މިއަހަރު ތެރޭގައި 1000 ޕްރޮގްރާމަރުން ތަމްރީނުކުރަނީ

ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޮމްޕިއުޓަރ ކޯޑިން ދަސްކޮށްދިނުމަށް ކޯސްތަކެއް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވަޒީފާތަކަށް ދިވެހި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން 1000 ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު އައިޝަތު ޝިހާމް ވިދޅުވީ، ސަރުކާރުގެ އަމާޒަކީ ޒުވާނުން ބާރުވެރި ކުރުވުން ކަމަށާއި، ކޯޑު ކުރަން ދަސްކޮށްދޭ ކޯސްތަކުގެ ސަބަބުން އެތަކެއް ވަޒީފާއެއް އުފެދިގެންދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މިއަހަރުތެރޭގައި ކޮމްޕިއުޓާ ކޯޑިން ޕްރޮފެޝަނަލްސް އުފެއްދުމަށްޓަކައި 1000 ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެ ކޯސްތަކަކީ އެ ދާއިރާގެ އުފެއްދުންތެރި ކުންފުނިތަކުން ގަބޫލު ކުރާ ކޯސްތަކަކަށް ވާނެ ކަމަށެވެ.

"މި ކޯސްތަކަކީ ގޫގުލް ފަދަ މިދާއިރާގެ އުފެއްދުންތެރި ކުންފުނިތަކުން ގަބޫލު ކުރާ ކޯސްތަކަކަށް ވާނެ. މިސަރުކާރުގެ އަމާޒަކީ ޒުވާނުން މިދާއިރާއިން ބާރުވެރި ކުރުވުން. އެއީ ޖާވާ، ޕައިތަން ޕީއެޗްޕީ ނުވަތަ ސްވިފްޓް ފަދަ ކޮމްޕިއުޓާ ލެންގުއޭޖް ގެ ދާއިރާއިން އެޑްވާންސްޑް ޓްރެއިންނިން ފޯރުކޮށްދެވިގެން. މި ރޮނގުން ކާމިޔާބުވާ ހުނަރުވެރި ޒުވާނުންނަކީ ދުނިޔޭގައި ދެން އުފެދޭ އެޕް ނުވަތަ ޔުނިކޯން ސްޓާޓާގެ ވެރިން. މީގެ ސަބަބުން އާ ވައްތަރެއްގެ އެތައް ހާސް ވަޒީފާތަކެއް މިގައުމުގެ ޒުވާނުންނަށް އުފެދިގެންދާނެ،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، އެ ކޯސްތަކުގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދިގެންދާއިރު، ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގެ ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ވާހަކަފުޅުގައި، ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވައިލެއްވި އެވެ.

އެގޮތުން 2015 ވަނަ އަހަރު 1000 ފާމަސީ އެސިސްޓެންޓުންނާއި، 1000 ކޭޝިއަރުން ތަމްރީނު ކޮށްފައިވާ ކަމަށާއި، ޓޫރިޒަމް ދާއިރާއިން 800 ފުރުސަތު ދީފައިިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން 900 އަށްވުރެ ގިނަ ނަރުހުން ތަމްރީނު ހާސިލް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް