ލަންކާގެ ތެލާ ބެހޭ ވަޒީރު ޗަންދިމަ ވީރައްކޮޑީ --

ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ހަކަތަ ސަޕްލައިކޮށްދޭ ނެދަލެންޑްސްގެ ކުންފުނި ވައިޓޮލްއިން ސްރީލަންކާއަށް ސަޕްލައިކޮށްދިން 40،000 ޓަނުގެ ތެލުގެ ކޮލިޓީ ދަށްވެގެން އެތަކެތި އަނބުރާ ފޮނުވާލައިފި އެވެ.

ރޮއިޓާސްއާ ވާހަކަ ދައްކަވަމުން ސްރީލަންކާގެ ޕެޓްރޯލިއަމް ރިސޯސް މިނިސްޓަރު ޗަންދިމަ ވީރައްކޮޑީ ވިދާޅުވީ، ވައިޓޮލްއިން ލަންކާއަށް ސަޕްލައިކޮށްދިން 40،000 ޓަނުގެ ޑީސަލްގެ ތަހުލީލުތައް ހެދި އިރު، އެތަކެއްޗަކީ ލަންކާއިން ގަބޫލުކުރާ ބައެއް ސްޕެސިފިކޭޝަނާ ދިމާނުވާ ތެޔޮ ކަން ފާހަގަވި ކަމަށެވެ.

"އެ ސްޕެސިފިކޭޝަނާ ދިމާ ނުވާތީ އަޅުގަނޑު ނިންމީ އެ ތެޔޮ ޝިޕްމެންޓު އަނބުރާ ފޮނުވާލަން،" ލަންކާގެ ތެލާ ބެހޭ ވަޒީރު ވީރައްކޮޑީ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ސްޕެސިފިކޭޝަނެއް ކަން އޭނާ ފާހަގައެއް ނުކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވީ، ވައިޓޮލްއިން ސަޕްލައި ކޮށްދިން ތެޔޮ، ލަންކާގެ ތެލާ ބެހޭ ކުންފުނި ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސެޕެޓްކޯ)އިން ދެފަހަރު ޓެސްޓުކުރި ކަމަށާއި އެ ދެ ފަހަރު ވެސް ޓެސްޓުތައް ފެއިލްވި ކަމަށެވެ.

މި ޝިޕްމެންޓް އަނބުރާ ފޮނުވާލި ނަމަވެސް، ލަންކާއަށް ތެލުގެ ދަތިކަމެއް ނެތް ކަމަށާޢި ސީޕީސީގެ ބެލުމުގެ ދަށުގައި ލަންކާއަށް ބޭނުންވާ ވަރަށް ތެޔޮ އަދިވެސް ރައްކާކުރެވިފައި އެބަހުރި ކަމަށް މނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ވައިޓޮލްގެ ތަރުޖަމާނަކު ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް ވައިޓޮލްއިން ދަނީ ސްރީލަންކާއާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.

ސްރީލަންކާ އިން މީގެ ކުރިން ވެސް މިފަދަ ގޮތްގޮތަށް މައްސަލަ ޖެހުނު ތެލަށް ފައިސާ ދެއްކުމަށް ދެކޮޅު ހަދައި، ތެޔޮ ޝިޕްމެންޓުތައް އަނބުރާ ފޮނުވާލުން ފަދަ ކަންކަން ކޮށްފައިވެ އެވެ.

comment ކޮމެންޓް