ވީގޮތް ނޭނގި ތިއްބާ ދެވަނަ ވަޒަން، ފިޔަވަޅު އަޅަން ޖެހޭ!

މީގެ ދެ އަހަރު ކުރިން ހިންމަފުށީ ގެއަށް އެރި ވަޒަން-- ފައިލް ފޮޓޯ

މީގެ ދެ އަހަރާއި ހަތް މަސް ކުރިން ކ. ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި ހުއްޓައި ވަނީ ފެނިފަ އެވެ. ސިފައިންނާއި ފުލުހުން އެ މައްސަލަ ތަހުގީގު ކޮށްފައިވާ އިރު މިހާތަނަށް އެނުރައްކާ ހާދިސާ ހިނގިގޮތް ހާމަކޮށްފައެއްނުވެ އެވެ. އޭގެ ދެ އަހަރު ފަހުން އަނެއްކާ ވެސް ހަމަ އެފަދަ ހާދިސާއެއް ހިނގާފައިވާ އިރު، ކުރީ ހާދިސާއަކީ ސިފައިންގެ އިހުމާލުންވީ ކަމެއްކަމަށް ހިންމަފުށީ ކައުންސިލަށް އަންގާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

"އެމީހުން [ސިފައިން]ގެ އިހުމާލުން ވެފައިވާ ކަމެއްކަމަށް ކުރީފަހަރު ބުނެފައި އޮތީ، އެއީ ކުރީފަހަރު، އަދި މިފަހަރު އެއްޗެއް ދަންނަވަން ނޭނގެ،" ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް ވިދާޅުވި އެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

އެކަމާ ގުޅިގެން ސިފައިންގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އެ ދެހާދިސާއާ ގުޅިގެން ވެސް ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

ބެލެވެނީ ދެ ސިނާރިއޯއަކަށް!

ތަހުގީގީ ނަޒަރަކުން ބަލާއިރު މީގައި އޮތީ ދެގޮތެވެ. އެއްގޮތަކީ ހިންމަފުއްޓާ އެއް ކިލޯ މީޓަރު ދުރުގައި އޮންނަނީ ސިފައިންގެ ޓްރެއިނިން ބޭސް ކަމަށްވާ ގިރިފުށިން އަންނަ ވަޒަންތަކެކެވެ. އަނެއްގޮތަކީ ހިންމަފުށީގައި ހަތިޔާރު ގެންގުޅެނީ އެވެ.

ގިރިފުއްޓަކީ ތަމްރީނުތަކަށް ހަތިޔާރު ބޭނުންކުރާ ރަށަކަށްވާއިރު އެރަށުގައި ހަތިޔާރު ބޭނުންކުރާ އަޑު ވަރަށް ސާފުކޮށް ހިންމަފުއްޓަށް އިވެ އެވެ. އަދި މީގެ ކުރީ ފަހަރު ވަޒަން އެރި ގޭގެ ދޮރަށް އެ ވަޒަން އެރީ ގިރިފުށިން ކަމަށް ސިފައިން ބުނާކަމަށް ކައުންސިލުން ބުނާ އިރު އެއީ ގިރިފުށިން އަންނަ ވަޒަންތަކެއް ކަމަށް ބެލެވެ އެވެ.

އަސްކަރީ ދާއިރާގެ ތަޖުރިބާ ކާރަކު ވިދާޅުވި ގޮތުގައި ގިރިފުށިން ޖަހާ ވަޒަނެއް ހިންމަފުއްޓަށް އެރުމަކީ ވެދާނެ ކަމެކެވެ. އެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުކޮށް ސިފައިން ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާ ދުރު މިނަށް ބަލާއިރު އެފުރުސަތު އެބައޮތެވެ.

"ވަޒަން އަރާނެ އެހިސާބަށް [ހިންމަފުއްޓަށް] އަދި ސީދާ ސީދާ އަންނަ ވަޒަން ހާއްސަކޮށް،" އޭނާ ވިދާޅުވި އެވެ.

