ހިންމަފުށީ ގެއެއްގެ ކުޑަ ދޮރަށް ވަޒަނެއް އަރައިފި

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

ކ. ހިންމަފުށީ ގެއެއްގެ ކުޑަ ދޮރަށް ވަޒަނެއް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް މިއަދު ވިދާޅުވީ، ހިންމަފުށީ ގެއަކަށް ވަޒަނެއް އެރިކަމުގެ ރިޕޯޓެއް މިއަދު ހަވީރު ލިބިފައިވާކަމަށާއި، އެ ގޭގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް 'ސަން' އަށް ވިދާޅުވީ، ވަޒަން އަރާފައިވަނީ އެ ރަށު ލިލީނައިޓް ކިޔާ ގޭގެ ކުޑަ ދޮރަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ގެއަކީ އުތުރު ފަރާތު އަތިރި މައްޗާ ކައިރީގައި ހުންނަ ގެއެއް ކަމަށާއި ބެލެވޭ ގޮތުގައި، އެއީ ގިރިފުށިން އައި ވަޒަަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގެއަކީ ގެސްޓުހައުސްއެއް ހިންގުމަށް ތަރައްގީ ކުރަމުންދާ ގެއެއް ކަމަށެވެ.

ޝާން ވިދާޅުވީ، އެކަމަކީ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި، ހާއްސަ ގޮތެއްގައި ގެސްޓުހައުސްތައް ހިންގާ ފަރާތްތަކުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

ގެސްޓުހައުސް ތަރައްގީ ކުރުމަށް ކުއްޔަށް ހިފައިގެން އުޅޭ ހަސަން ސަމީހު ބުނީ، އެ ވަޒަން އަރާފައިވާ ކަމަށް ބެލެވެނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ. އަދި ވަޒަން އެރި އިރު، އެ ގޭގައި ގެސްޓުހައުސް ހެދުމަށް އިންވެސްޓު ކުރުމަށް އައިސް ހުރި ބިދޭސީ މީހާ އުޅޭ ކަމަށް އޭނާ ބުންޏެއެވެ.

ސަމީހު ބުނީ، ވަޒަން އަރާފައިވާކަން އެނގުނީ މިއަދު އެ ކުޑަދޮރުތަކުގައި ކުލަ ލުމަށް އެ ދޮރުތައް ބެލުމުން ކަމަށެވެ. އަދި ގެސްޓުހައުސް ހަދަން އިންވެސްޓު ކުރުމަށް އައިސް ހުރި ބިދޭސީ މީހާ ނިދާފައި އޮއްވާ ދޮރުގައި އެއްޗަކުން ވަރަށް ބާރަށް ޖެހުނު އަޑު އިވިގެން ބެލި އިރު އެއްވެސް މީހަކު، ނެތް ކަމަށް އެ ބިދޭސީ މީހާ ބުނާ ކަމަށެވެ. އެހެން ކަމުން އެރޭ އިވުނު އަޑަކީ ދޮރަށް ވަޒަން އެރި އަޑު ކަމަށް ބެލެވޭ ކަމަށް ސާމިހު ބުންޏެވެ.

ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އެރި ހާދިސާއެއް 2015 ވަނަ އަހަރުވެސް ހިނގިއެވެ. އަދި އޭރު އެ މައްސަލައިގެ ތަހުގީގެއް ކުރެވުނު ނަމަވެސް އަދި މިއަދާ ހަމައަށް ވެސް އެކަން ހިނގަން މެދުވެރިވި ސަބަބެއް ކަމާގުޅޭ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް