ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަންނަން 350 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ އެކު ހަދާ ޓުއަރިޒަމް އައިލެންޑް (ކ): ޓުއަރިޒަމް އައިލެންޑާއި ހުޅުމާލެއާ ގުޅުވުމަށް ދެ ބްރިޖު ހަދާނެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކާފައިވާ ސަރަހައްދުން ބިން ގަތުމަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް 350 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަތުމަށްޓަކައި ބީލަމުގައި ބައިވެރިވުން މިއަދު ކުރިއަށް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމްގައެވެ. މާލޭގެ ފަސް ވަނަ އަވަށްކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަތުމަށް 300 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާއިރު ދެން އޮންނާނީ ބީލަން ހުށަހެޅުމެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ބޭއްވި ރަޖިސްޓްރޭޝަން ސެޝަނުގައި ބައިވެރިވެ ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އެންޓާ ކުރަމުން ދާ ކަމަށާއި މިހާތަނަށް 350 އަށްވުރެ ގިނަ ފޯމުތައް އެންޓާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ވި މީހުންގެ ސީދާ އަދަދެއް އޭނާ ވިދާޅެއް ނުވެއެވެ. އޮފިޝަލް ވިދާޅުވީ ހުރިހާ ފޯމެއް އެންޓާ ކޮށް ނިންމުމަށްފަހު މީހުންގެ އަދަދު ހާމަ ކުރާނެ ކަމަށެވެ.

އެގޮތުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ ހަ ވަނަ ދުވަހުގެ 12:00 ގައި ހަމަ ހޮޓެލް ޖެންގެ ބޯލް ރޫމްގައެވެ. ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 13:00 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިން ވިއްކަން ހަމަޖައްސާފައި ވަނީ ޖުމްލަ 101،954.33 އަކަފޫޓުގެ ބިމެވެ. އެގޮތުން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ގަންނަން ހުށަހެޅޭނީ 2000 އަކަފޫޓާއި 6000 އަކަފޫޓާ ދެމެދުގެ ބިންތައް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ބީލަން ކާމިޔާބު ކުރުމުގައި އިސްކަންދޭނީ އެންމެ މަތިން އަގު ހުށަހަޅާ، އެއްފަހަރާ އަގު އަދާ ކުރާ ފަރާތްތަކަށް ކަމަށާއި، އެއް ފަހަރާ އަގު އަދާ ކުރުމަށް ތިން ހަފްތާ އަދި ތާޑް ޕާޓީ ފައިނޭންސްއިން އަގު އަދާ ކުރަން ބޭނުންވާ ނަމަ ތިން މަސް ދުވަސް ދެވޭނެ ކަމަށެވެ.

comment ކޮމެންޓް