ކުރީ ފަހަރު ވަޒަން އެރި ގެއާއި މިފަހަރު ވަޒަން އަރާފައި ހުއްޓާ ފެނުނު ގެއަކީ ވެސް ގިރިފުއްޓާ ދިމާލު އަތިރިމައްޗަށް ވާގޮތަށް ހުންނަ ދެގެ އެވެ. އަދި މިފަހަރު ވަޒަން އަރާފައި ހުއްޓާފެނުނު ލިލީނައިޓްގެ ހުންނަނީ ކުރީފަހަރު ވަޒަން އެރި ގެއަށް ވުރެ ގިރިފުއްޓާ މާ ކައިރި ސަރަހައްދެއްގައެ ވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން ވިދާޅުވި ގޮތުގައި މިފަހަރު ދޮރަށް އަރާފައިވާ ވަޒަން އަރާފައިވާގޮތުން ބޮޑަށް ބެލެވެނީ މަތިން އޮއްސިގެން އައި ވަޒަނެއް ދޮރަށް އެރީ ކަަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބާރު އަޑު ފަށްގަނޑަކާ އެކު އެ ދޮރަށް ވަޒަން އަރާފައިވާކަމަށް ބެލެވޭ އިރު ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެދުވަސްކޮޅު ސިފައިން ވަނީ ގިރިފުށީގައި ފިސްތޯލް ބޭނުންކޮށްގެން ތަމްރީނުތަކެއް ހަދައިފަ އެވެ. ނަމަވެސް ސިފައިންގެ ބަހެއް ނުލިބޭތީ އެކަން ޔަގީނެއް ނުވެ އެވެ.

ދެން އޮތީ ހިންމަފުށީގައި ހަތިޔާރު ގެންގުޅެނީތޯ އުފެދޭ ސުވާލެވެ. ދާދި ފަހަކުން ސިފައިންގެ ބަޑިގުދަނުގެ ހަތިޔާރު ވެސް ފަޅު ރަށްރަށުން ވެސް މިވަނީ ހޯދައިފަ އެވެ. ނަމަވެސް ހިންމަފުށީ ދެ ގެއަށް އަރާފައިވާ ދެ ވަޒަނަކީ އެރަށުން ޖަހާފައިވާ އެއްޗެއް ކަމަށް އެދާއިރާގެ ތަޖުރިބާކާރުން ވިދާޅެއްނުވެ އެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުން ވަޒަނެއް، ކައިރިން ޖަހައިފި ނަމަ ދޮރު ފޫއަޅައި ދާނެ އެވެ. އެހެންކަމުން އެދެ ވަޒަން ދޮރުގައި ހަރުލާފައި ހުރުމުން އެއީ ވަރަށް ދުރުން ޖެހި ވަޒަނެއް ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ޔަގީންކޮށްދޭ ގޮތުގައި މިހާތަނަށް ހިންމަފުށީގައި ހަތިޔާރު ގެންގުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއްނުވެ އެވެ. ނަމަވެސް ސިފައިން ގިރިފުށީގައި ތަމްރީނުތައް ހަދާތާ އެތައް އަހަރެއްވެފައިވާ އިރު މިފަހަކަށް އައިސް އެ ރަށުން ވަޒަން ފެންނަން ފެށުމުން އެކަމުގައި ސުވާލު އުފެދޭ ކަންކަން ވަނީ އިތުރުވެފަ އެވެ.

ހައްލަކީ ކޮބާ؟

އެތައް އާއިލާއެއް ދިރިއުޅޭ ރަށަކަށް، ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައް ދެވޭ ފަދަ ވަޒަން އެރުމަކީ ބޮޑު ބިރުވެރިކަމެކެވެ. އެރަށް އޮތީ އެ ބިރުވެރިކަމުގެ ތެރޭގަ އެވެ. އަސްކަރީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ބަޑި ޖަހާ "ރޭންޖް" ހިންމަފުއްޓާ ދިމާލަށް ހުންނަ ނަމަ އެކަން މިހާރުން މިހާރަށް ބަދަލުކުރަން ޖެހެ އެވެ.

"ބަޑި ޖަހާ ދިމާ ބަދަލު ކުރުން މިއީ އެންމެ މުހިންމު ކަންތައް، ދެން އޮތް ކަމަކީ ހިންމަފުއްޓާ ދިމާ އުސްކުރުން، މިހާރު ވެސް ގިރިފުށީގައި އުސްކޮށްފައި ހުންނަ ހިސާބުތައް ހުރޭ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ވަޒަން އެރިތާ ދެ އަހަރު ވެފައިވާއިރު އެކަން އޮތީ ވީގޮތް ސިއްރުކުރެވިފަ އެވެ. ނަމަވެސް މިއީ ހާމަ ކުރަންޖެހޭ ކަމެކެވެ. އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާ ފަދަ މިފަދަ ކަންތައްތައް ހާމަކުރަންޖެހެ އެވެ. އަދި އެފަދަ ހާދިސާތައް ނުހިނގާނެ ގޮތަށް އަމަލުތައް ބަހައްޓަންޖެހެ އެވެ.

comment ކޮމެންޓް