ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައި ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބު މިއަދު ވަނީ އޭޕްރީލް 15 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އިންތިހާބު ބާއްވާ ތާރީހު ބަދަލު ކުރީ އިންތިހާބުގެ ވޯޓު ފޮށިތައް ބަހައްޓާ ސްކޫލުތައް ނުލިބުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް އެދިފައިވާ ކަމަށެވެ.

އަމްޖަދު ވިދާޅުވީ ޕްރިންސިޕަލުންނާއި ޓީޗަރުން ހިމެނޭ ގޮތަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު އިންތިޚާބުގެ ކަންތައްތަކުގައި އެ ކޮމިޝަންގެ ފަރާތުން ހަރަކާތްތެރިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުކުރީ އިންތިޚާބާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން މިއަދު އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވެގެން ދިޔައީ ގައުމީ ލަފާދޭ ކޮމެޓީގެ ހުރިހާ ބޭފުޅުންގެ އިއްތިފާގާ އެކުގައި،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވުމުން ވޯޓާސް ލިސްޓަށް ބަދަލުތަކެއް އަންނާނެ އެވެ. ސަބަބަކީ އޭޕްރީލް 15 ވަނަ ދުވަހަށް 18 އަހަރު ފުރޭ މީހުން އެ ލިސްޓަށް އިތުރުކުރަންޖެހޭތީ އެވެ.

comment ކޮމެންޓް